

އދ ގެ ސަލާމަތީ މަޖިލީހުގައި ރައީސް މުހައްމަދު މުއިއްޒު ތަގްރީރުކުރެއްވުމުގެ ނަމުގައި ކުޅުއްވީ ޑްރާމާ އެއް ކަމަށާ އެކަމުން ރާއްޖެއަށާ ދިވެހި ރައްޔިތުންނަށް ވީ ފައިދާއެއް ނެތް ކަމަށް ކުރީގެ ކޮމިޝަނަރަ އޮފް ޕޮލިސް ހުސެއިން ވަހީދު ވިދާޅުވެއްޖެއެވެ.
ހުސެއިން މިފަދައިން ވިދާޅުވީ ބުރާސްފަތި ދުވަހުގެރޭ ދަ ފްރޮންޓް އޮފީހުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
ހުސެއިން ވަނީ ރާއްޖޭގައި ގިނަ ކަންބޮޑުވުންތައް ހުރި އިރު އެއިން ކަމަކަށް އަލިއަޅުވާލައްވާ ރައީސް މުއިއްޒު ތަގްރީރު ބައްޓަން ނުކުރެއްވުން ނުރުހުން ފާޅުކުރައްވާފައެވެ. އެގޮތުން ރާއްޖޭގެ ކަނޑުން ބައެއް ގެއްލިފައިވާއިރު އެކަމާ ގުޅިގެން އެއްވެސް ބަސްފުޅެއް ވިދާޅުވެފައި ނުވާކަމަށާ ސްމޯލް އައިލެންޑް ސެކިއުރިޓީއާ ގުޅުން ހުރި ކަންކަމަށް ވެސް އަލިއަޅުވާ ލައްވާފައި ނުވާތީ ހުސެއިން ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
ހުސެއިން ވިދާޅުވީ، ރައީސް މުއިއްޒު އދ ގައި ކުޅުއްވީ ޑްރާމާ އެއް ކަމަށާ އެކަމުން ދިވެހި ރައްޔިތުންނަށް ވީ ފައިދާއެއް ނެތް ކަމަށެވެ.
އަޅުގަޑުމެންނަށް ބޮޑުވެގެން މިއުޅެނީ ދިވެހިރާއްޖޭގެ ކަނޑުން ބައެއް ގެއްލިގެންނޭ. އެ ވާހަކަ ކީއްވެގެން ހެއްޔޭ ނުދެއްކީ؟ ސްމޯލް އައިލެންޑްގެ ސެކިއުރިޓީއާ ގުޅޭ ކަންތައްތަކެއް މީގެ ކުރިން 1988 ގެ ހާދިސާއަށް ފަހު ދިވެހިރާއްޖޭގެ އޭރު ތިއްބެވި ފޮރިން މިނިސްޓަރުން އޭރު ތިއްބެވި ވެރިން ގޮއްސަ އދ ގައި އެބައޮތޭ ހުށަހަޅާފަ ކުދި ޖަޒީރާ ގައުމުތަކުގެ ރައްކާތެރި ކަމަށްޓަކައި ކުރާނެ ކަންތައްތަކާ ބެހޭ ވާހަކަ. ކިއްވެހޭ އެ ވާހަކަތައް ނުދެއްކީ؟ އެވާހަކަތއް ދެއްކެވި ނަމަ އަޅުގަޑުވެސް ތެދު އަތް ޖެހީމުސް. އެކަމު މިއަދު މާޔޫސް ކަމާ އެކު އަޅުގަޑު މިޖެހެނީ އިސްދަށަށް ޖަހާލަން. އަޅުގަޑުމެންގެ ވެރިމީހާ އެތަނުގައި ކުޅުނު ޑްރާމާ. ބޮލީވުޑްގައި ރަޖްނީ ކާނަތަށް ވުރެ މޮޅު މިހާރު އެމަނިކުފާނު އުޅުއްވާ ގޮތް
ދިވެހިންގެ ރާއްޖެއެއް ހޯދައިދޭން ވެރިކަމަށް އައި ދިވެހީންގެ ސަރުކާރުން ރައްޔިތުންނަށް ހެޔޮވާނެ އެއްވެސް ކަމެއް ކުރުމުގެ ވިސްނުމެއް ނުގެންގުޅުއްވާ ކަމަށް ވެސް ހުސެއިން ިވދާޅުވިއެވެ.