ރައީސް މުހައްމަދު މުއިއްޒު އިސްތިއުފާ ދެއްވާ ގޭގައި މަޑުކޮށްލަވައިގެން ހުނެނަވާނަމަ ފާޑު ކިޔުން އަމާޒުނުވާނެ ކަމަށް ވިދާޅުވެ ކުރިގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދުގެ ނުރުހުން އަމާޒުކުރައްވައިފިއެވެ.
ޑރ. ޖަމީލުގެ ނުރުހުން އަމާޒުކުރައްވާފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ "އަގުވައްޓާލަން ދޮގު ހަބަރު ފަތުރާ" ނޫސްތަކާ މެދު މީޑިއާ ކައުންސިލުން ފިޔަވަޅު ނާޅާ ކަމަށްބުނެ ރައީސް އޮފީހުން ރައްޔިތުންގެ މަޖިލީހަށް ސިޓީއެއް ފޮނުވާފައިވުމުން އެކަމަށް ފާޑުވިދާޅުވެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ޑރ. ޖަމީލު ވިދާޅުވީ، ގާނޫނޫ އަސާސީގެ ތެރެއިން މާއްދާ 27 އާއި 28 އަކީ އަސާސީ ޙައްގެއް ކަމަށާ ނޫސްވެރިންނަށް ބިރު ދައްކައިގެން ރައީސް މުއިއްޒު ގައުމުގެންދަން މަސައްކަތް ކުރައްވާ ދިމާއަކާ މެދު ސުވާލު އުފެދޭ ކަމަށެވެ.
މީގެ އިތުރުން ޑރ. ޖަމީލު ވަނީ ރައީސް މުއިއްޒަށް އެމަނިކުފާނަކީ މުސާރަ ނަންގަވައިގެން ހުންނަވާ ރައްޔިތުންގެ ޚާދިމެއް ކަން ވެސް ހަނދާން އައުކޮށް ދެއްވާފައެވެ. އެގޮތުން އެމަނިކުފާނު ހުންނަވަން ޖެހޭނީ ވަކި އިމެއްގެ ތެރޭގައިކަން ވެސް ޑރ. ޖަމީލު ހަނދާން ކޮށްދެއްވާފައިވެއެވެ.
سبحان الله! ދިވެހިރާއްޖެ ކޮންދިމާއަކަށް ގެންދަންބާ @MMuizzu މިމަސައްކަތްކުރަނީ؟ މާއްދާ 27 އާއި 28 އަކީ އަސާސީ ޙައްގެއް. ރައީސަކީ މުސާރަ ނަގައިގެން ވަކި އިމެއްގެ ތެރޭގައި ހުންނަންޖެހޭ ޚާދިމެއް. ރައީސް އޮފީސްތެރެއަށް ރައީސްގެ މޫނުމަތި ރީތިކުރަން outdated ބާސިކުނޑިތައް ވެއްދީމަ،… https://t.co/CvGFTayTZa
— Mohamed Jameel Ahmed (@MJameelAhmed) October 16, 2024
ޑރ. ޖަމީލު ވިދާޅުވީ މިހާރު ފެންނަމުން ދާ މަންޒަރުތަކަކީ އައުޓު ޑޭޓެޑް ބާސި ކުނޑިތަކެއް ރައީސްގެ މޫނު މަތި ރީތި ކުރަން ރައީސް އޮފީހަށް ވެއްދުމުން ފެންނަ މަންޒަރުތަކެއް ކަމަށެވެ. އަދި އެފަދަ ބަޔަކާއެކު އުޅއްވަން ފެށުމުން ވިސްނިވަޑައިގެންނެވޭނީ ވެސް ތިމަން މަނިކުފާނު ވަރުގެ މީހަކު ނެތްކަން ކަމަށް ވެސް ޑރ. ޖަމީލު ވިދާޅުވެފައިވެއެވެ.
މިއަދު ގައުމުގައި ހަރުދަނާ ވެރިކަމެއް ނެތްކަން ފާހަގަކުރައްވާ ޑރ. ޖަމީލު ވިދާޅުވެފައިވަނީ، ރައްޔިތުންގެ ފައިސާއިން މުސާރަ ނަންގަވައިގެން ހުންނަވާހާ ހިނދަކު ރައީސް މުއިއްޒު ޖަވާބުދާރީ ކުރުވޭނެ ކަމަށާ އިސްތިއުފާ ދެއްވާ ގޭގައި މަޑުކުރެއްވުމުން އެއްވެސް ސުވާލެއް ނުކުރާނެ ކަމަށެވެ. އަދި ނޫސްތަކުގައި ވެސް ނުލިޔާނެ ކަމަށެވެ.
މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ރައީސް އޮފީހުން ފޮނުވި ސިޓީގައި ވަނީ މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަނަށް އެ އޮފީހުން ހުށަހަޅާ ޝަކުވާތައް ނުބަލާ ކަމަށް ބުނެފައެވެ. ރެޖިސްޓާޑް އަދި އަން-ރެޖިސްޓާޑް ނޫސްތަކުން ލިިޔެފައި ހުރި ބައެއް ޚަބަރުތައް ނޮޓިފައިކޮށް ރައީސް އޮފީހުން ފޮނުވާފައި ސިޓީގައި ވަނީ އެއީ ރައީސްގެ އަގުވައްޓާލަން ކުރާ ކަމެއް ގޮތުގައި ސިފަކޮށްފައެވެ.
މި ސިޓީއާ ގުޅިގެން އަންނަ ހަފުތާގެ ތެރޭ މީޑިއާ ކައުންސިލް އަދި ބްރޯޑްކޮމް އެ ކޮމިޓީއަށް ހާޒިރުކުރުމަށް އެ ކޮމިޓީން ނިންމާފައިވެއެވެ.