ރާއްޖޭގެ ދެކުނުން ގެއްލުނު ކަނޑުގެ މައްސަލައިގައި ސުވާލު ކުރުމުން ސަރުކާރުން ދެނީ ނުކުޅެދޭ ޖަވާބުކަމަަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ފާޑު ވިދާޅުވެއްޖެ އެވެ.
ރައީސް ޔާމީން މިފަދައިން ވިދާޅުވެފައި ވަނީ ހޯމަ ދުވަހުގެ ރޭ ފްރޮންޓް އޮފީހުގައި އޮތް ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
އެގޮތުން އެމަނިކުފާނު ވިދާޅުވީ ކަނޑުގެ ސަރަހައްދު ގެއްލިގެން އިދިކޮޅުގައި އޮންނަވާ އަދުގެ ސަރުކާރުގެ ވެރިން ބުނަމުން ގެންދިޔައީ، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ކަނޑުގެ ސަރަހައްދު މޮރިޝަސް އަށް ވިއްކާލީ ސިއްރު ސިޓީއަކުންކަމަށެވެ. އެހެން ނަމަވެސް ވެރިކަމަށް އައުމަށްފަހު ރައީސް އޮފީހުގެ ތަރުޖަމާނަކު އަރުވާފައި ފަހުން ވިދާޅުވީ އެ ސިޓީއެއް ނެތް ކަމަށެވެ. މިކަންކަމުގެ ސަބަބުން ރައްޔިތުންގެ ހިތުގައި ސަރުކާރަށް ނަފްރަތު އުފެދިގެން ދާނެ ކަމަށް ވިދާޅުވެ ރައީސް ޔާމީން ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.
ސިޓީ އޮތަސް މިހާރު ހާމަނުކުރަން އެއުޅެނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ މައްސަލަ ބަލައި އެކަމުގައި ފިޔަވަޅު ނޭޅުމަށްކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ. އެމަނިކުފާނު އިތުރަށް ވިދާޅުވީ އެކަން ނުކުރަން ރައީސް މުއިއްްޒު އުޅުއްވާ މައިގަނޑު ސަބަބަކީ ނޫމަޑީގެ މައްސަލަ އިސްތިއުނާފް ނުކޮށް ރައީސް މުއިއްޒާއެކު އެއްބަސްވުމަކަށް ރައީސް ޞާލިހް އައުމުން އެކަމުގެ ބަދަލު ދިނުމަށެވެ.
ގެއްލުނު ފައިސާގެ އެއްވެސް ފައިސާއެއް ހޯދަން މަސައްކަތް ކުރާ ބައެއް ނޫން މިއަކީ. އެހެންވީމަ ކަނޑުތަކުގެ ވާހަކަ، ގެއްލުނު ކަނޑުގެ ވާހަކަައިގައި ވެސް އެހާ ނުކުޅެދޭ ޖަވާބު މި ދެނީ. ކޮން އެކްސްޕްލެނޭޝަނެއްތޯ އެއީ.
އިދިކޮޅުގައި އޮވެ ކުރީގެ ރައީސް ޞާލިހްގެ ސަރުކާރުން ހިންގާފައިވާ ކޮރަޕްޝަންތަކުގެ މައްސަލަ ކިތަންމެ ވަރަަކަށް ބަލާނަމޭ ކީ ނަމަވެސް މިހާރު އެ ވާހަކަތައް ދެއްކި މީހުން ތިބީ ހަނުކަމަށާއި މިއަދު އެކަން ކުރާނެ ހިތްވަރެއް ރައީސް މުއިއްޒުގެ ނެތް ކަމަށް ވިދާޅުވެ ރައީސް ޔާމީން ވަނީ ވަރަށް ބޮޑަށް ސަރުކާރަށް ފާޑުވިދާޅުވެފައެވެ.