މީގެ ދެތިން ދުވަހެއް ކުރިން ދިވެހީންގެ ރާއްޖޭގެ ޕްރޮމޯޓު ކުރާ ބޮޓު ކުދިން ކޮޅު މިސް މީޑީޔާގައި ވަރަށް ރައީސް މުހައްމަދު މުއިއްޒު ޕްރޮމޯޓު ކުރަން ފެށިއެވެ.
އދ ގެ 79 ވަނަ އާންމު ޖަލްސާގައި އެމަނިކުފާނު ތަގްރީރުކުރައްވާތީ ޔޯލައެވެ. އަދި އޭރުން އެމަނިކުފާނު ވެގެންދާނީ އދ ގައި ތަގްރީރުކުރެއްވި ފުރަތަމަ ދިވެހި ރައީސަށޯލައެވެ.
ނަމަވެސް މިހާ ހިސާބުން އުފެދޭ ސުވާލަކީ މި ސަރުކާރުގައި ރައްޔިތުންނަށް ފައިދާވާނެ ހަމަ އެއްކަމެއް ވެސް ކުރުމުގެ ވިސްނުން ނެތީބާއޭ އެވެ.
މިހެން ހިތަށް ވެރިވަނީ ސަރުކާރުގެ ވެރިންގެ އަމަލުތައް ހުންނަ ގޮތުންނެވެ. އަބްދުﷲ ޝާހިދު ދުނިޔެ ވަށާ ރައްޔިތުންގެ ފައިސާއިން ބުރު ޖަހަނީއޭ ކިޔާ ގޮވާ ނެގި މީހުން މިއަދު ވެރިކަމުގައި ތިބެ ޚާރިޖީ ވަޒީރު މޫސާ ޒަމީރު ހަމަ ދިވެހިރާއްޖެއިން ބޭރަށް ފިޔަވަޅެއްވެސް ނާޅުއްވަނީ ބާއެވެ؟
ރައީސް އިބްރާހިމު މުހައްމަދު ސޯލިހު ކިނބޫ ކަރުނަ އަޅާ ޖެއްސީ އެކްޓުކަމަށް ބުނި މީހުންގެ ވެރިކަމުގައި ރައީސް މުއިއްޒު މިހާރު އެކުރައްވަނީ ވަކި ކޮން ކަމެއް ބާއެވެ؟
ކަންކަން މި މަގުން ހިނގާއިރު ރައީސް އަބްދުﷲ ޔާމީނާ އަޅާ ކިޔާ ލެވޭ ފެންވަރު ނުވެސް ނެތިމެ މި ސަރުކާރުގެ ބޮޓު ކުދީން ކޮޅު ގެންދަނީ ރައީސް ޔާމީންއާ ވާދަ ކިޔަމުންނެވެ.
އިވެންޓު މެނޭޖުކޮށްގެންކަމަށް ބުނެ ރައްޔިތުންގެ ފައިސާ ދަވާލާ ބާރަށު ދާއިރާގެ މައިކަކާ ސަރުކާރުގެ ހުރިހާ ޕްރޮޖެކްޓަކަށް އަތް ބާނައިގެން ރައްޔިތުން ފެލަމުންދާ މީހުންވެސް މީގައި ހިމެނެއެވެ.
ރައީސް ޔާމީންއަކި ކަންނެތް ބޭފުޅެކޭ އެމަނިކުފާނު އދ ގައި ތަގްރީރު ކުރައްވަން ވަޑައިނުގެންނެވީ ކަންނެތް ކަމުންނޭ ބުނެ ބާރަށު ދާއިރާގެ މައިކު ކައިރީ އިންނަވާ ބޭފުޅަކު ކަރުން ނާރު ފުއްޕާ ވަރަށް އަޑުގަދަކޮށް ގަލަމުން ދެލި ހުސްވަންދެން ލިޔުނަސް އެއީ ތެދަކަށް ނުވާނެއެވެ.
