މަގްސަދު އޮޅުވާލާ، އދ ގެ ތަގްރީރު ޕްރޮމޯޓުކުރަން ރައީސް މުހައްމަދު މުއިއްޒު ފައިސާ ހުށަހެޅިކަން ހާމަވެއްޖެއެވެ.
މިކަން ހާމަވެފައި ވަނީ އެކަން ކުރަން ރައިސް މުއިއްޒުގެ ފަރާތުން ފައިސާ ހުށަހެޅި "ދިންގްލިޝް" އެކައުންޓުގެ ފަރާތުން ކޮށްފައިވާ ޓިކްޓޮކު ވީޑިއޯއަކުންނެވެ. އެގޮތުން އެ އެކައުންޓު ހިންގާ އަފްނާން އިބްރާހިމް، ޓިކްޓޮކުގައި ޕޯސްޓުކުރި ވީޑިއޯއެއްގައި ބުނީ އދ. ގައި ރައީސް މުއިއްޒު ކުރެއްވި ތަގުރީރު ޕްރޮމޯޓު ކުރަން ސަރުކާރުގެ ފަރާތުން ފައިސާ ދިން ކަމަށާއި އެކަން ފޮރުވަން ބޭނުން ނުވާ ކަމަށެވެ. އަދި އެއީ މިހާތަނަށް ސިޔާސީ މީހަކު އެފަދަ ކަމެއް ކުރަން ފައިސާ ހުށަހެޅި ފުރަތަމަ ފަހަރުކަން ވެސް އަފްނާނު ފާހަގަކޮށްފައިވެއެވެ.
އަފްނާނު ބުނެފައިވާ ގޮތުގައި ރައީސް މުއިއްޒުގެ ފަރާތުން އައި ހުށަހެޅުން ގަބޫލުކުރީ މީގެ ކުރިންވެސް އެގޮތަށް ފައިސާ ނަގައިގެން ކޮންޓެންޓުތައް އޭނާ އުފައްދާފައި ހުރުމުން ކަމަށާ އަދި އޭނާއަށް މައުލޫމާތު ދިނީ އެކަމުގެ މަގްސަދަކީ ގައުމުގެ ޒުވާނުންނަށް އެ ތަގްރީރުގެ މުހިއްމުކަން ހާމަކޮށްދިނުން ކަމަށެވެ. ނަމަވެސް ފަހުން އެނގިފައިވާ ގޮތުގައި އަފްނާނު ނޫނަސް ކޮންޓެންޓު ކްރިއޭޓާސްތަކަށް ވެސް ސަރުކާރުން އެ ތަގްރީރު ޕްރޮމޯޓުކުރުމަށް ފައިސާދީފައިވާ ކަން ކަމަށް ވެސް އަފްނާނު ހާމަކޮށްފައިވެއެވެ.
އޭގައި ކޮންޓެންޓް ހަދަން އެއްބަސްވި ކަމަކީ އެއަށް ސަޕޯޓުކޮށް ކޮމްޕްލިމެންޓް ކުރަން ނުޖެހޭނެ ކަމަށް ބުނުމުންކަން ފާހަގަކޯށް އަފްނާނު އެ ވީޑިއޯގައި ބުނެފައިވަނީ ރައީސް މުއިއްޒުގެ ފަރާތުން ބޭނުންވީ ދެއްކި ވާހަކައަށްވުރެ އެ ތަގުރީރު ވައިރަލް ކުރުންކަން ފަހުން އެނގިގެން ދިޔަ ކަމަށެވެ.
ސަރުކާރުން ފައިސާ ދީގެން ކޮންޓެންޓުތައް އުފެއްދުމުން އެކަމުގެ ސަބަބުން ވެސް ސަރުކާރަށް ތާއީދުކުރާ މީހުން ފާޑުކިޔުން އަމާޒުވަމުންދާތީ އަފްނާނު ވަނި ރައްދު ދިފައެވެ. އެގޮތުން އަފްނާނު ބުނެފައިވަނީ ކޮންޓެންޓު ކްރިއޭޓަސް ކައިރިއަށް ފައިސާ ހުށަހަޅައިގެން އަންނަނީ ސަރުކާރުން ކަމަށާ އިތުރު ބަޔަކު ނާންނަ ކަމަށެވެ.
މިކަމާ ގުޅިގެން "އަދަދު" ނޫހުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި ސަރުކާރުގެ ފަރާތުން ކޮންޓެންޓް ކްރިއޭޓާސްއަށް ގުޅައި، ފައިސާ ދީފައި ވަނީ ޔޫތު މިނިސްޓްރީގެ ކުރީގެ ނައިބު އަދި މިހާރު އެޗްޑީސީގެ އެސިސްޓެންޓު ޑިރެކްޓަރު މަލްޝާ ޝަރީފެވެ.
ކޮންމެ ކޮންޓެންޓް ކްރިއޭޓަރަކަށް އެވްރެޖުކޮށް ދީފައި ވަނީ 4،000ރ. އާއި 5،000ރ. އާ ދެމެދުގެ އަދަދެއްގެ ފައިސާކަން އެކި ކޮންޓެންޓް ކްރިއޭޓަރުންގެ ފަރާތުން ކަށަވަރުވެފައިކަމަށް ވެސް "އަދަދު"ގައި ރިޕޯޓުކޮށްފައިވެއެވެ.
މިކަމާ ގުޅިގެން "ތޭރަ އޮންލައިން" އިން މަލްޝާއަށް ގުޅާލުމުން ވިދާޅުވީ "ނޯ ކޮމެންޓްސް" ކަމަށެވެ.