ރައީސް ޔާމީން ވާހަކަފުޅު ދައްކަވަނީ / ތޭރަ އޮންލައިން
ސިޔާސީ
ސަރުކާރަށް 11 މަސް ވެގެން ދާއިރު ޑޯނިޔާ އަދި ހެލިކޮޕްޓަރ ދުއްވާނެ މީހަކު ތަމްރީން ކުރުމުގެ ގާބިލުކަމެއް ނެތް: ރައީސް ޔާމީން
Aminath Zara
އައިމިނަތު ޒާރާ
21 އޮކްޓޯބަރު 2024
މާލެ ސިޓީ

ރައީސް ޑރ މުހައްމަދު މުއިއްޒުގެ ވެރިކަމަށް 11 މަސް ވެގެން ދާއިރު ޑޯނިޔާ އަދި ހެލިކޮޕްޓަރ ދުއްވަން ބަޔަކު ތަމްރީނު ކުރެވޭނެހާ ގާބިލުކަމެއް ނެތް ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މިރޭ ކުރިއަށް ދިޔަ ޕީއެންއެފްގެ ފްރޮންޓް އޮފީސް ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ރައީސް ޔާމީން އިތުރަށް ވިދާޅުވީ މި އުޅަނދުތައް ދުއްވުމަށް ރާއްޖެއިން ބަޔަކު ތަމްރީނު ކުރުމުގެ ބަދަލުގައި މުއިއްޒުގެ ވިސްނުންފުޅު ހުރީ ގައުމުގެ ސިޔާދަތު ވިއްކާލައި އެހެން ގައުމެއްގެ އަޅުވެތިކަމަށް ވަޑައިގެން މި ތަކެތި ބޭނުން ކުރައްވަން ކަމުގައެވެ.

މިގޮތުން، މުއިއްޒު އެންމެ ފަހުން އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި އިންޑިއާ އާއި އެކު ގޮތް ނޭނގޭ އެއްބަސްވުންތަކެއްގައި ސޮއިކޮށް އަސްކަރީ އުޅަނދުތަކާއި ބޭސްތައް ގާއިމުކުރުމަށް ނިންމަވާފައިވާ ކަމަށް ރައީސް ޔާމީން ފާހަގަކުރެއްވިއެވެ.

ގައުމުގެ ސަލާމަތާއި މިނިވަންކަމަށް ބުރޫ އަރާ ގޮތަށް ގައުމުގެ ރައީސް ކުރައްވާ މިފަދަ ކަންތައްތައް ހުއްޓުވުމަކީ ދިވެހި ސިފައިންގެ މައްޗަށް ލާޒިމުވެގެންވާ ކަމެއްކަމުގައި ރައީސް ޔާމީން ވިދާޅުވިއެވެ.

މިހެން ހިނގާ ގައުމީ ސަލާމަތަށް ނުރައްކާވާ ކަންކަމުގައި ރައީސް މަގުން ކައްސާލާ ދާ ކަމުގައި ވަންޏާ މަގު ދައްކައިދޭން ތިބި ބަޔަކީ ދިވެހި ސިފައިން.

- ރައީސް ޔާމީން ވިދާޅުވިއެވެ.

މިއީ ގައުމީ ސަލާމަތާއި ގުޅުން ހުރި މައްސަލަތަކުގެ ހުދޫދުގެ ތެރެއިން ވާ ކަންތައްތައް ކަމުގައި ރައީސް ވަނީ އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކޮށްފައެވެ.

މީގެ އިތުރުން، އިންޓަވިއުތަކަށް އަރާ މިވެނި ވަރަކަށް އުޅަނދުތަކުގެ އަދަދު ހާމަކުރި ކަމުގައިވިޔަސް އެ ދުއްވާނެ ދިވެހި ދަރީން ތަމްރީނު ކުރުމުގެ ގާބިލުކަމެއް ނެތިއްޔާ ދިވެހި ސިފައިން ބޮޑު ތަނުން ފެއިލް ވެފައިވާކަން ހާމަވެއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved