March 29, 2026
Advertisement
ރައީސް ޔާމީން
ރައީސް ޔާމީން / ސޯޝަލް މީޑިއާ

ރައީސް ޔާމީން ސަރުކާރަށް: ނުކުރާނަމޭ ބުނި ކަންތައްތައް އޮޅުވާލައިގެން ދަނީ ކުރަމުން

Aminath Zara
އައިމިނަތު ޒާރާ
Oct 15, 2024, 04:49 PM
މާލެ ސިޓީ

ވައުދާއި ޚިލާފުވެ، އަންނަ ޑިސެމްބަރު މަހުން ފެށިގެން ޓެކްސްތައް ބޮޑު ކުރަން ސަރުކާރުން ނިންމެވުމާއި ގުޅިގެން ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ފާޑު ކިޔުންތައް ސަރުކާރަށް އަމާޒުވެއްޖެއެވެ.

Advertisement

މިގޮތުން، ރޭ ބޭއްވި ޕީއެންއެފް ފްރޮންޓް އޮފީސް ޖަލްސާގައި އެމަނިކުފާނު ވަނީ ރައީސް މުއިއްޒު ދިވެހިންނަށް ދޮގު ހަދާ އޮޅުވާލާފައިވާ މިންވަރު ހާމަކޮށް ވާހަކަފުޅު ދައްކަވާފައެވެ.

ރިޔާސީ އިންތިޚާބު ދުވަސްވަރު މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވަނީ އެމަނިކުފާނު ދުލަށް އައިހާ ކަމެއް ރިޔާސީ ވައުދުގެ ގޮތުގައި ބުނެ ރައްޔިތުންނަށް އޮޅުވާލާ ވޯޓު ހޯއްދަވައިގެން ވެރިކަމަށް ވަޑައިގެންފައެވެ.

އޭރު މުއިއްޒު ވިދާޅުވަމުން ގެންދެވީ ޓެކްސް ރޭޓަށް އެއްވެސް ބަދަލެއް ނުގެންނަވާނެ ކަމަށާއި ހަމައެކަނި ގެންނަވާނެ ބަދަލަކީ ޓެކްސް ބޭސް ބޮޑުކުރުން ކަން ޔާމީން ފާހަގަކުރެއްވިއެވެ.

ރައީސް ޔާމީން ވިދާޅުވި ގޮތުގައި ޓެކްސް ބޭސް ބޮޑުކުރަން މުއިއްޒު ވިދާޅުވުމުގެ މާނައަކީ ރިސޯޓްތައް އިތުރުވުމުން ކޮންމެ ރިސޯޓަކުން ލިބޭ ޓެކްސް ދެ ރިސޯޓުން އިތުރުވުން ކަމުގައެވެ.

މިސާލަކަށް އޮތީ 77 ރިސޯޓް ވެއްޖިއްޔާ، 90 ރިސޯޓް ވެއްޖިއްޔާ އިތުރުވާނެ. އެއީ އޭ މުއިއްޒު ބުނި ބޭސް ފުޅާ ކުރާ ވާހަކައަކީ. މިއިންވެސް މި ފެންނަނީ ބަހާއި އަމަލާއި ދިމާނުވާތަން.

ރައީސް ޔާމީން ވިދާޅުވިއެވެ.

އެއްވެސް ރިސޯޓެއް އިތުރަށް ތަރައްގީ ކުރަން، ނުވަތަ ޑިސްޓްރެސްގައި އުޅޭ ރިސޯޓެއް އެއަށް ވުރެ ރަނގަޅު ކުރަން ނުވަތަ ނުނިމި ހުރި ރިސޯޓްތައް ތަރައްގީ ކުރުމަށް ސަރުކާރުން އެއްވެސް މަސައްކަތެއް ކޮށްފައިނުވާ ކަން ރައީސް ޔާމީން ފާހަގަކުރެއްވިއެވެ.

ސަރުކާރުން މިހާތަނަށް ކުރި ހުރިހާ ކަމަކީ ނުކުރާނަމޭ ބުނި ހުރިހާ ކަމެއް ކުރުން ކަމަށްވެސް އެމަނިކުފާނުގެ ވާހަކައިގައި ވަނީ ވިދާޅުވެފައެވެ.

މިގޮތުން 6 ޑޮލަރަށް އިން ގްރީން ޓެކްސް ވަނީ 12 ޑޮލަރަށް ބޮޑުކޮށްފައި ކަމަށާއި އެއާޕޯޓް ޑެވަލޮޕްމަންޓް ރޭޓް ވެސް 50 ޑޮލަރަށް ވަނީ ޖައްސާލާފައިކަމަށް ޔާމީން ވަނީ ފާހަގަކޮށްފައެވެ.

ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުން އާންމު ރައްޔިތުންނަށް އުނދަގޫ ވާނެހެން ސަރުކާރުން ސިޔާސަތުތައް ކަނޑަނާޅާނެ ކަމަށް ބުނަމުންދާއިު މިފަދަ ކަންތައްތަކުން އެންމެ އުނދަގޫވަނީ އާންމު ރައްޔިތުންނަށް ކަމަށް ބުނެ ރައީސް ޔާމީން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved