

ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމަށް ބުދަ ދުވަހު ހަމަލާދިން މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އިން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.
އެޗްއާރްސީއެމް އިން ކުރި އެކްސްއެއްގައި މިކަން ކުށްވެރިކޮށް ވިދާޅުވީ މިކަމާ ގުޅިގެން ފުލުހުން މައްސަލައިގެ ތަހުގީގު ވީއެންމެ އަވަހަކަށް ކުރިއަށްގެންދިއުމަށް ގޮވާލާ ކަމަށެވެ.
ޕްރޮސެކިއުޓަރ ޖެނެރަލް އަލްއުސްތާޛް ޙުސައިން ޝަމީމަށް މިއަދުގެ ވަގުތެއްގައި މީހަކު ހަމަލާދީފައިވާތީ، މިކަން ހަރުކަށި އިބާރާތުން ކުށްވެރިކުރަން. އަދި މިކަމާ ގުޅިގެން މޯލްޑިވްސް ޕޮލިސް ސަރވިސްއިން މައްސަލައިގެ ތަހުގީގު ހަލުވިކަމާއެކު ކުރިއަށްގެންދިއުމަށް މި ކޮމިޝަނުން ގޮވާލަން.
— HRC of the Maldives (@hrcmv) January 31, 2024
ޝަމީމަށް ހަމަލާދީފައިވަނީ ބުދަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ނޫރު މިސްކިތް ކައިރިން ސައިކަލުގައި ދިޔަ ދެމީހެކެވެ.
ހަތިޔާރު ބޭނުން ކޮށްގެން ޝަމީމަށް ހަމަލާދިނުމުގެ ސަބަބުން އޭނާގެ ވައަތުގައި ވަނީ ރެނދު ލާފައެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
ފުލުހުން ވިދާޅުވީ، ޝަމީމަށް ދިން ހަމަލާގެ މައްސަލަ ތަހުގީގުކޮށް އެމައްސަލައިގެ އެންމެ ފުނަށް ދިއުމަށް ފުލުހުން މަސައްކަތް ކުރައްވާނެ ކަމަށެވެ.