ދިވެހި ސަރުކާރު އަބަދުވެސް ދެމި އޮންނާނީ ފަލަސްތީނު ރައްޔިތުންނާ އެކު ކަމަށާ ރާއްޖެއިން ފަލަސްތީނު މައްސަލައިގައި ސްޓޭންޑް ނަގާނީވެސް ފަލަސްތީނުގެ ހައްގުގައި ކަމަށް ދިވެހި ސަރުކާރުން އަންނަނީ ތަކުރާރުކޮށް ހާމަކުރަމުންނެވެ.
ސަހްޔޫނީން ރާއްޖެ އަށް އެތެރެވެވޭ ގޮތަށް އޮންނަ އޮތުން ބަދަލުކުރަން ގާނޫނު އިސްލާހު ކުރަން ޖޫން މަހުގެ 2 ވަނަ ދުވަހު ސަރުކާރުން ނިންމާ ރައީސް އޮފީހުގައި ވަޒީރުން ބޭއްވި ނޫސް ކޮންފަރެންސެއްގައި އެކަން އިއުލާން ކުރިއެވެ.
އެ ދުވަހުގެ ކެބިނެޓް ބައްދަލުވުމަށް ފަހު، ރައީސް އޮފީހުގައި ބޭއްވި މި ނޫސް ކޮންފަރެންސްގައި ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ، އެދުވަހުގެ ކެބިނެޓް ބައްދަލުވުމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައި ވަނީ ސަހްޔޫނީންގެ މީހުން ރާއްޖެ އެތެރެވިޔަ ނުދިނުމަށްޓަކައި ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް ގެންނަން ކަމަށެވެ.
ވަޒީރުންގެ މަޖިލީހުން ގާނޫނު ބަދަލު ކުރަން ނިންމިތާ 18 ދުވަސް ފަހުން، މަޖިލީހުގެ 20 ވަނަ ދައުރަށް ހުށަހެޅި ފުރަތަމަ ބިލުގެ ގޮތުގައި ޖޫން މަހުގެ 10 ވަނަ ދުވަހު ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއިލް އަހުމަދު ނަސީމް، އިޒްރޭލް ޕާސްޕޯޓް މަނާ ކުރުމުގެ ގޮތުން އިމިގްރޭޝަން ގާނޫނަށް އިސްލާހް ގެނައުމުގެ ބިލު މަޖިލީހުގެ ތަޅުމަށް ހުށަހެޅުއްވިއެވެ.ބިލް ބަލައިގަތުމަށް ފެނޭތޯ ހަމަ އެދުވަހު މަޖިލީހުގެ ތަޅުމުގައި ވޯޓު ނެގިއެވެ. ޖަލްސާ އަށް ހާޒިރުވި 88 މެމްބަރުންގެ އިއްތިފާގުން ފާސްވެ، ބިލް މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީއަށް ފޮނުވުމަށް ނިންމިއެވެ.
ރާއްޖޭގެ ޓޫރިޒަމާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލްގެ ބަހުސް އަދި ބިލުގެ ކޮމިޓީ މަރުހަލާގެ މަސައްކަތް އެއް ދުވަސް ތެރޭގައި ނިންމާލައިފައިވާ އިރު ސަހްޔޫނީންގެ ޕާސްޕޯޓު މަނާކުރުމަށް ދިވެހި ރައްޔިތުން ގޮވަމުންދާއިރުވެސް އެކަން ދިގު ދެންމުމުގެ ނިޔަތުގައި މި ސަރުކާރުން ކޮމިޓީ މަރުހަލާއަށް ފޮނުވާ 101 ދުވަސް ފާއިތުވިއިރުވެސް އަދިވެސް އެކަމަށް އަމަލީ ސިފައެއް ގެނެސްފައިނުވެއެވެ.
މުޅި ދުނިޔެ އެކަމަކާ މެދު ކަންބޮޑުވުން ފާޅުކުރަމުން އަންނަ ފަލަސްތީނު ސަހްޔޫނީންގެ ހަނގުރާމައަކީ ދެ ގައުމެއްގެ ދާޚިލީ މައްސަލައެއް ކަމަށްބުނެ އެއީ ނަސްލެއް ނައްތާލުން ކަމަށް ޒަމާނުއްސުރެ ދިވެހީން ބުނަމުން އައި ބުނުން ވެސް އެންމެ ކުޑަ މިނުން ހުއްޓާލީއެވެ.
ސަހްޔޫނީންގެ ޕާސްޕޯޓު މަނާކުރަން ދިވެހިން ތަކުރާރުކޮށް ގޮވަމުންދާއިރު ވެސް އެ ބިލުވެސް މޭޒުތަން ދޮަށަށް ލައްވައިގެން އިންނަވާ މަޖިލީހާ އެކަން ޖާމިނުކުރަނީއެވެ.
ސަހްޔޫނީންގެ އިސްތިއުމާރުގެ ދަށުން ފަލަސްތީނު މިނިވަން ކުރުމަކީ އިސްލާމީ އުއްމަތަށް އޮތް ވާޖިބަކަށް ވާކަމަށް ރައީސް މުއިއްޒުގެ ސަރުކާރުގެ އިސްލާމިކު މިނިސްޓްރީއިން ޚުތުބާތަކުގައި ލިޔެ އަޑު އިއްވަމުން ދާއިރު ވެރިމިހާ މިފެނިގެން ދަނީ އެކަމުގައި މުޅިން މަކަރާ އޮޅުވާލުން ގެންގުޅޭ މަންޒަރެވެ.
ރައްޔިތުން ގުނބޯ ހެއްދުމުގެ ޓެގު އެމްޑީޕީގައި އެޅުވިފައި އޮތް ނަމަވެސް މިހާރު އެ ޓެގު ޕީއެންސީ ބަދަލުކުރަން ޖެހޭ ކަމަށް ހެކިތައް ފެންނަމުންދާއިރު ސަހްޔޫނީންގެ ޕާސްޕޯޓާ މެދު ގޮތް ނުނިންމި ރައީސް މުއިއްޒު ކުރަމުންދާ މަސައްކަތަކީ އޭގެ ފުރިހަމަ ހެއްކެވެ.
މިވާހަކަތަކަކީ އަބަދުވެސް އަޅުގަނޑުމެން ދައްކާ ވާހަކަތަކެވެ. އެހެން ނަމަވެސް މިއަދު މި ވާހަކަ އަނެއްކާވެސް ތަކުރާރު ކުރަން މި ޖެހުނީ ސަބަބެއް ނެތި ނޫނެވެ. 10 ސެޕްޓެމްބަރުގައި ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ އިސް ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ ސަހްޔޫނީންގެ ޕާސްޕޯޓް މަނާ ނުކުރެވިގެން އުޅެނީ މަޖިލިސް ޗުއްޓީގައި އޮތުމުން ކަމަށެވެ. އެހެންވިޔަސް މަޖިލީހުގެ ރައީސް އަދުރޭ ވިދާޅުވީ މުހިންމު ކަމެއް ކުރަން ޖެހިއްޖާ ދައުރުން ބޭރުން ޖަލްސާ ބާއްވާނެ ކަމަށެވެ. އެހެންވީމާ ސަހްޔޫނީންގެ ޕާސްޕޯޓް މަނާކުރުން މިއީ އެހާ މުހިންމު ކަމެއް ނޫންތާއެވެ.
ސަރުކާރުން ދައްކަނީ ބަހަނާއަކަށް ފަހު ބަހަނާއެވެ.