ވޭޕާއި ވޭޕު ކުރުމަށް ބޭނުން ކުރާ ތަކެއްޗާއި އޭގެ ވަކިވަކި ބައިތައް ރާއްޖެއަށް އެތެރެ ކުރުމާއި ބޭނުން ކުރުމާއި ވިޔަފާރި ކުރުމާއި ހިލޭ ބެހުން މަނާކުރުމަށް ގާނޫނަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ފޮނުވި ބިލު މަޖިލީހަށް ބަލައިގަނެ އިޖުތިމާއީ ކޮމިޓީއަށް ފޮނުވައިފި އެވެ.
އެ ބިލަކީ ސަރުކާރުގެ ފަރާތުން ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަހުމަދު އައިފާން ހުށަހެޅުއްވި އިސްލާހެކެވެ.
އެ ބިލު ބަލައިގަންނަން ފާސްކުރީ 76 މެންބަރުންގެ ވޯޓާއެކު އެވެ. އަދި އެ ބިލު ބަލައި ނުގަންނަން އެއްވެސް މެންބަރަކު ވޯޓު ދީފައިނުވެއެވެ. އެހެންނަމަވެސް އެއްވެސް ކޮޅަކަށް ވޯޓޭ ދޭން ނުފެންނަ ކަމަށް އެއް މެމްބަރު ވަނީ ވޯޓު ދީފައެވެ.
އީ ސިނގިރޭޓާއި ވޭޕް ކުރުމަށް ބޭނުކުރާތަކެތި ރާއްޖެ އެތެރެކުރުން މަނާކުރާއިރު އެތަކެތި އެތެރެކޮށްފި ނަމަ 50,000 ރުފިޔާއިން ޖޫރިމަނާކޮށް, ކޮންމެ އީ ސިނގިރޭޓަކުން ނުވަތަ ވޭޕްގެ އާލާތަކަށް 10,000 ރުފިޔާގެ މަގުން ޖޫރިމަނާކުރާނެ ކަމަށް އިސްލާހުގައި ބުނެފައިވެ އެވެ.
އެތަކެތި ވިއްކުން މަނާވާއިރު އެކަމާ ހިލާފުވެއްޖެނަމަ 20,000 ރުފިޔާއިން ޖޫރިމަނާކޮށް, ކޮންމެ އާލާތަކަށް 10,000 ރުފިޔާގެ މަގުން ޖޫރިމަނާ ކުރާނެ ކަމަށް ހިމަނާފައިވެ އެވެ.
އޭގެ އިތުރުން ހިލޭ ބަހައިފިނަމަ 10,000 ރުފިޔާއިން އަދި ބޭނުންކުރާ މީހުން 5000 ރުފިޔާއިން ޖޫރިމަނާ ކުރާނެ ކަމަށް ބުނެފައިވެ އެވެ. އަދި ވިއްކާ ހިލޭ ބަހާފައިވަނީ ކުޑަކުއްޖަކަށްނަމަ އިސްލާހުގައި ބުނެފައިވަނީ އިތުރަށް 50,000 ރުފިޔާއިން ޖޫރިމަނާ ކުރާނެ ކަމަށެވެ.