މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭތީ، މިރޭގެ މެންަދު 12:00ގެ ނިޔަލަށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާ މެޓު އޮފިހުން ނެރުނު ސަމާލުގައި ބުނެފައިވަނީ، ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ވައި ޖެހެނީ ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރު މިނެއްގައި ކަމަށާއި ވިލާގަނޑުގައި 40 މޭލަށް ވައިގަނދަވާނެ ކަމަށެވެ.
ހުރިހާ އަތޮޅުތަކުގެ ކަނޑުތައް ގަދަވާނެ ކަމަށް އެ އިދާރާއިން ވަނީ ލަފާކޮށްފައެވެ.
މެޓުން ބުނީ، މިރެއިން ފެށިގެން މާދަމާ ހެނދުނު 6:00 އަށް އުތުރާއި މެދު ރާއްޖެތެރެއަށް ވައި ޖެހޭނީ ގަޑިއަކު 15 މޭލާ 25 މޭލާ ދެމެދުގެ ބާރު މިނެެއްގައި ކަމަށާއި ދެކުނަށް ވައިޖެހޭނީ ގަޑިއަކު 13 މޭލާއި 23 މޭލު ބާރުމިނުގައި ކަމަށެވެ. އަދި، ވިލާގަނޑުގައި 45 މޭލަށް ވައިގަދަވާނެ ކަމަށް އެ އިދާރާއިން ވަނީ ލަފާކޮށްފައެވެ.
މީގެ އިތުރުން، އުތުރާ މެދުރާއްޖެތެރޭގެ އަތޮޅުތަކުގެ ކަނޑުތަކުގައި ރާޅުގެ އުސްމިން ހުންނާނީ ފަސް ފޫޓާއި އަށް ފޫޓާ ދެމެދުގައި ކަމަށާއި ދެކުނުގެ އަތޮޅުތަކުގެ ކަނޑުތަކުގެ ރާޅުގެ އުސް މިން ހުންނާނީ ހަތަރު ފޫޓާއި އަށް ފޫޓާ ދެމެދުގައި ކަމަށް މެޓުން ބުނެފައިވެއެވެ.
ސަމާލު ނެރެފައިވަނީ އިރު އޮއްސި 6:00 އިން މިރޭގެ މެންދަމު 12:00ގެ ނިޔަލަށެވެ.
White Alert over the country for strong winds, gusts, and rough seas. pic.twitter.com/yWFBzYx75B
— Maldives Meteorology (@MetMaldives) October 7, 2024
ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކޮށް ކަނޑުތައް ގަދަވެ، ކަނޑުމަތީގެ ހާދިސާތައް ހިނގަމުންދާތީ، ކަނޑު ދަތުރުކުރާ ފަރާތްތަކުން ދަތުރަށް ފެށުމުގެ ކުރިން މޫސުމާބެހޭ އެންމެފަހުގެ މައުލޫމާތު ހޯދައި އަދި ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.