ރައީސް ޑރ މުހައްމަދު މުއިއްޒު ނޫނީ މީޑިޔާތަކަށް ފިޔަވަޅު ނޭޅިގެން ބޮޑާހެކި ރައީސެއް ނުފެންނަކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ފާޑުވިދާޅުވެއްޖެ އެވެ.
ރައީސް ޔާމީން މިފަދައިން ވިދާޅުވެފައި ވަނީ ބުރާސްފަތި ދުވަހުގެ ރޭ ފްރޮންޓް އޮފީހުގައި އޮތް ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.
އެގޮތުން މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ރެޖިސްޓާޑް އަދި އަން-ރެޖިސްޓާޑް ނޫސްތަކުން ލިިޔެފައި ހުރި ބައެއް ޚަބަރުތައް ނޮޓިފައިކޮށް ރައީސް އޮފީހުން ފޮނުވާފައި ސިޓީގައި ވަނީ އެއީ ރައީސްގެ އަގުވައްޓާލަން ކުރާ ކަމެއް ގޮތުގައި ސިފަކޮށްފައެވެ.
މިވާހަކައަށް އިޝާރާތްކުރައްވާ ރައީސް ޔާމީން ވިދާޅުވީ ކޮންމެ ސަރުކާރެއްގައި ވެސް ފާޑުކިޔާފައި ރައީސުންގެ ވާހަކަތައް ޚަބަރުތަކުގައި ޝާއިއުކޮށްފައި ހުންނަކަމަށެވެ. ނަމަވެސް އެއްވެސް ރައީސަކު ރައީސް މުއިއްްޒު ފަދައިން ފާޑުކިޔާތީ ހިތްހަމަ ނުޖެހިގެން ބޮޑާ ހާކަފަ ނޫސްތަކަށް ފިޔަވަޅު އަޅަން މަސައްކަތްކޮށްފައި ނުވާކަމަށެވެ.
ރައީސް މައުމޫނާ ދިމާލަށް އެއްޗެހި ކިޔާތީއެއް މަޖިލީހަކަށް ނުފޮނުވާ މިވެނި މީޑިޔާއަކަށް ފިޔަވަޅު އަޅާށޭ ކިޔާފަ. ނޫނީ އަލީ ހުސެއިންގެ ނޮވެލްޓީ ޕްރެސް ބަންދުކޮށްދޭށޭ ކިޔާފައެއް.
އޭގެއިތުރުން އެމަނިކުފާނު ވިދާޅުވީ ރައީސް މުއިއްޒު ވެެރިކަމަށް ވަޑައިގަތީ ހިޔާލުފާޅު ކުރުމާއި ނޫސްވެރިކަންކުރުމަށް ފުރުސަތު ދެއްވާނެކަމުގެ ވައުދާއެކުގައި ކަމަށެވެ.
އެހެން ނަމަވެސް ފެނިގެން މި ދަނީ ސަރުކާރަށް ސަނާ ނުކިޔާ ޖަވާބުދަރީ ކުރުވަން މަސައްކަތްކުރާ ނޫސްތަކަށް ފިޔަވަޅު އެޅުމަށް ކުރެވެންހުރި ކަމެއް ކުރުމަށް ރައީސް އޮފީސް މެދުވެރިކޮށް މަސައްްކަތްކުރަމުން ގެންދާ މަންޒަރުކަމަށް ވިދާޅުވެ ރައީސް ޔާމީން ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.