ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ކެންޕޭނު ހަރަކާތުގައި ވަރަށް ބައިވަރު ވައުދުތައް ވެވަޑައިގެންނެވި ކަމަށާއި އެހެންނަމަވެސް އެކަން ކަން ފުރިހަމަ ނުކުރައްވާކަމަށް ރައީސް އަބްދުﷲ ޔާމީންގެ ތާއީދާއެކު މާލެ ސިޓީގެ މޭޔަރު ކަމަށް ވާދަ ކުރައްވާ ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް ހުސެއިން ވަހީދު ވިދާޅުވެއްޖެ އެވެ.
ހުސެއިން މިފަދައިން ވިދާޅުވެފައިވަނީ ޕީއެސްއެމްއިން އިންތިޒާމްކޮށްގެން މާލެ ސިޓީގެ މޭޔަރު ކަމަށް ވާދަކުރައްވާ ބޭފުޅުންގެ މެދުގައި ބޭއްވި ބަހުސްގައި ވާހަކަދައްކަވަމުންނެވެ.
ހުސެއިން ވިދާޅުވީ މިހާރުގެ ރައީސް ޑރ މުއިއްޒު ވަރަށް ގިނަ ވައުދު ވެވަޑައިގެންނެވި ކަމަށާއި އެވައުދުތައް ފުއްދަވާ ނުދެއްވާ ކަމަށެވެ. އެގޮތުން ހުސެއިން ވަނީ ރައީސް ޔާމީން މިނިވަން ކުރުމަށް ވެ ވަޑައިގެންނެވި ވައުދަށް އަލިއަޅުވާލައްވާފައެވެ.
އާންމު އުސޫލުން އަޅުގަނޑުމެންނަށް މި ފެންނަނީ ކޮންމެ އިންތިހާބެއްގަ މިގޮތަށް ކުރާ ބަހުސް ތަކުގަ ވަރަށް ގިނަ ކަންތައްތައް ކޮށްދޭނެ ކަމަށް، އަޅުގަނޑުމެންގެ މިހާރުގެ ރައީސް ވަރަށް ބައިވަރު ވައުދުތައްވި، ތިބޭފުޅާ ސުވާލެއް ކުރީމަ ވިދާޅުވީ ރައީސް ޔާމީން މިނިވަން ކުރާނަމޭ އެކަމެއް ވެސް ނުވޭ.
ޑރ މުއިއްޒު ރިޔާސީ އިންތިހާބުގެ ކެމްޕޭނު ދުވަސްވަރު ވިދާޅުވެފައިވަނީ ވެރިކަމަށް ހޮވިވަޑައިގަންނަވާ ދުވަހު ރައީސް ޔާމީން މިނިވަން ކޮށްދެއްވާނެ ކަމަށެވެ. ނަމަވެސް ވެރކަން ފެށިގެން މިހާތަނަށް 2 މަސް ފާއިތު ވެފައިވާއިރު އަދިވެސް ރައީސް ޔާމީން މިނިވަން ވެފައެއް ނުވެއެވެ.
މިކަމުގެ ސަބަބުން އެތައް ބައެއްގެ ފާޑުކިޔުން ވަނީ ސަރުކާރަށް އަމާޒުވެފައެވެ.