ރާއްޖޭގައި ގާއިމްވެފައި ތިބި އިންޑިޔާގެ ސިފައިން ބޭލުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިޔަށްގެންދިޔަ "އިންޑިޔާ އައުޓް" ކެމްޕެއިނަކީ އެމަނިކުފާނުގެ ފިލޯސަފީއެއްކަމަށް، 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބް ކާމިޔާބު ކުރެއްވުމުގެ ކުރިން ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެފައި ނުވާކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
ރައީސް ޔާމީން މިފަދައިން ވިދާޅުވެފައި ވަނީ ހޯމަ ދުވަހުގެ ރޭ ފްރޮންޓް އޮފީހުގައި ކުރިޔަށްދިޔަ ޖަލްސާގެ އޯޑިއަންސްގައި އިންނަވާ ވާހަކަދައްކަވަމުންނެވެ.
އެގޮތުން ރައީސް މުއިއްޒު ވެރިކަމަށް އައުމަށްފަހު ދުނިޔޭގެ މަޝްހޫރު ނޫހެއްކަމަށްވާ "ބީބީސީ"އަށް ދެއްވި އިންޓަވިޔުގައި ވެސް އިންޑިޔާ އައުޓް ކެމްޕެއިނަކީ ރައީސް ޔާމީން ފިލޯސަފީއެއްކަމަށް ވިދާޅުވެފައި ނުވާތީ އެ ވާހަކައަށް އިޝާރާތް ކުރައްވާ ރައީސް ޔާމީން ވިދާޅުވީ މިހާރު މުޅިން ރާގު ބަދަލުވެއްޖެކަމަށެވެ.
ރައީސް ޔާމީން އިތުރަށް ވިދާޅުވީ އޭރު އެ އިންޓަވިޔުގައި ރައީސް މުއިއްޒަށް ރައްޔިތުން ވޯޓު ދިން އެއް ސަބަބުގެ ތެރޭގައި "އިންޑިޔާ އައުޓް" ހިމެނޭކަމަށް ވިދާޅުވެ، އިއުތިރާފްވެފައިވާއިރު މިއަދު އެހެން ބުނަންވެސް ރައީސް މުއިއްޒަށް ކެރިވަޑައިނުގަންނަވާނެެއެވެ.
ބީބީސީއަށް ދެއްވި އިންޓަވިޔުގައި އެއްވެސް ކަހަލަ ކަމްޕޮލްޝަނެއް، މަޖުބޫރުކަމެއް ނެތި މުއިއްޒު އެ ވާހަކަފުޅު ދައްކަވަނީ. ދެން އަޅުގަނޑުމެންނަށް މުއިއްޒު ދައްކަވާ ވާހަކަފުޅާ ފޭޝަލް އެކްސްޕްރެޝަނާ، ބޮޑީ އެކްސްޕްރެޝަނާ މި ހުރިހާ އެއްޗެއް ފެނޭ. އެ ދައްކަވާ ވާހަކަފުޅުގައި މުއިއްޒު އެ ދެއްކެވީ މުއިއްޒުގެ ހިތުގެ އަޑިން ޖަޒްބާތާއެކީ ނޫނީ އަމިއްލަ ރޫހާއެކީ. އޭގަ އެބައޮތްތޯ ތިމަންނަ އިންޑިޔާ އައުޓް ޖަހައިގެން އުޅުނީ ތިމަންނާގެ ފިލޯސަފީއެއް ނޫނޭ، މަޖުބޫރުވެގެން އޭރު ރައީސް ޔާމިން ކުރީމަ ކުރީއޭ.
އޭގެއިތުރުން ކުރިން އިންޑިޔާ އައުޓޭ ވިދާޅުވީ މަޖުބޫރުކަމެއް ނެތި ނަމަވެސް މިހާރު އެކަން ކުރެއްވީ މަޖުބޫރުވެގެންނޭ ވިދާޅުވާއިރު ދޭހަވަނީ ރައީސް މުއިއްޒަކީ ދެފަހަރު ދެ އެއްޗެއް ކިޔާ މީހެއް ކަމަށް ވިދާޅުވެ ރައީސް ޔާމީން ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.