ޖަލެއްގައި ބަންދުގައި އާއިލާއާ ދުރުހުރުމަކީ ކިހާ ވަރެއްގެ ކަމެއްކަން އިހުސާސުވާނީއެ ތަޖުރިބާ ކޮށްފައި ތިބި ބަޔަކަށެވެ. އަދި އެވެސް މައްސަލަ ސާބިތުނުވެ ތިބެގެންނެވެ.
އާދެ ދައްކަން މިއުޅޭ ވާހަކައަކީ ތަހުގީގު ނިމެންދެން ބަންދުގައި ބައި ތިއްބާފައި ތިބޭ މީހުންގެ ވާހަކައެވެ. އެގޮތުން ވާނުވާ ބަންދުގައި ތިބެން ޖެހުމަކީ މީހާގެ ހަޔާތުން ގިނަ ދުވަސްތަކެއް ބޭކާރުވެ އަދި މީހާ ނަފްސާނީ ގޮތުންވެސް ބަލިކަށީ ކޮށްލާ ކަމަކަށްވާއިރު އެކަމުގައި ވޭން ތަހައްމަލު ކުރަނީ ހަމއެކަނި ބަންދުގައި ހުންނަ މީހާއަށް ނުވުމަކީ އަދި މިކަމުގައި މާއަސަރު ކުރާ ކަމެކެވެ.
ލޯބިވާ އާއިލާ އާ ދުރުގައި ދުވަސްތައް ހޭދަކުރަން އެމީހުންނަށް މަޖްބޫރުކޮށްފައިވާއިރު އެކަމުގައި އާއިލާތައް ކުރާ ތަޖުރިބާ އަކީ އަނިޔާވެރިކަން ނޫން އެއްޗެކޭ ބުނެވެން ނެތެވެ.
ދާދި ފަހުން ލޮލުގައި އަޅައިގަތީ ސޯޝަލް މީޑިއާގައި ދައުރުވަމުން ދިޔަ ފޮޓޯތަކެކެވެ. ތަފާޓު ޝުއޫރުތައް ފާޅުކޮށް ލިޔެފައިވާ ބޯޑުތަކެއް ހިފައިގެން ތިބި އެތައް ބައެއްގެ ފޮޓޯތަކާ ވީޑިއޯ ތަކެވެ. އިހުތިޖާޖެއްކަން ކޮންމެވެސް ވަރަކަށް ފަހުމުވިއެވެ. ނަމަވެސް ވެގެން އުޅޭ ގޮތް ސާފުވީ ފޮޓޯތައް ރަގަޅަށް ދިރާސާކޮށްލުމުންނެވެ. ހިތަށް ފުން އަސަރުތަކެއް ކުރުވިއެވެ.
އެގޮތުން އެންމެ ބޮޑަށް އަސަރުކުރީ އެ މަންޒަރުތަކުގެ ތެރޭގައި ހިމެނޭ ތުއްތު ތުއްތު ކުދިންގެ މައުސޫމު މޫނުތަކުގެ މަތިން ފެންނަމުން ދިޔަ ހިތާމައިގެ އަސަރުންނެވެ. ބައްޕަ ކައިރިގައި ނެތުމުން ކުރާ ޝަކުވާތަކާ އިހުސާސުތައް ބަންޑުން ޖަހާލާފައިވަނީ އެ ކުދިން ހިފައިގެން ތިބި ބޯޑުތަކުންނެވެ.
