ނިމިދިޔަ ސަރުކާރެކޭ އެއްފަދައިިން މި ސަރުކާރުން މަސްވެރިންނަށް އިހުމާލުވަމުންދާ ވާހަކަ އަކީ އެއްވެސް ވަރަކަށް އައު ވާހަކައަކަށް ނުވާނެއެވެ. ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރަކީ މަސްވެރިންނަށް ފާގަތި ދުވަސްތަކެއް މިންވަރުކޮށްދިނުމުގެ ވައުދާއެކު އައި ސަރުކާރެއް ކަމީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫނެވެ. ރިޔާސީ އިންތިޚާބްގެ ކެމްޕެއިން ދުވަސްވަރު ބޮޑެތި ވައުދުތައް ވަމުން ގެންދެވި އިރު ފާހަގަކޮށްލެވޭގޮތުގައި އެންމެ ބޮޑެތި އަދި އެންމެ ގިނަ ވައުދުތައް ވެފައިވެސް ވަނީ މަސްވެރިންނަށެވެ.
ނަމަވެސް ކަންކަން ހިނގަމުން ދަނީ މި މަގުން ނޫންކަމަށް މަސްވެރިން ދަނި ފެށުނިއްސުރެ ޝަކުވާކުރަމުންނެވެ. އެގޮތުން ކުރީ ސަރުކާރުގައި ވިއްޔާ ބިލުކޮޅެއް ދޭ ކަމަށާ މިހާރު މި ސަރުކާރުގައި އެ ބިލުކޮޅުވެސް ގިނަ ފަހަރު ނުފެންނަ ކަމަށް ބުނަމުން ދެއެވެ.
މަސްވެރިން ސަރުކާރާ ދެކޮޅަށް ނުކުތީ މިއީ 48 ގަޑިއިރު ތެރޭގައި މްސްވެރިންގެ ފައިސާ ދޭނެ ކަމަށް ބުނެ އައި ސަރުކާރަކަށް ވެފައި 6 މަސް 7 މަސްވެގެން ދިޔައިރުވެސް މަސްވެރިންގެ ފައިސާގެ ހިލަމެއް ނުވުމުންނެވެ.
ތަކެއްޗާ ޚިދުމަތްތަކުގެ އަގު ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުގައި އިްނތިހާއަށް މަތިވެ އަތް ނުފޯރާފަށަށް އެރިއިރުވެސް މަސްވެރިންނަށް ލިބެންވާ ފައިސާ ނުލިބި އެ އާއިލާތައް ތިބި ބިކަވެފައެވެ. އެތައް ހަނގުރާމައެއްކޮށް އެތައް އަޑެއް ގަދަކޮށް އެތައް ދުވަހެއްގެ އިހުތިޖާޖާ އެކު ފައިސާކޮޅު ލިބުނުއިރު އެ ފައިސާތަކުން ޖެހުނީ އެކި މީހުންނަށް ދާރާފައި ހުރި ފައިސާތައް ދައްކާ ޚަލާސްކުރަންށެވެ. ދަރަނި ދައްކާ ޚަލާސްނުވެސް ކުރެވުނުއިރު އޭގެ ފަހުްނ މިހާރު އެތައ ްދުވަހެއް ދަނި ފައިސާ ނުލިބި ހޭދަވަމުންނެވެ.
އަނެއްކާވެސް މުޒާހަރާއާ އަޑު ގަދަކުރުމުގެ ސިލްސިލާއެއް ފަށަން ޖެހިދާނެކަމަށް މަސްވެރިން ބުނަމުންދާއިރު ސަރުކާރުން ހަމަ ކަހާތަން ހިރުވާވެސް ނުލައެވެ. ސަރުކާރަށް ހިލަމެއް ވާހެން ވެސް ހީނުވެއެވެ.
މަސްވެރިން ލޯބޯ ފިއްސައިގެން ކުރަމުންދާ މަސައްކަތުގެ އުޖޫރަ ނުދީ ތަފާތު ބަހަނާ ދެއްކުމަކީ ސަރުކާރުގެ އަތްމަތީ ކަމަކަށް ވެއްޖެއެވެ.
މަސްވެރިންނަށް ހައްގުތައް ކަށަވަރުނުވެ މަސްވެރިންދަނީ ހިތްދަތި ދުވަސްތަކެއް ތަހައްމަލުކުރަމުންނެވެ. އާއިލާގެ ޒަރޫރީ ބޭނުންތައް ނުފުއްދި މަސްވެރިން ތިބި މާޔޫސްވެފައެވެ. އަނގަޔާ އަތާ ދިމާނުވެ ބަނޑުފުރާ މުއްތި ކުރާނެ ގޮތެއް ކޮޅެއް މެދެއް ނުފެނިފައެވެ.
ކުރިން ދޭން ހުރި ފައިސ ާނުދެނީސް ދެން އެހެން އެއްޗެއްހި ފޯރުކޮށްދޭން ލޭންދޭނަށް ދެމުން ދިޔަ ފިހާރަތަކުން ދެކޮޅުހަދަނީއެވެ. މަސްވެރިން ތިބީ ގެއަށް ވަންނަން ނުކެރިފައެވެ. ގެއަށް ވަނުމުން އަނބި ދަރިންގެ މާޔޫސްވެފައިވާ މޫނުތަކުން ފާޅުވާ އަސަރުތައް ބަލަން ހިތަށް ކެތް ނުކުރާތީއެވެ.
މަސްވެރިން މިއަދު ބުނަމުން ދަނީ މަސްކޮޅަށް ލިބެންވާ އަގު ލަސްކުރަމުންދާއިރު އޭގެ ސަބަބުން ދުވަހެއް ދުވަހަކަށް އުއްމީދު ކުޑަވެ ހިތްވަނީ ބިކަކަމަށެވެ ދިރިއުޅުން ދަނީ ގަދައަށް ދަތިވަމުން ކަމަށެވެ.
ނަމަވެސް މިއަޑު އަހާނެ ކަންފަތެއް ސަރުކާރުގައި އެބަހުރިތޯ ސުވާލުއުފެދެއެވެ. މީގެ ކުރިން މަޖިލީހުގައި އަޑު ގަދަކޮށްފޭ "މަސްވެރިންނަށް ފައިސާ ނުދީ ޗަ ހަދަނީ ކޯއްޗެއް؟" ހޭ ވިދާޅުވި ބޭފުޅާ މަސްވެރި ވަޒީރަކަށް ހުންނަވޭ "މި ހަދަނީ ކޯއްޗެހޭ" މިއަދު މަސްވެރިން އެބަ ސުވާލުކުރެއެވެ.
ކަނޑަށް ނުކުންނަން އޮޑިއަށް އަޅާނެ ތެޔޮ ގަންނާނެ މިންވަރުވެސް މިއަދު ގިނަ އޮޑިތަކުގައި ނެތއިރު މަސްވެރިން ދަނީ އަނެއްކާވެސް އިހުތިޖާޖަށް ނުކުންނަން ޖެހިދާނެކަމުގެ އިންޒާރުދެމުންނެވެ.