ކަންނަޫރު އަލީ ރާޖާމެން ހެން ދިވެހިންގެ ތާރީޚު އޮޅުވާނުލާށެވެ. އެހެނީ ރައީސް ޔާމީން އދ ގެ ތަގްރީރުކުރެއްވުން ފަސްކުރެއްވީ އަދި ފަހުން ކެންސަލް ކުރެއްވީ ކީއްވެކަން ނުހަނު ރަގަޅަށް އެނގޭނެ މީހުން އަދި ދުނިޔޭގައި ތިބުމުންނެވެ.
ރައީސް ޔާމީން އދގައި ތަގްރީރުކުރައްވަން ފުރަތަމަ އޮންނެވީ 2014 ވަނަ އަހަރުގެ ތެރޭގައެވެ. އެމަނިކުފާނު އެ ދައުވަތު ގަބޫލުކުރައްވާ ދަތުރަށް ވެފައިވަނިކޮށް ގައުމުގައި ހިނގި ކާރިސާއަކި ދިވެހިން ހަނދާން ހުންނާނެ ކާރިސާއެކެވެ. އެގޮތުން ރާއްޖޭގެ ފެން ކުންފުނި އެމްޑަބްލިއިއެސްސީއަށް ދިމާވި އަލިފާނުގެ ހާދިސާއާ އެކު މުޅި ގައުމު ކުރިމަތިލީ ފެނުގެ ކާރިސާއަކީ އެއީ ޝުޖާއު ހަނދާން ނެތުނަސް ހުރިހާ ދިވެހިން ހަނދާން ނެތޭނެ ކަމެއް ނޫނެވެ.
އެ ކާރިސާއާ ގުޅިގެން ގައުމަށް މޮޅިވެރިކަމާ ހިތާމައިގެ ސާލެއް ދެމިފައި އޮތުމުން ރައީސް ޔާމީން ނިންމެވީ އދގެ ތަގުރީރުކުރުން ފަސްކުރެއްވުމަށެވެ. އެހެނީ އދ ގައި ތަގްރީރުކުރައްވައިގެން އެވަގުތު ގައުމަށް ދިމާވެފައި ހުރި މައްސަލަތަކަށް ލިބޭނެ އެއްވެސް ހައްލެއް އެމަނިކުފާނަށް ފެނިވަޑައިނުގަތުމުންނެވެ.
2015 ގައި ތަގްރީރުކުރައްވަން ވަޑައިނުގެންނެވީ އަމިއްލަފުޅު ފުރާނައަށާ އަދި އަނބި ކަނބަލުންނަށް، ފިނިފެންމާ ލޯންޗު ގޮއްވާލައިގެން ކުރިމަތިވި ގެއްލުމުގެ ސަބަބުން ތްރެޓު އޮތް މިންވަރަށް ބަލާފައި ސެކިއުރިޓީ ސަބަބުތަކަށްޓަކައެވެ.
މިއީ ކަން ހިނގާ ދިޔަގޮތްކަން ބާރަށު ދާއިރާގެ އަޑު ހަރު މައިކު ކައިރީގައި އިންނަވާ އިވެންޓްސް މެނޭޖަރަށް އެނގިވަޑައިގަންނަވާނެ އެވެ.
ރައީސް ޔާމީން އދ ގައި ތަގްރީރު ކުރައްވަން ވަޑައިނުގެންނެވީ އެމަނިކުފާނު އަބަދުވެސް މޮޓޯ، "އެންމެ ފުރަތަމަ ގައުމު" ޝިއާރުގެ ދަށުންނެވެ. އެހެނީ އޭރު ގައުމުގެ ހާލަތު އޮތްގޮތުން އދ ގައި ތަގްރީރުކުރުމަށް ވުރެ އެމަނިކުފާނަށް އެމަނިކުފާނުގެ ގައުމު މުހިއްމު ވީމައެވެ. ގައުމަށް އެމަނިކުފާނުގެ ބޭނުން ޖެހިފައިއޮތް މިންވަރުގެ ބޮޑު ކުޑަ މިން ރައީސް ޔާމީނަށް ފަހުމުވެވަޑައިގެންނެވުމުންނެވެ.
