
ވެރިކަމަށް އައުމުގެ ކުރިން އަދި ވެރިކަމަށް އައުމަށްފަހުގައި ވެސް ރައްޔިތުންނަށް އޮޅުވާލާ އިތުރުފުޅު ހައްދަވަމުން ގެންދަވާ ރައީސް ޑރ މުހައްމަދު މުއިއްޒު ދޮގު ނުހެއްދެވުމަށް އިލްތިމާސްކުރުމުން ރައްޔިތުން ރުޅި ގަދަވެއްޖެއެވެ.
ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައި 27 ވަންދެން ތަގްރީރުކުރައްވަމުން ރައީސް ޑރ މުހައްމަދު މުއިއްޒު ވަނީ ދޮގު ނުހެދުމާއި ދޮގު ޚަބަރު ނުފެތުރުމަށް އިލްތިމާސްކުރައްވާފައެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވުމާއެކު މީސްމީޑިޔާގައި ރައްޔިތުންގެ ގިނަބަޔަކު ވަނީ އެމަނިކުފާނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
އެގޮތުން މީސްމީޑިޔާގައި ދައުރުވަމުން އަންނަ ބައެއްް ޕޯސްޓްތަކުގައި ވާގޮތުން ދޮގު ހައްދަވަނީ ރައީސް މުއިއްޒެވެ. އެކިފަހަރު އެކިކަހަލަ ދޮގު ހަދާފައިވާ ކަމަށާއި ރައީސް މުއިއްޒަކީ މުނާފިގެއްކަމަށް ވެސް ޕޯސްޓްތަކުގައި ވަނީ ހާމަކޮށްފައެވެ.
ވެރިކަމަށް އައުމަށްޓަކައި ވެސް އެތައް ކަމެއްގައި ރައްޔިތުންނަށް ދޮގު ހަދާ އޮޅުވާލާފައިވާ ވެރިޔަކު ރައްޔިތުން ކައިރީ ބަހާއި އަމަލާ ދިމާކުރަން ބުނުމުން އެއީ ވަރަށް "އައްޗި" ކަމެއް ކަމަށް ރައްޔިތުން ވަނީ އެ ޕޯސްޓްތަކުގައި ބުނެފައެވެ.
ދުވަހާ ނުގުޅޭ ތަގުރީރެއް ދެއްވާފައިވާކަމަށް ބުނެ ގިނަ ފަރާތްތަކުން ވަނީ ރައީސް މުއިއްޒަށް ފާޑުވިދާޅުވެފައެވެ.










