ނ. ހޮޅުދޫގައި ޒަހަމްތަކަކާ އެކު، ނިޔާވެފައި އޮއްވައި ފެނުނު ޒަކިއްޔާ މޫސާގެ ތަހުގީގު އަދިވެސް ދަނީ ކުރިއަށް ކަމަށާއި އަދި މިވަގުތު ތަފްސީލެއް ދެވެން ނެތް ކަމަށް ފުލުހުން ހާމަކޮށްފިއެވެ.
ސެޕްޓެމްބަރު މަހުގެ 11 ވަނަ ދުވަހު، އަމިއްލަ ގޭގައި ބޮޑެތި ޒަޚަމްތަކަކާ އެކު ނިޔާވެފައި އޮއްވާ ފެނުނު ޒަކިއްޔާގެ މަރާ ގުޅޭ ގޮތުން އަދާހަމަ ދެމުން ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ޒަކިއްޔާގެ މަރު ތަހުގީގުކުރަން މާލެއިން ދިޔަ ޚާއްސަ ތަހުގީގު ޓީމުން އަދިވެސް ހޮޅުދޫގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
ހަމައެހެންމެ މައްސަލައަކީ ތަހުގީގު ކުރިއަށްދާ މައްސަލައަކަށްވުމުން އިތުރު ތަފްސީލް ހާމަކުރެވެން ނެތް ކަމަށް މީޑިޔާ އޮފިޝަލް ވިދާޅުވިއެވެ. ފުލުހުން އިތުރަށް ވިދާޅުވީ މިފަދަ މައްސަލަތަކުގައި ހުރިހާ އޭންގަލް އަކުން ވެސް ތަހުގީގަށް މައުލޫމާތު ހޯދާނެ ކަމަށެވެ.
ތަހުގީގުގެ ވަރަށް ކުރީކޮޅު ކަމަށާއި އެހެންވެ ތަހުގީގަށް ލިބޭ ކުރިއެރުންތައް ފަހުން މީޑިއާއާ ހިއްސާކުރަމުން ގެންދާނެ ކަމަށް ވިދާޅުވިއެވެ.
މިއީ އަމިއްލައަށް މަރުވުމުގެ މައްސަލައެއް ކަމަށް ބައެއް މީހުން ގަބޫލުކޮށް އެގޮތަށް ވާހަކަ ދެއްކި ނަމަވެސް މަރާ މެދު ފުލުހުން އަދި ވަކި ގޮތަކަށް ނުނިންމާކަމަށް ވެސް ވަނީ ހާމަކޮށްފައެވެ. އަދި އެފަދަ މައުލޫމާތެއް އެއްވެސް ފަރާތަކާ ހިއްސާކޮށްފައިވެސް ނުވާނެ ކަމަށް ވަނީ ހާމަކޮށްފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ޒަކިއްޔާގެ ވައިނޮޅިގައި ވަޅި އަޅާ ވަނީ ބުރިކޮށްލާފައެވެ.