ސަޕްލިމެންޓްރީ ބަޖެޓުގެ ގޮތުގައި ފަސް ބިލިއަން ރުިފޔާގެ ބަޖެޓެއް ހުށަހަޅައިފިއެވެ.
މި އަހަރަށް ފާސްކޮށްފައިވާ 49.8 ބިލިއަން ރުފިޔާގެ ބަޖެޓުން ނުވާނެ ކަމަށް ނިންމާ ސަޕްލިމެންޓްރީ ބަޖެޓު ހުށަހަޅާފައިވަނީ މިއަދު އެކަމަށް ޚާއްސަކޮށް ބޭއްވި މަޖިލިސް ޖަލްސާގައި މާލީ ވަޒީރު މޫސާ ޒަމީރެވެ.
ބަޖެޓް ހުށަހަޅުއްވަމުން މިނިސްޓަރު ވިދާޅުވީ މި ބަޖެޓް ހުށަހަޅުއްވަނީ މިއަހަރަށް ފާސްކޮށްފައިވާ 50 ބިލިއަން ރުފިޔާގެ ބަޖެޓް ހަރަދުކޮށް ނިމުމުގެ ކުރިން ކަމަށެވެ. އެގޮތުން މިދިޔަ މަހުގެ ނިޔަލަށް ބަޖެޓުން ހަރަދުކޮށްފައި ވަނީ 76 ޕަސެންޓް ކަމަށް ވިދާޅުވިއެވެ. އަދި މިހާރު ފާސްކޮށްފައިވާ ބަޖެޓަކީ ކުރީ ސަރުކާރުން ފާސްކޮށްފައިވާ ބަޖެޓެއް ކަމަށާއި، ބަޖެޓު އެގޮތަށް ތަންފީޒުކުރުމުގައި ގިނަ ގޮންޖެހުންތަކެއް އެބަހުރި ކަމަށް ވެސް ވިދާޅުވެފައިވެއެވެ.
މިއަދު ސަރުކާރުގެ ފަރާތުން ހުށަހެޅި ސަޕްލިމެންޓްރީ ބަޖެުގެ ޖުމްލަ އަދަދަކީ 5,119,508,129ރ. އެވެ. މި ބަޖެޓާ އެކު ޖުމުލަ މި އަހަރުގެ ބަޖެޓު 55 ބިލިއަން ރުފިޔާއަށް އަރާނެއެވެ.
މި ބަޖެޓުގައި ރިކަރަންޓު ޚަރަދުގެ ގޮތުގައި 1.5 ބިލިއަން ރުފިޔާ ހިމަނާފައިވެއެވެ. އެއީ:
މުސާރައަށް 24.4 މިލިއަން ރުފިޔާ
މެޑިކަލް ސަޕްލައިއަށް 200 މިލިއަން ރުފިޔާ
ސަބްސިޑީއަށް އެއް ބިލިއަން ރުފިޔާ
ބޭސް ފަރުވާގެ އެހީއަށް 262.6 މިލިއަން ރުފިޔާ އެވެ
ބަޖެޓުގައި ކެޕިޓަލް ޚަރަދުގެ ގޮތުގައި 3.6 ބިލިއަން ރުފިޔާ ހިމަނާފައިވެއެވެ. އެއީ:
ބިން ހިއްކުމާއި އިމާރާތްކުރުން އަދި އިންފްރާސްޓްރަކްޗާއަށް 2 ބިލިއަން ރުފިޔާ
ކެޕިޓަލް ކޮންޓްރިބިއުޝަންގެ ގޮތުގައި 441 މިލިއަން ރުފިޔާ
ކޮންޓިންޖެންސީގެ ގޮތުގައި 650 މިލިއަން ރުފިޔާ
ސްޓޫޑެންޓް ލޯނު ދޫކުރަން 458.4 މިލިއަން ރުފިޔާއެވެ.
މީގެ އިތުރުން ޕީއެސްއައިޕީ ބަޖެޓު ކުރިއިރު ރިއަލިސްޓިކް ނޫން، ކުދި އަދަދުތައް މަޝްރޫއުތަކުން ޖަހާފައިހުރުމުން، މި މަޝްރޫއުތަކުގެ ޚަރަދުތައް ހަމަޖެއްސުމަށް ބޭނުންވާ 2 ބިލިއަން ރުފިޔާ ވެސް މި ސަޕްލިމެންޓަރީ ބަޖެޓުގައި ހިމެނޭނެ ކަމަށް މާލީ ވަޒީރު ވިދާޅުވެފައިވެއެވެ.
ހަމައެހެންމެ މި ސަޕްލިމެންޓަރީ ބަޖެޓުގައިވަނީ ޖުމުލަ އާމްދަނީ އާއި ހިލޭ އެހީއަށް އިތުރަށް 640 މިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާކޮށްފައެވެ. އެއީ، ޓެކުހުގެ ގޮތުގައި ލިބޭ އާމްދަނީން އިތުރު 61 މިލިއަން އަދި އެހެނިހެން އާމްދަނީގެ ގޮތުގައި 379 މިލިއަނާއި ހިލޭ އެހީގެ ގޮތުގައި 199 މިލިއަން ރުފިޔާއެވެ.
ފިނޭންސުން ހިއްސާކުރި އަދަދުތަކުގައިވާ ގޮތުގައި މިދިޔަ މަހުގެ ނިޔަލަށް މި އަހަރަށް ފާސްކުރީ 49.8 ބިލިއަން ރުފިޔާގެ 74 ޕަސެންޓު ހޭދަވެއްޖެއެވެ. މި ބަޖެޓަށް ފައިނޭންސް ކުރަނީ ބޭރުގެ ބާޒާރުން 1.4 ބިލިއަން ރުފިޔާ އަދި އެތެރޭގެ ބާޒާރުން ތިން ބިލިއަނަށް ވުރެ ގިނަ ރުފިޔާ ހޯދާ ގޮތަށެވެ.