ރިޔާސީ އިންތިހާބުގެ ތެރޭގައި މަސްވެރިންނަށް ވީ ވައުދު މި ސަރުކާރުން ނުފުއްދާކަން މަސްވެރިން އެމީހުންގެ ވަޒީރު އަހުމަދު ޝިޔާމަށް ހަނދާކޮށްދީފައެވެ.
ދިވެހި މަސްވެރިންނަށް ވި ވައުދުތައް ނުފުއްދާ، ތިނަދޫގެ މަސްވެރިންނާއި ބައްދަލުކުރުމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝީޔާމް ވަޑައިގަތުމުން އެ މަސްވެރިން ވަނީ އެމީހުންގެ ޝަކުވާ ގޯނި ވަޒީރު ކުރިމައްޗަށް އޮއްސާލާފައެވެ.
އެގޮތުން ގދ. ތިނަދޫ ސިޓީއަށް ވަޒީރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ ރަށު މަސްވެރިނަށް ބޭއްވި ބައްދަލުވުމުގައި މަސްވެރިން ވަނީ ދިމާވެފައިވާ ތެލުގެ މައްސަލައާއި ފައިސާ ނުލިބުމުގެ މައްސަލަ ހައްލުކޮށްދެއްވުމަށް އެދިފައެވެ.
ހަމަ އެހެންމެ މިފްކޯއިންނާއި އެފްއެސްއެމްއިން ކްރެޑިޓަށް ތެޔޮ ނުލިބޭކަން ފާހަގަކޮށްފައިވެއެވެ. އަދި މަސް ބިލަށް ވަގުތުން ފައިސާ ނުލިބޭތީ މަސްވެރިންނަށް ފައިސާދީފައި ތެޔޮއެޅުމަކީ ވަރަށް ބޮޑު ތަކުލީފެއް ކަން ވެސް ފާހަގަކޮށް މަސްވެރިން ވަނީ ވުޒާރާއިން މަސައްކަތްކޮށްގެން މަސްވެރިންނަށް ތެޔޮ ލިބޭނެ ގޮތް ވީހާވެސް އަވަހަށް ހަމަޖައްސައިދިނުމަށް ވަޒީރު ކިބައިން އެދިފައެވެ.
މީގެ އިތުރުން ތިނަދޫގައި ވަދު ކަނދުފައްޗެއް އަޅައިދިނުމާއި ފަރުމަސްވެރިކަން ތަރައްޤީ ކުރުމަށް ވުޒާރާއިން އެހީތެރިކަން ފޯރުކޮށްދިނުމަށްވެސް އެދިފައިވެއެވެ.
މިކަމުގެ ޖަބާވުގައި ވަޒީރު ޝިޔާމް ވިދާޅުވީ، ތެލުގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން މިހާރުވެސް މަސައްކަތް ފަށާފައިވާ ކަމަށާއި، މި ފެށޭ ހަފްތާގައިވެސް ކަމާ ގުޅުންހުރި ފަރާތްތަކާއެކު އިތުރު ބައްދަލުވުންތައް ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ.
ހަމަ އެހެންމެ ތިނަދޫގެ މަސްވެރިން އެދުނު ގޮތަށް މިފްކޯއާ ވާހަކަދައްކައިގެން ފަރުމަސްވެރިކަން ކުރާ ފަރާތްތަކަށް ދެވެން އޮތް އެހީތެރިކަން ބައްލަވައި، ވުޒާރާއިން ވެދެވެން އޮތް އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެއިތުރުން، ވަޒީރު ޝިޔާމް ވިދާޅުވީ ތިނަދޫގެ ކޯލްޑް ސްޓޯރޭޖްގެ މަސައްކަތް 2025 ވަނަ އަހަރު ނިންމައި މަސްގަންނަން ފެށުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ބޭނުންފުޅުވާ ކަމަށާއި، އެކަމަށްޓަކައި ވުޒާރާއިން މަސައްކަތް އަވަސްކުރުމަށް ކުރެވެންހުރި ކަންކަން ކުރަމުންދާ ކަމަށެވެ.
މި ބައްދަލުވުމުގައި ވަޒީރު ޝިޔާމް ވަނީ ސަރުކާރުން ހުޅުވާލާ އާރްއެސްޑަބްލިއު ސިސްޓަމާއި ގުޅޭގޮތުންނާއި މަސްވެރިންގެ ދަފުތަރާ ގުޅޭގޮތުން މަސްވެރިންނަށް މަޢުލޫމާތު ދެއްވާފައެވެ.
މި ސަރުކާރަށް 10 މަސް ވެގެން ދިޔައިރު މަސްވެރިންނަށް ކޮށްދެވުނު ކަމެއް ނެތް ކަމަށާއި، އެހެންކަމުން ފެއިލްވެފައިވާ ސިޔާސަތުތަކެއް ހިފައިގެން މިއަދު އައުމުގެ ބޭނުމެއް ނެތް ކަމަށް ބުނެ މަސްވެރިން ވަނީ ސަރުކާރަށް ޑިމާންޑްތަކެއްވެސް ކޮށްފައެވެ. ނަމަވެސް އެ ޑިމާންޑްތައް ފުރިހަމަކުރާނެ ކަމުގެ އެއްވެސް ޔަގީންކަމެއް ވެސް މިނިސްޓަރު ނުދެއްވާކަމަށް މަސްވެެރިން ވަނީ ހާމަކޮށްފައެވެ.