ދިވެހިރާއްޖޭގެ އިންސާފުގެ ނިޒާމުގެ ތެރެއިން ގެންގުޅޭ ތަފާތުކުރުންތަކުގެ ސަބަބުން ރައްޔިތުންގެ އެތައް ހައްގެއް ގެއްލިގެން ދާތީ އެކަމުގެ ކަންބޮޑުވުން ރައީސް އަބްދުﷲ ޔާމީން ފާޅުކުރައްވައިފިއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ، އަލަށް އުފައްދަވާ ޕާޓީ، ޕީޕަލްސް ނެޝަނަލް ފްރޮންޓު(ޕީއެންއެފް) އިން މަޖިލީހަށް ކުރިމަތިލުމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ކެންޑިޑޭޓުން ތައާރަފްކުރުމަށް ބާއްވަމުން ގެންދާ ސިލްސިލާ ޖަލްސާތަކުގެ ތެރެއިން އާދިއްތަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ކެންޑިޑޭޓަކަށް އަމާޒުކުރެއްވި ސުވާލުތަކުގެ ތެރެއިންނެވެ.
އެގޮތުން މައްޗަން ގޯޅީ އުތުރު ދާއިރާއަށް ޕީއެންއެފް ޓިކެޓުގައި ވާދަކުރުމުގެ ޝައުގުވެރިކަން ފާޅުކޮށްފައިވާ އައްސަދު ޝަރީފަށް އަމާޒުކުރެއްވި ސުވާލުތަކުގެ ތެރެއިން ރައީސް ޔާމީން ވަނީ ރާއްޖޭގެ ޖުޑީޝިއަރީގައި ގެންގުޅެމުންދާ ހަމަތަކުގެ މައްަޗަށް އަލި އަޅުވާ ލައްވާފައެވެ.
އެ ވާހަކަފުޅުގެ ތެރޭގައި، އިންސާފު ހޯދައިދިނުމަށް އޮންނަ ބެލެނިވެރި ފަރާތުން އެކަންކަން ކުރަމުން ދަނީ ތަފާތުކުރުންތަކުގެ ތެރެއިން ކަމަށާ އޭގެ ސަބަބުން އެތައް ބައެއްގެ އެތައް ހައްގެއް ގެއްލިގެން ދާކަން ރައީސް ޔާމީން ފާހަގަކުރެއްވިއެވެ.
މިހުރިހާ ކަމެއްގެ ބެލެންސް ހިފަހައްޓާ ދޭން މިއޮންނަނީ އަދި ރައްޔިތުންގެ ހައްގުތައް ގެއްލިގެން ދާއިރު އެ ހައްގުތައް ކަށަވަރު ކޮށްދޭން މި އޮންނަނީ ވެސް ޖުޑީޝިއަރީ، އެކަމު ޖުޑީޝީއަރީއިން ވެސް ބަލާ މައްސަލަތަކުގައި ކުޑަ އިންސާފާ ބޮޑޫ އިންސާފާ ކުރު އިންސާފާ ދިގު އިންސާފާ ލިބިގެން ދިޔައިމާ އިންސާފު ނެތިގެން މި ދަނީ.
ރައީސް ޔާމީން ވަނީ އެމަނިކުފާނުގެ މައްސަލައިގައި ކަން ހިނގަމުންދާ ގޮތް މިސާލަކަށް ނަންގަވާފައެވެ. އެގޮތުން އެމަނިކުފާނު ރިޔާސީ އިންތިހާބަށް ކުރިމަތިލުމަސް ނިންމަވާފައިވަނިކޮށް ހައިކޯޓަށް ހުށަހެޅި އިސްތިއުނާފް މައްސަލަ ނުނިންމާ ދިގު ދަންމަމުން ގެންދާނީ އެކަމާ ގުޅިގެން އެމަނިކުފާނުގެ އެތައް ހައްގުތަކާ އެމަނިކުފާނަށް ވޯޓުލާން ބޭނުންވި ރައްޔިތުންގެ ހައްގުތަކެއް ގެއްލިގެން ދިޔަކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.