އާދެ. ތ. ތިމަރަފުށިން ޓެރަރިޒަމުގެ އަަމަލުތަކެއް ހިންގަން ރާވަމުންދާ ކަމުގެ ތުހުމަތަށް 2020 ވަނަ އަހަރުގެ ނޮވެމްބަރު މަހު ތެރޭ އޮޕަރޭޝަނެއް ހިންގައި ފުލުހުން ވަނީ ހަތް މީހަކު ހައްޔަރުކޮށްފައެވެ. ތިމަރަފުއްޓަށް ނިސްބަތްވާ ހަ މީހަކާ އަދި އެހެން ރަށެއްގެ މީހަކު މީގެ ތެރޭގައި ހިމެނޭ އިރު އެ އެންމެން ހައްޔަރުކޮށްފައިވަނީ ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅުނުކަމުގެ ތުހުމަތުއެވެ. އެއާ އެކު ތަހުގީގު ނިމެންދެން ބަންދަށް ލިއެވެ. އޭގެ ފަހުން 3 އަހަރު ފާއިތުވީއެވެ. އަދިވެސް މައްސަލަ ބަލާ ނުނިމެއެވެ. ޖަލުގައި ހާލު ބޮޑޫވެ އޭގެ ތެރެއިން އެކަކު ގޭ ބަންދަށް ވީއްލާފައިވާއިރު، އަނެއް ހަ މީހުން އަދިވެސް ޖަލުގައެވެ.
އޭގެ ތެރޭގައި އަލަތު ދަރިފުޅު ލޮލުން ނުދެކޭ މީހުންވެސް އެބަ ތިއްބެވެ. މިއީ އިންސާފުގެ ތަރާދުން ކިރާނަމަ އަނިޔާވެރިކަން ނޫން ދެވަނަ އެއްޗެއް ނޫނެވެ.
ވާނުވާ ބަންދުގެ ކަންބޮޑުވުމަކީ މުޅި މުޖުތަމައުގައިވެސް އޮތް ކަންބޮޑުވުމަށްވާއިރު ނިމިގެން ދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ތެރޭގައި މިހާރުގެ ރައީސް، ޑރ. މުހައްމަދު މުއިއްޒު ވަނީ ވާނުވާ ބަނދު އުވާލައްވާނެ ކަމަށާއި ބަންދުގައި ބެހެއްޓޭ މުއްދަތު 48 ގަޑިއިރަށް ހައްދަވާނެ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް ސަރުކާރުން މި ކަމަށް އަދިވެސް އެއްވެސް މަސައްކަތެއް ނުކުރުމަކީ ކަންބޮޑުވުމެއްގެ ގޮތުގައި އެ އާއިލާތަކުން ހާމަކުރެއެވެ.
އެކަމާ ދެކޮޅަށް ކުރި ހިމޭން އިހުތިޖާޖުގައި ފެނިގެން ދިޔައީ ހިތް ފަޅައިގެންދާ ފަދަ މަންޒަރުތަކެވެ. ތުއްތު ދަރިން އާދޭސް ކުރަމުން ދިޔައީ ބައްޕަ ދޫކުރުމަށެވެ. އެހެން ކުދިން އެކުދިންގެ ބައްޕައާ އެކު މަޖާކޮށް ތަންތަނަށް ގޮސް އުޅޭ ފަދައިން އެކުދިންވެސް އެކުދިންވެސް އެ ކުދިންގެ ބައްޕައާ އެކު ހީ ސަމާސާކޮށް ވަގުތު ހޭދަކުރަން ބޭނުންވާ ވާހަކައެވެ.
ބަންދުގައި ތިބި މީހުންގެ މައިންނާ ބަފައިންގެ އާދޭހަްކަށްވެފައި އޮތީ ދަރިންނަށް ނުހައްގުން އަނިޔާނުކޮށް ދޫކޮށްލުމަށެވެ. އާއިޅާތަކާ ދުރުގައި ތިން އަހަރު ހޭދަކުރާއިރު އެއީ އިންސާފު ނޫން ކަމަށް ބުނެ ދިޔައީ ހިމޭންކަމާއެކު ޝުއޫރު ފާޅުކުރަމުންނެވެ.
މި މަންޒަރުތަކުން ހިތަށް ކުރުވި އަސަރު ބުނެދޭންވެސް ނޭނގެއެވެ. ރައީސް މުއިއްޒުއެވެ. މި ކުދިންގެ އާދޭހުގެ އަޑު މަނިކުފާނުގެ ކަންފަތްޕުޅަށް ނުފޯރާތޯއެވެ؟ ދެން ވެސް ޖުޑިޝިއަރީއާ ތަހުގީގުއިދާރާތައް ވާނީ މިނިވަންކޮށްފައި ކަމަށް ވިދާޅުވެ ފުއްދާލާނީތޯއެވެ؟