މ. މުރައިދޫގޭ މަރާމާތު ކުރަން ހިންގި މަޝްރޫއުގައި ދިވެހި ސަރުކާރުން ޚަރަދު ނުކުރާ ކަމަށް ބުނެ ހެދީ ދޮގުކަން ހާމަވެއްޖެއެވެ.
އެކަން ހާމަވެފައިވަނީ މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އޮންލައިން ނޫހަކުން ހުށަހެޅި އާރުޓީއައިއަށް ވެމްކޯއިން ދީފައިވާ ޖަވާބުންނެވެ.
މުރައިދޫގޭ މަރާމާތުކުރީ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެ ގެއަށް ބަދަލުވެވަޑައިގަތުމުގެ ތައްޔާރީތަކުގެ ތެރެއިންނެވެ. އެކަމަށް ދައުލަތުން ކުރި ހަރަދު ހޯދުމަށް މަޖިލީހުގެ އިދާރާއަށާއި ފިނޭންސް މިނިސްޓްރީ އަދި ވެމްކޯއަށް އޮންލައިން ނޫސް "އަދަދު" އިން ވަނީ ހުށަހަޅާފައެވެ.
އެގޮތުން މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ހުށަހެޅި އާރުޓީއައިތަކަށް ދިން ޖަވާބުގައި ފިނޭންސް އަދި މަޖިލިސް އިދާރާއިން މުރައިދޫގޭގެ މަރާމާތަށް ހަރަދެއް ނުކުރާ ކަމަށް ބުންޏެވެ. ނަމަވެސް ވެމްކޯއިން ވަނީ މި މަސައްކަތަށް 3.5 މިލިއަން ބިލުކޮށްފައިވާނެ ކަމަށާއި އެ ފައިސާ ކެޕިޓަލް އެކްސްޕެންޑިޗާގެ ތެރޭގައި ހިމަނަން ފިނޭންސުގައި އެދިފައިވާނެ ކަން ހާމަކޮށްފައެވެ.
މި 3.5 މިލިއަން ހަރަދުވީ ކޮން ކަންކަމަކަށް ކަމެއް ނަމަވެސް ވެމްކޯއިން ހާމަކޮށްފައިނުވެއެވެ. މަޝްރޫއުގެ ރަސީދުތަކަށް އެދުނު ނަމަވެސް އިތުރު ތަފުސީލު ދެވެން ނެތް ކަމަށް ލިޔުމުން ދިން ޖަވާބުގައި ބުނެފައިވެއެވެ.
މަސައްކަތަތަކީ ޕްރޮޖެކްޓު އުސޫލުން މި ކޯޕަރޭޝަނުން ނަގާފައިވާ މަސައްކަތަކަށް ވާތީ، މި މަސައްކަތްތަކާއި، ހަރަދުތަކުގެ ތަފުސީލު އަދި ރަސީދުތައް ކޯޕަރޭޝަންގެ ކަމާބެހޭ ޑިޕާޓްމަންޓުތަކުން ބޭރަށް ފޯރުކުރުމަކީ މި ކޯޕަރޭޝަނުގައި ގާއިމުކޮށްފައިވާ ޕޮލިސީ ހުއްދަ ކުރާ ކަމަކަށް ނުވާތީ، ހަރަދުތަކުގެ ތަފުސީލު ހިމެނޭ އެއްވެސް ލިޔެކިޔުމެއް ނުވަތަ ފައިސާގެ ރަސީދެއް ވެސް އެއްވެސް ފަރާތަކާ ހިއްސާކުރެވެން ނެތް ކަމަށް ވެމްކޯއިން ހާމަކޮށްފައިވެއެވެ.
މުރައިދޫގެ މަރާމަތަށް ދިޔަ ހަރަދުތަކުގެ ރަސީދުތައް ސިއްރުކުރަން ވެމްކޯއިން ނިންމާފާވާއިރު، އެ ގޭގައި މަސައްކަތް ކުރާ މުވައްޒަފުންގެ ތަފުސީލުތައް ހާމަނުކުރަން މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) މިދިޔަ ހަފުތާ ވަނީ މަސައްކަތް ކޮށްފައެވެ.