ޕްރޮގްރެސް ކޮންގްރެސް ކޯލިޝަންގައި ހިމެނޭ ޕީޕީއެމް އެ ކޯލިޝަންގެ ހަރަކާތްތަކުން ފެންނަން ނެތް އިރުވެސް ޕާޓީ ފެންނަ ކަމަށް ބުނެ ޕީއެންސީ ޕީޖީ ގްރޫޕްގެ ލީޑާރ އަދި މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރު މުހައްމަދު ފަލާހް އިތުރުފުޅު ހައްދަވައިފި އެވެ.
ފަލާހް މި މޭރަމުން ވާހަކަދައްކަވާފައި ވަނީ ބުދަ ދުވަހު އެ ޕާޓީގެ އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަށް ޖަވާބުދެއްވަމުންނެވެ.
އެގޮތުން އެ ނޫސްވެރިޔާ ވަނީ ވެރިކަމަށް އައި ފަހުން ހަރަކާތްތަކުން ޕީޕީއެމް ނުފެންނަނީ ކީއްވެތޯ ސުވާލުކޮށްފައެވެ.
އެ ސުވާލަށް ޖަވާބު ދެެއްވަމުން ފަލާހް ވިދާޅުވީ މިވަގުތު މަސައްކަތްކުރަނީ ޕީއެންސީއަށް ވަކި އަމާޒަކަށް ވަކި އަދަދަކަށް މެމްބަރުން ހަމަކުރުމަށް ކަމަށްވާތީ އެހެން ހީވެދާނެ ކަމަށެވެ. އެހެން ނަމަވެސް ޕީޕީއެމް އާއި ޕީއެންސީ އަންނަނީ އެއްކޮށް މަސައްކަތްތަކެއް ކުރަމުންކަމަށް އޭނާ ވަނީ ވިދާޅުވެ އިތުރުފުޅު ހައްދަވާފައެވެ. އެއީ ޕީއެންސީއަށް މެމްބަރުން ގިނަ ކުރުމަށް ކުރާ މަސައްކަތުގައި ޕީޕީއެމް އުޅޭ މަންޒަރެއް ހަގީގަތުގައި ނުފެނެއެވެ.
އެހެންކަމުން ފަލާހް ހެއްދެވީ ދޮގެއް ކަން ހާމަވެގެންދެއެވެ. ވެެރިކަން ހޯދުމަށް ބޭނުން ކުރީ ޕީޕީއެމްގެ ކުލަޔާއި އެ ޕާޓީގެ އާންމު މެމްބަރުންނެވެ. ވެރިކަން ލިބުމާއެކު ޕީޕީއެމް މަގުމަތިކޮށް ސަރުކާރުގެ ވެރިން މިސްރާބު ޖެހީ އެ ޕާޓީގައި ތިބި މެމްބަރުން ޕީއެންސީއަށް ބަދަލުކުރުމަށެވެ.