ކ. ހުވަފެންފުށި ރިސޯޓު ކައިރީ އޮންނަ ފަސްގަނޑަކަށް ދަތުރުގޮސް އުޅެނިކޮށް ގެއްލުނު ތަސްލީމް މުހައްމަދު ހޯދުމަށް ޓަކައި އިންޓަޕޯލް ޔެލޯ ނޯޓިސް ނެރެދިނުމަށް ފުލުހުން އެދިއްޖެއެވެ.
ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ތަސްލީމް ވީ ނުވީއެއް ނޭގި ގެއްލުނު މައްސަލަ ރިޕޯޓްކޮށްފައިވަނީ މިިދިޔަ އޮގަސްޓް މަހުގެ 30 ވަނަ ދުވަހު 13:20 ހާއިރު ކަމަށެވެ. މި މައްސަލަ ފުލުހަށް ރިޕޯޓުކުރުމާއެކު އޭނާ ހޯދުމުގެ މަސައްކަތް ފަށާފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އެ ގޮތުން ތަސްލީމް މުހައްމަދު ދަތުރު ގޮސް އުޅުނު ފަސްގަނޑު ބަލާ ފާސްކުރުމުގެ މަސައްކަތާއި މެރިން ޕޮލިސް އާއި މޯލްޑިވެސް ނެޝަނަލް ޑިފެންސް ފޯސް ކޯސްޓުގާޑާ މައުލޫމާތު ހިއްސާކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އަދި ތަސްލީމް ހޯދުމުގެ މަސައްކަތުގައި ފުލުހުންގެ ޑައިވިން ޓީމުން ފަސްގަނޑު ހިމެނޭ މޫދު ސަރަހައްދަށް ޑައިވްކޮށްފައިވާއިރު އެމްއެންޑީއެފް ޑައިވިން ޓީމުން ވެސް އޮގަސްޓް 31، ސެޕްޓެމްބަރު 1 އަދި 6 ވަނަ ދުވަހަށް 943،998 އަކަ މީޓަރު ސަރަހައްދަށް ޑައިވްކޮށް ބަލާފައިވާ ކަމަށް މި ބަޔާނުގައި ވަނީ ބުނެފައެވެ.
މި ބަޔާނުގައި އިތުރަށް ބުނެފައިވަނީ އެ މައްސަލައިގެ ތަހުގީގަށް ލިބިފައިވާ މައުލޫމާތުން އެނގޭ ގޮތުގައި ތަސްލީމް މާލެއިން ފުރާފައިވަނީ އޮގަސްޓް 29 ވަނަ ދުވަހު 17:00އާއި 17:30އާ ދޭތެރޭގެ ވަގުތެއްގައި ކަމަށެވެ.
އެ ފަސްގަނޑަށް ގޮސްފައި ވަނީ އޭނާ ހިމެނޭހެން 25 މީހުންނާއި ދެ ކުޑަކުދިންނާއެކު ކަމަށް ފުލުހުން ބުނެފައިވާ ފުލުހުން ބުނީ އެ ދަތުރު ރޭވި އެ މީހުންގެ ރައްޓެހިކަމުގައި، އޭގެ ތެރެއިން ބަޔެއްގެ އުފަންދުވަހާއި އެންގޭޖްމެންޓް ޕާޓީއެއް ފާހަގަކުރުމަށް ޕާޓީގެ މަސައްކަތްތަކެއް ކުރުމަށް ކަމަށެވެ.
ތަސްލީމް އެ ދަތުރުގައި ބައިވެރިވީ ޕާޓީއަށް ތައްޔާރުކުރާ ބެކް ޑްރޮޕާއި، ލައިޓިންގެ ކަރަންޓުގެ މަސައްކަތް ކުރުމަށްކަމަށް ތަހުގީގަށް އެގިފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.