ސަރުކާރަށް އަހަރެއް ވެގެންދާއިރު ވެސް ސިޔާސީ މުވައްޒަފުންގެ ޖުމްލަ އަދަދު އަދިވެސް ހާމަނުކުރެވިގެން އުޅެނީ އެ އަދަދު ސަރުކާރަށް ވެސް ނޭނގޭތީތޯ އައްސަވާ ޕީއެންއެފްގެ އިސް ސަފުގައި މަސައްކަތް ކުރައްވާ ޑރ އަބްދުﷲ އިބްރާހިމް ސުވާލު އަމާޒުކުރައްވައިފި އެވެ.
ޑރ. އަބްދުﷲ މިފަދައިން ވިދާޅުވެފައި ވަނީ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައެވެ.
އެގޮތުން އެ ޕޯސްޓްގައި ޑރ އަބްދުﷲ ވިދާޅުވީ ޚަރަދު ކުޑަކުރުމުގެ ނަމުގައި 228 ސިޔާސީ މީހުން ވަކިކުރަން ރައީސް ޑރ މުހައްމަދު މުއިއްޒު ނިންމެވިިއިރު، ބާކީ ތިބީ ކިތައް ހާސް ސިޔާސީ މުވައްޒަފުންކަން އަދި އެމީހުންގެ މުސާރަޔަށް ރައްޔިތުންގެ ޓެކްސް ފައިސާއިން ޚަރަދުވަނީ ކިހާވަރެއްކަން ނޭނގޭކަމަށެވެ.
ސިޔާސީ މުވައްޒަފުންގެ ޖުމްލަ އަދަދާއި އެމީހުންގެ މުސާރައަށް ދައުލަތުން ޚަރަދުވަނީ ކިހާވަރެއްކަން ރައްޔިތުންނަށް އެނގެން ބޭނުންވާކަމަށް ވެސް ޑރ އަބްދުﷲ ވަނީ ޕޯސްޓްގައި ވިދާޅުވެފައެވެ.
އޭގެއިތުރުން ސަރުކާރަށް 1 އަހަރު ވެގެންދާއިރު ވެސް ޖުމްލަ އަދަދު ހާމަ ނުކުރެވިގެން އުޅެނީ ޚުދު ސަރުކާރަށް ވެސް އެ އަދަދު ނޭނގޭތީތޯ އައްސަވާ ޑރ އަބްދުﷲ ވަނީ ސުވާލެއް އަމާޒުކުރައްވާފައެވެ.
ސިޔާސީ މަގާމްތައް 700 އަށްވުރެ ގިނަ ނުކުރާނެކަމުގެ ވައުދާއެކު ވެރިކަމަށް އައުމަށްފަހު ނުކަތާވަރަށް ސިޔާސީ މުވައްޒަފުން ވަނީ ނަގާފައެވެ. އަދި ސިޔާސީ މަގާމްތަކުގެ ޖުމްލަ އަދަދު ހާމަކުރާނެކަމަށް ބުނެ އަދިވެސް ހާމަކޮށްފައިނުވާކަން ފާހަގަކޮށްލެވެއެވެ.