މި އަހަރަށް ލަފާކޮށް ނިމިދިޔަ މަޖިލީހުން ފާސްކުރި ބަޖެޓުން މިއަދާ ހަމައަށް ހަރަދުކުރި ގޮތުގެ ތަފުސީލު މި ސަރުކާރުން ހުށަހެޅި ސަޕްލިމެންޓަރީ ބަޖެޓު ދިރާސާ ކުރާ ކޮމިޓީއަށް ވެސް ސިއްރުކުރަން އެ ކޮމިޓީން ފާސްކޮށްފި އެވެ.
މި އަހަރުގެ ބާކީ ބަޔަށް ހަރަދުތައް ހަމަޖެއްސުމަށް ކަމަށް ބުނެ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މަޖިލީހަށް ހުށަހެޅުއްވީ ފަސް ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.
މިނިސްޓަރު މާދަމާ މަޖިލީހަށް ހާޒިރުވާއިރު މި އަހަރުގެ ބަޖެޓު މިހާތަނަށް ހަރަދުކުރި ގޮތުގެ ތަފުސީލު ކޮމިޓީއާ ހިއްސާކުރުމަށް ހުށަހެޅުއްވީ އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުއްގަފޫރު މޫސާ އެވެ.
މި ހުށަހެޅުމަށް ވޯޓަށް އެހުމުން އެ ތަފުސީލުތައް ކޮމިޓީއަށް ހިއްސާކުރަން ފެންނަ ކަމަށް ވޯޓު ދެއްވީ ކޮމިޓީގައި ތިއްބެވި އެމްޑީޕީގެ ހަތަރު މެންބަރުންނާއި އެމްޑީއޭގެ މެންބަރު މުހައްމަދު އައްބާސް އެވެ.
އެހެންނަމަވެސް، ކޮމިޓީގައި ހިމެނޭ ޕީއެންސީގެ 14 މެންބަރުންނާއި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ވަނީ ތަފުސީލުތައް ސިއްރުކުރަން ވޯޓު ދެއްވާފަ އެވެ. މި ހުށަހެޅުމަށް ވަކިގޮތަކަށް ވޯޓު ނުދެއްވީ ޕީއެންސީއަށް ނިސްބަތްވާ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން އެވެ.
ތަފުސީލުތައް ސިއްރުކުރަން ފެންނަ ކަމަށް ޕީއެންސީ މެންބަރުން ވޯޓު ދެއްވަން ފެށުމާއެކު އިދިކޮޅު މެންބަރުން ވަނީ، ރައްޔިތުންގެ ފައިސާ ހަރަދުކުރި ގޮތް އޮޅުވާލަން މަސައްކަތް ކުރާ ކަމަށް ވިދާޅުވެފަ އެވެ.