ޓެކްސް ބިލް، މައްޗަން ގޯޅީ އުތުރު ދާއިރާގެ މެމްބަރު އިބްރާހިމު މުހައްމަދު (ޖަނާބު) ލައްވާ ހުށަހެޅުވުމުން ދޭހަވަނީ އިލްމުވެރިންނަށް ރައީސް މުހައްމަދު މުއިއްޒު އިހުތިރާމް ނުކުރާ މިންވަރު ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީން މިފަދައިން ވިދާޅުވެފައިވަނީ ޕީއެންއެފުން ބުރާސްފަތި ދުވަހުގެރޭ ބޭއްވި ޖަލްސާގައި ވާހަަކަފުޅު ދައްކަވަމުންނެވެ.
ރައީސް ޔާމީން ވަނީ ޓެކްސް ބޮޑު ނުކުރާނެކަމުގެ ވައުދާއެކު ވަޑައިގެން ރައީސް މުއިއްޒު އެ ވައުދު އޮޅުވަލައްވަމުން ގެންދަވާތީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އަދި ވިދާޅުވީ، ސަލަފީންގެ ތެރޭގައި ނުވަތަ ސަލަފް ޖަމްއިއްޔާގެ ތެރޭގައި މޫލާފައިވާ މުޑުވަކެއްގެ ގޮތުގައި ރައީސް މުއިއްޒު ސިފަ ކުރައްވަމުން ރައީސް ޔަމީން ވިދާޅުވީ މީގެ ކުރިން ސަލަފުގައި ހިމެނިވަޑައިގަންނަވާ މިހާރުގެ އެމްޕީ އިބްރާހިމު މުހައްމަދު ނުވަތަ ޖަނާބުވަނީ ޓެކްސް ނެގުމަކީ ހަރާންކަމެއްކަމަށް ވިދާޅުވެފައި ކަމަށެވެ.
އެހެންކަމުން އެފަދަ އިލްމުވެރިއަކު މެދުވެރިކޮށް ގަސްދުގައި މަޖިލީހަށް ޓެކްސްގެ ބިލު ހުށަހެޅުއްވުމީ ލާނެއް ކަމެއް ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އަދި އެއީ އިލްމުވެރިންނަށް ރައީސް މުއިއްޒު އަގަލެއް އަދި އިހުތިރާމެއްވެސް ނެތްކަންކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
ކުރިން ހަރާންވި ކަންކަން މިހާރު ހަލާލުވާ މަންޒަރު މި ފެންނަނީ. އެކަމަކު ޖަނާބު މެދުވެރިކޮށް މުއިއްޒު މި ބިލު ހުށަހެޅުއްވުމުން އެނގެނީ އޭނަގެ އަގަލެއް ރެސްޕެކްޓެއް އިލްމުވެރިންނަށް ނެތް ކަން. އެހެން ނޫނީ ކީއްކުރަންތޯ މީނަލައްވާ ހުށަހަޅަންވީކީ. ޓެކްސް ނެގުމަކީ ހަރާންކަމެއް ކަމަށާ ފޭރުމެއްކަމަށް ބުނެފައި އޮތް ސަލަފީއެއް ނުވަތަ ސަލަފް ޖަމްއިއްޔާއަށް ނިސްބަތްވާ މެމްބަރަކު ލައްވާ މިއޮތީ މިކަންކޮށްފައި
ދުންފަތުގެ ހުރިހާ ބާވަތްތަކާއި ވޭޕުން ނަގާ ޓެކްސް ނޮވެމްބަރު 1، އިން ފެށިގެން ބޮޑު ކުރުމުގެ ބިލެއް ރައްޔިތުންގެ މަޖިލީހަށް މެމްބަރު އިއްބެ ހުށަހަޅާފައިވާއިރު އޭނާ ވަނީ ޖޫން 2013 ގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޓެކްސް ނެގުމަކީ ސިސްޓަމެޓިކްކޮށް ފޭރުންކަމަށް ވިދާޅުވެފައެވެ. އަދި މި ހަގީގަތް ބަދަލެއް ނުކުރެވޭނެކަމަށާއި އެއީ އެއްވެސް ރައްޔިތަކު ބޭނުންވެގެން ކުރި އަދި ކުރާ ކަމެއް ނޫންކަމަށްވެސް އެ ޕޯސްޓްގައި ވެއެވެ.