އެއް ޒަމާނެއްގައި ސަޅިބައިސާ ފަދަ ޑްރާމަތައް ކުޅުނު ބަޔަކު މިއަދު ރައީސް އޮފީހުގެ މަތީ މަގާމުގައި ތިބެ ރައީސް މުއިއްޒު ލައްވާ ޑްރާމާ އާ ފިލުމު ކުޅުވާ އެމަނިކުފާނަށް މީހުންގެ މަލާމާތް ރައްދުވާނެކަންކަން، އެމަނިކުފާނު ޕްރޮމޯޓުކުރުމުގެ ނަމުގައި ކުރެއްވިޔަސް ރައީސް ޔާމީނަކީ އެކްޓުކުރައްވައިގެން ރައްޔިތުންގެ ލޯބި ހޯއްދެވި ވެރިއެއް ނުނެވެ.
އެމަނިކުފާނު ރައްޔިތުންގެ ލޯބި އަދި ދުނިޔޭގެ ސަމާލުކަން ހޯއްދެއްވީ ރައީސް މުހައްމަދު ނަޝީދު ފެއްޓެވި "އަނެއް ދިވެހިރާއްޖެ"ގެ ފިލްމު ފްލޮޕްވުމުން ނުކުމެވަޑައިގެން ޕްރޮޑިއުސް ކުރެއްވި ފިލްމުންނެވެ.
2013 އިން 2018 އަށް ރައީސް ޔާމީން ޕްރޮޑިއުސްކޮށް އުފެއްދެވީ 100 އިން ސައްތަ ދިވެހި އުފެއްދުމެކެވެ. ބެލުންތެރިގެ މެދުގައި އެމަނިކުފާނު މަގްބޫލުވެވަޑައިގެންނެވީ އެހެންވެއެވެ.
ގައުމުގައި ޕްރޮޑިއުސް ކުރި އާމްދަނީއާ ތަރައްގީގެ ފިލްމުގެ ސަބަބުންނެވެ. އިނދަ ޖެހިފައި އޮތް ދިވެހިރާއްޖެ ނަގާ ކޮޅަށް ޖައްސަވާ ދިވެހިންގެ ތިއޭޓަރުގައި އެޅުއްވި ހިތްގައިމު ދިވެހި އުފެއްދުންތަކުންނެވެ.
އެހެންކަމުން ރިޕޯޓު ނިންމާލައްވަމުން ބާރަށު ދާއިރާގެ މައިކު ކައިރީ އިންނަވާ ބޭފުޅާއަށް ދަންނަވާލަން އޮތީ، ޝުޖާއުއެވެ. ރައީސް ޔާމީނަކީ އެކްޓުކޮށްގެން މަގްބޫލުކަން ހޯއްދެވި އަދި ހޯއްދަވާނެ ބޭފުޅެއްވެސް ނޫންކަމެވެ. އެމަނިކުފާނަށް ދިވެހިންގެ ލޯބި ލިބިވަޑައިގެންނެވީ ކުރިންވެސް ދެންނެވި ފަދައިން ރައީސް ޔާމީން ޕްރޮޑިއުސްކޮށް ނެރުއްވި ތަރައްގީއާ ތަމައްދުންގެ ހިޓު ފިލުމުންނެވެ.
އެއީ އަކީ ކޮންމެ ކޮންމެ ޕްރޮޑިއުސަރަކަށް ވެސް ވާނެ ކަމެއްނޫނެވެ.
މިއަދު ހިޔަޅުންނަށް މޭބިސްކަދުރު ހިތި ވިޔަސް އެ މޭބިސްކަދުރުގެ ބޭނުން އެންމެ ގިނައިން ހިފި ބަޔަކީ ވެސް ތިޔައީކަން ދިވެހި ރައްޔިތުން ހަނދާން އެބަ ހުއްޓެވެ.