ނިމިދިޔަ މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ހޮވުމަށް ބޭއްވުނު ބައި އިލެކްޝަންގައި ސަރުކާރުގެ ފަރާތުން އިވިގެންދިޔައީ އިންޒާރުގެ ރަނގަބީލުތަކެއް ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
20 ވަނަ ރައްޔިތުންގެ މަޖިލީހަށް ޕީއެންއެފްގެ ފަރާތުން ވާދަކުރެއްވުމަށް ޝައުގުވެރިކަން ބަހައްޓާފައިވާ ކެންޑިޑޭޓުންނަށް ޚާއްސަ ކުރެވިގެން ފްރޮންޓް އޮފީހުގައި ކުރިޔަށް ގެންދެވުނު ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވަނީ މޭޔަރު އިންތިޚާބުގައި ސަރުކާރުން ކަންކަން ކުރައްވާފައިވާ ގޮތާއިމެދު ހިތްހަމަ ނުޖެހުން ފާޅުކުރައްވާފައެވެ.
އަޅުގަނޑުމެންނަށް މިދިޔަ މޭޔަރުގެ ކެމްޕޭނުގައި ސަރުކާރުގެ ފަރާތުން އަޑުއިވިގެންދިޔައީ އަޅުގަނޑުމެންގެ މޭޔަރަކު ހުރީމާ ފަސޭހައެއް ނުވާނޭ.. ސަރުކާރުގެ ފަރާތުން ލިބޭ އެހީތެރިކަމާއި..އަދި ބަޖެޓްގެ ކަންކަން ފަހިކޮށްދޭކަށް. އެ އަޑުތަކަކީ އަޅުގަނޑުމެންނަށް އިވިގެންދިޔަ އަޑުއަހަން ފަސޭހަ އިންޒާރުގެ ރަނގަބީލުތަކެއް ނޫން
އޭގެއިތުރުންވެސް ރައީސް ޔާމީން ވިދާޅުވީ ސަރުކާރުން މާލޭ ސިޓީ ކައުންސިލަށް ދޭންޖެހޭ ބަޖަޓެއް ނުދީ އިހުމާލުވާނަމަ، އެއީ އެންމެ ރަނގަޅުގޮތް ނޫންކަމަށެވެ.
ރައީސް ޔާމީން މިފަދައިން ވިދާޅުވެފައިވަނީ ސަރުކާރުން ނިމިދިޔަ މޭޔަރުގެ އިންތިޚާބުގައި ސަރުކާރުގެ ކެންޑިޑޭޓެއްގެ ގޮތުގައި އައިޝަތު އާޒިމާ ޝަކޫރު ނެރެ، އެކަމަނާއަށް ތާއިދުކޮށް އެހެން ކެންޑިޑޭޓުންނަށް ނުސީދާކޮށް އިންޒާރެއް ފަދައިން އެއްބާރުލުން ނުދެއްވާނެފަދަ މޭރަމަކުން ވާހަކަދެއްކުވުމުންނެވެ.