ސަހްޔޫނީންގެ ޕާސްޕޯޓް މަނާނުކޮށް 103 ދުވަސްވެެއްޖެ އެވެ.
ސަޙްޔޫނީންގެ ޕާސްޕޯޓު މަނާކޮށް އެމީހުންނަށް ރާއްޖެ އެތެރެ ވިޔަ ނުދިނުމަށް ގޮވާލާ ދިވެހި ރައްޔިތުން ރައީސް އޮފީސް ކުރިމަތީ މުޒާހަރާ ކުރުމުން އެދުވަހު ކެބިނެޓުގައި އެކަމާ މަޝްވަރާކޮށް ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވިއެވެ. އަދި އެމައްސަލަ އަނބުރާ މަޖިލީހަށް ފޮނުވާލަން ނިންމާފައިވާ ކަމަށް ބުންޏެވެ.
އޭގެ ފަހުން ވެސް މިހާރު 103 ދުވަސް ފާއިތުވެފައިވާއިރު އަދިވެސް ސަހްޔޫނީންގެ ޕާސްޕޯޓާ ގުޅޭ މައްސަލައިގައި ވެރިކަން ކުރާ ޕީއެންސީގެ ސުޕަރ މެޖޯރިޓީ އޮތް މަޖިލީހުން ގޮތެއް ނިންމާފައިނުވެއެވެ. މަޖިލިސް އޮތީ ޗުއްޓީގައެވެ. އެހެން ނަމަވެސް ކުރަންޖެހޭ މުހިންމު ކަމެއް ކުރަން ދައުރުން ބޭރު ޖަލްސާއެއް ބާއްވާކަަށް ފަހެއް ނުޖެހޭނެ ކަމަށް މަޖިލިސް ރައިސް އަދުރޭ ވިދާޅުވިއެވެ.
އަދި ދާދި ފަހުން ދައުރުން ބޭރު 2 ޖަލްސާއެއް ވެސް ވަނީ ބާއްވާފައެވެ. އެއީ
ހުސްވެފައިވާ ޕްރޮސެކިޔުޓަރ ޖެނެރަލްގެ މަގާމަށް ބޭފުޅަކު އައްޔަން ކުރަން ބޭއްވުނު ޖަލްސާ އާއި ކުންފުނި ގާނޫނަށް އިސްލާހް ގެނެއުމަށް ބޭއްވި ޖަލްސާއެވެ.
އަބަދުވެސް ތިބޭނީ ފަލަސްތީނާއެކު ކަމަށް ބުނާ މި ސަރުކާރުން އަދިވެސް ސަހްޔޫނީންގެ ޕާސްޕޯޓު މަނާކުރާ ބިލުގައި އަތްވެސް ޖައްސާނުލާކަން ފާހަގަކޮށްލެވެއެވެ.
މަޖިލިސް ކޮމިޓީ މަރުހަލާގައި އެ ބިލު އޮންނަތާ 100 އެތައް ދުވަހެއް ފާއިތުވެގެން ގޮސްފައިވާއިރު ސަރުކާރުން ވަނީ ބޭރު ދުނިޔެއަށް އެކަމުގެ ހަގީގަތްވެސް އޮޅުވާލާ، ރައީސް މުހައްމަދު މުއިއްޒު ވަނީ ސަހްޔޫނީންގެ ޕާސްޕޯޓު މަނާކޮށްފައިކަމަށް ބުނެ ޚަބަރު ފަތުރާފައެވެ.
ނަމަވެސް ރައީސް މުއިއްޒުގެ ސަރުކާރުން އެ ޕާސްޕޯޓު މަނާނުކުރާއިރު ސަހްޔޫނީން ފަތުރުވެރިންގެ ގޮތުގައި ރާއްޖެ އަންނަ މިންވަރު އެމަނިކުފާނުގެ ދައުރުގެ މިހާ ހިސާބަށް އައިއިރު ވަނީ އިތުރުވެފައެވެ.
އެންމެ ފުރަތަމަ ދީނޭ ވިދާޅުވެ ވެރިކަމަށް ވަޑައިގެން ރައީސް މުއިއްޒު ގެންދަވަނީ އިސްލާމްދީނާ ގުޅުން ހުރި މިފަދަ ކަންކަމުގައި ފަހަތު ފަޔަސް ބުރަވަމުން ކަން ގިނަ ރައްޔިތުން ފާހަގަކުރެއެވެ.