މަސްވެރިންނަށް ވެވަޑައިގެންނެވި ވައުދާ ހިލާފްވެ އެމީހުން ބާނާ މަހަށް ފައިސާ ނުދޭތީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ފާޑުވިދާޅުވެއްޖެ އެވެ.
މަސްވެރިންގެ ހައްގުގައި ރައީސް ޔާމީން ވާހަކަ ދައްކަވާފައި ވަނީ ހޯމަ ދުވަހުގެ ރޭ ޕީއެންއެފްގެ އޮފީހުގައި ކުރިޔަށްދިޔަ ޖަލްސާގައެވެ.
އެގޮތުން އެމަނިކުފާނު ވިދާޅުވީ މަސްވެރިންނަކީ އެންމެ ބުރަކޮށް މި ގައުމުގައި މަސައްކަތްކުރާ ބައެއްކަމަށާ މިއޮތްހާ ދުވަހު އަހަރެމެންގެ ގައުމުގައި ބަރޯސާވެފައި ވަނީ އެ ސިނާއަތަށްކަމަށެވެ. އެހެން ނަމަވެސް މިއަދުގެ ސަރުކާރުން އެކަން ބަދަލުކޮށްފި ކަމަށާ މިއަދު މަސްވެރިންނަކީ އެއްވެސް އަގެއް ހުރި ބައެއްގެ ގޮތުގައި ސަރުކާރުން ނުދެކޭކަމަށް ވިދާޅުވެ ރައީސް ޔާމީން ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
މަސްވެރިން އެއީ ދިވެހިރާއްޖޭގައި އެންމެ ގަދަޔަށް މަސައްކަތްކުރާ މީހުން. އެމީހުންގެ ސިނާއަަތައް އަޅުގަނޑުމެން އެބަ ޑިޕެންޑްވަމުން މިއޮތްހާ ޒަމާނުގައި އައީ. މިހާރު 4،5 މަސްވެގެން މިދަނީ 14 ރުފިޔާއަށް މަސްކިލޯ އެއް ހެދީކީ އެކަނި ނޫން. 14 ރުފިޔާ ހަދާފައި އޭގެ ލާރިކޮޅުވެސް ނުދެނީ. އަދިވެސް އެއުޅެނީ ނުދީގެން.
މަސް ގަންނަ އަގު 14 ރުފިޔާއަށް ހަދައިގެން ވެސް މަސްވެރިންނަށް ފައިސާ ނުދެވިގެން އުޅޭތީ ރައީސް ޔާމީން ވަނީ މަސްވެރިންނާ ދޭތެރޭ އިހުމާލު ނުވުމަށް ސަރުކާރަށް ގޮވާލާފައެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވީ، ޕީއެންއެފްގެ ޖަލްސާގައި އިނދެ ކިތަންެމެ ވަރަކަށް މި ވާހަކަތައް ދެއްކި ނަމަވެސް ސަރުކާރުގައި ތިބީ އެ ވާހަކަތައް އަޑުއިވޭ ބައެއް ނޫންކަމަށެވެ.
މަސްވެރިންނަށް ފައިސާ ނުދޭ ވާހަަކަ ރައީސް ޔާމީން ފާހަގަކުރައްވާފައިވާއިރު މިހާރުވެސް މަސްވެރިންނަށް ނުދީ 9 މިލިއަން ރުފިޔާ ހުރިކަން މިފްކޯއިން މީޑިޔާތަކަށް ހާމަކުރި މައުލޫމާތުން އެނގެއެވެ.