ގދ. ވާދޫގައި ދައުލަތުގެ މުދަލާއި ވަސީލަތްތައް ބޭނުންކޮށްގެން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ވައްކަން ކުރާ ކަމުގެ ތުހުމަތުތަކެއް އަމާޒުވެއްޖެއެވެ.
މައްސަލައިގައި ހިމެނޭ ކަމަށް ތުހުމަތު ކުރަނީ ފެނަކައިގެ މުވައްޒަފުންނާ އަދި އެޑިއުކޭޝަން މިނސިްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކެވެ. އަދި ބޭނުންކުރަމުން ދަނީ ފެނަކައިގެ ބޭނުމަށް ގެނެސްފައި ހުރި ދައުލަތުގެ މުދަލާ ވަސީލަތްކަމަށް މައުލޫމާތު ލިބިފައިވެއެވެ.
ނަންހާމަ ނުކުރުމަށް ޝަރުތުކޮށް ފެނަކައިގެ އޮފިޝަލަކު މައުލޫމާތު ދީފައިވާ ގޮތުން ވާދޫގައި އިމާރާތް ކުރަން ފަށާފައިވާ އައު އިންޖީނުގެ ހެދުމަށް ވާދޫއަށް ގެންގޮސްފައިވާ މެޓީރިއަލް ބޭނުންކޮށްގެން ވާދޫގެ ފެނަކަ ބްރާންޗު ހިންގުމާއި ހަވާލުވެ ހުރި ޓެކްނީޝަން ތަހުނީން އަޙުމަދާއި ޑެޕިއުޓީ މެނޭޖަރ ޝާމިޚް އަހުމަދު ގެންދަނީ، އަމިއްލަ ގޮތުން ކޮންޓްރެކްޓަށް މަސައްކަތް ނަގައި ފެނަކަިއގެ ވަސީލަތް ބޭނުންކޮށްގެން އާމދަނީ ހޯދަމުން ކަމަށެވެ.
އެގޮތުން އެހެން ކުރަމުންގެންދާ ކަމުގެ މަޢުލޫމަތު ލިބިގެން އެ މައްސަލަ ބަލަމުން އަންނަ ކަމަށާ އަދި އެތަނުގައި ހުރި ވަރަށް ގިނަ ޓޫލްސްތައް ވިއްކާ މަސްތުވާ ތަކެތި ގަތުމުގެ މަސައްކަތް ކުރާކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.
އޭގެ އިތުރުނު އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އަހުމަދު ތޯރިފްގެ ޖަމިއްޔާއިން ވާދޫގައި ފައްތިޔާ އަޅަން ކޮންކްރީޓް ބްލޮކް އަޅާފައިވަނީ ވެސް ފެނަކަ މެޓީރިއަލް ބޭނުން ކޮށްކަމުގައި ވާދޫއިން މަޢުލޫމާތު ދީފައިވާ ކަމުގައި ފެނަކަ އޮފިޝަލް ވިދާޅުވިއެވެ.
ދާދިފަހުން ވާދޫ ކައުންސިލާ އެކު ބޭއްވުނު ބައްދަލުވުމުގައި ވެސް ފެނަކައިގެ ގުދަންތަކުން ވައްކަން ކުރާ ކަމަށާއި އެ ވައްކަން ތަކުގައި ބްރާންޗުގެ ބައިވެރިވުން އޮންނަ ކަމަށަ ރަށު ތެރޭގައި ގިނަ ފަރާތްތަކުން ވާހަކަ ދައްކަމުންދާ ކަމުގައިވެސް ބުނެފައިވެއެވެ.
ފެނަކައިގެ ވައްކަން ފެށިގެން ގޮސްފައިވަނީ ޑެޕިއުޓީ މެނޭޖަރާއި އާއިލީ ގުޅުން އޮންނަ ރަށުގެ ގިނަ ފަރާތްތަކުން ރަށުގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާކަމަށް ޝައްކު ކުރާ ދޫރެސް ހުސެއިން ނަޝީދުގެ އިރުޝާދުގެ ދަށުން ކަމުގައިވެސް މައުލޫމާތު ލިބިފައިވެއެވެ. އަދި ފެނަކަ ސައިޓުގައި ހުރި މެޓީރިއަލްސް ބޭނުންކޮށްގެން އެމް.ޑަބްލިއު.އެސް.ސީގެ ޕްރޮޖެކްޓެއް ތޯރިފްގެ ކުންފުނިން ނަގައި ގިނަ މަސައްކަތްތަކަށްކޮށްފައިވާ ކަމުގައިވެސް މަޢުލޫމާތު ލިބިފައިވެއެވެ.
މި މަސައްކަތެއްކަތުގައި އެމް.ޑަބްލިއު އެސް ސީގެ އެކްސްކަވޭޓަރ އެ ކުންފުންޏަށް ނާންނާންގާ ވަގަށް ބޭނުން ކުރަމުންދާ ކަމުގައި ވެސް ރަށުން މަޢުލޫމާތު ދީފައިވެއެވެ. މިއީ ދިވެހި ދައުލަތައް އެތަކެއް ގެއްލުން ތަކެއް ލިބޭ ކަމެއް ކަމަށާއި މަޤާމުގެ ނުފޫޒް ނާޖާއިޒް ގޮތުގައި ބޭނުން ކުރުން ކަމުގައިވެސް ފާހަގަ ކުރެވެއެވެ.
މި މައްސަލަ އޮއްބާލުމަށް ހުސެއިން ނަޝީދު ދާއިރާގެ މެމްބަރަށް ގުޅައިގެން ވާހަކަތައް ހިއްސާކޮށްފައިވާ ކަމަށް ނަން ހާމަކުރަން ބޭނުންވާނުވާ އޭނާގެ ގާތް މީހަކު މައުލޫމާތު ދީފައިވެއެވެ.