ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް ޕީޕީއެމް އުވާލަން އެ ޕާޓީގެ ސެނެޓު ބައްދަލުވުމަށް އެޖެންޑާ ނުކުރާ ކަމަށާ އެއީ ޕީއެންއެފުން ކޮންޓްރޯލުކުރާ ނޫސްތަކުން ފެތުރި ދޮގު ޚަބަރެއް ކަމަށް ބުނެ ސަރުކާރުން ސްޕޮންސަރ ކުރާ ނޫސްތަކުގައި ރިޕޯޓުކުރި ނަމަވެސް އެއީ ދޮގުކަން ހާމަވެއްޖެއެވެ.
އެގޮތުން މިއަދުގެ މެންދުރު ފަހު 2:00ގައި ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ އޮފީހުގައި ބޭއްވި ޕީޕީއެމް ސެނެޓު މީޓިންގައި އެ ޕާޓީ އުވާލަން ހުށަހެޅުމަށް އިއްޔެ އެ ޕާޓީގެ އިސްވެރިންގެ މެދުގައި މަޝްވަރާކޮށް ސެނެޓަށް ހުށަހަޅަން ނިންމިކަން "ތޭރަ އޮންލައިން"އަށް ވަނީ ކަށަވަރުވެފައެވެ.
އެގޮތުން މިހާރުގެ ސްޕޯޓްސް ކޮމިޝަނަރގެ މަގާމުގައި ހުރި މުހައްމަދު ތޮލާލު އެއްވެސް ހައިސިއްޔަތެއް ޕީޕިއެމްގައި ނެތް އިރުވެސް ސެނެޓު މެމްބަރުންނަށް މެސެޖުކޮށް ވަނީ މިއަދުގެ ސެނެޓު ބައްދަލުވުމަށް ދައުވަތު އަރުވާފައެވެ. އަދި ޕީޕީއެމްގެ ކުރީގެ އެސްޖީ އަދި މިހާރު ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ މުހައްމަދު ޝަކީލު އާ ރައީސް އޮފީހުގެ މިނިސްޓަރު އަބްދުﷲ ނާސިރު ވެސް ވަނީ އެ ހުށަހެޅުން އެހެން ހުށަހެމުން އެގޮތަށް ފާސްކޮށްދިނުމަށް ވޯޓު ދޭން އެދި ބައެއް ސެނެޓަރުންނަށް ގުޅާފައިކަން ވެސް ނަން ހާމަނުކުރުމަށް އެދި ޕީޕީއެމްގެ ބައެއް ސެނެޓަރުން މައުލޫމާތު ދީފައިވެއެވެ.
ނަމަވެސް ބައްދަލުވުމުގެ ކުރިން މީޑިޔާއަށް އެކަން ތިލަވުމުން ޕީޕީއެމްގެ މެމްބަރުންނަށް އެކަން އެނގި ރައްޔިތުންގެ ރުޅިގަނޑު ސަރުކާރަށް އަމާޒުވާނެކަން ހާމަވަމުން އެކަން ފޮރުވުމަށް އެޖެންޑާ ބަދަލުކުރީ ކަމަށާ އަދި ޕީޕީއެމް އުވާލަން ހަމަކުރަން ޖެހޭ ވޯޓުގެ އަދަދު ވެސް ހަމަވެދާނެކަމަށް ރައީސް މުހައްމަދު މުއިއްޒުގެ ފެކްޝަނަށް ފަހުން ފަހުމުވުމަކީ އެހެންޑާ ބަދަލުކުރި އެއް ބޭނުން ކަމަށް ވެސް "ތޭރަ އޮންލައިން"އަށް މައުލޫމާތު ހިއްސާކުރި ސެނެޓަރުން ވަނީ މައުލޫމާތު ދީފައެވެ.
އެއަށް ފަހު ޕާޓީއަށް ނައިބަކާ ސެކެރެޓަރީ ޖެނެރަލެއް އައްޔަންކުރަން ބާއްވާ ބައްދަލުވުމަކަށް ހެދުމަށް ނިންމާ ހަގީގަތް އޮޅުވާލީ ކަމަށް ވެސް އެ ސެނެޓަރުން ވަނީ މައުލޫމާތު ދީފައެވެ.
މިކަން މިހެން ބައެއް މީޑިޔާތަކުން ރިޕޯޓުކުރުމުން ސަރުކާރުން ފަންޑުކުރާ ބައެއް ނޫސްތަކުން ވަނީ ޕީޕީއެމްއާ ހަވާލާ ދީ، އެއީ ދޮގު ޚަބަރެއް ކަމަށް ބުނެ ރިޕޯޓުކޮށްފައެވެ. ނަމަވެސް "ތޭރަ އޮންލައިން"އަށް ވަނީ ޕީޕީއެމް އުވާލަން ތާއީދުކޮށްދިނުމަށް އެދި ޕާޓީގެ ފަރާތުން ސެނެޓަރުންނަށް ގުޅި ބައެއް ކޯލުތަކުގެ ރެކޯޑިންވެސް ލިބިފައެވެ.
އެހެންކަމުން ފެށުނިއްސުރެ ރައްޔިތުންނަށް އޮޅުވާލަމުން ގެންދާ ޕީއެންސީއާ ރައީސް މުއިއްޒުގެ ސަރުކާރުގެ ބާރުގެ ދަށުގައި މިއަދު އޮތް ޕީޕީއެމްގެ އިސްވެރިންނަށްވެސް މަގާމުގެ ދިފާއުގައި ދޮގު ހެދުން ނޫން ގޮތެއް މިއަދު ނެތުމުން މީޑިޔާތައް ގޯސްކުރީއެވެ.