ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރަކީ މަގާމުތައް ގަނެ ވިއްކާ ސަރުކާރެއްގެ ގޮތުގައި ރައީސް އަބްދުﷲ ޔާމީން ސިފަކުރައްވައިފިއެވެ.
ރައީސް ޔާމީން މިފަދައިން މި ސަރުކާރު ސިފަކުރައްވާފައި ވަނީ ބުރާސްފަތި ދުވަހުގެރޭ ބޭއްވި ޕީއެންއެފްގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ޔާމީން ވިދާޅުވީ ސަރުކާރު ތެރެއިން ބޭބޭފުޅުން ކުރައްވަމުން ގެންދަވާ ނޭނދެވޭ ކަންކަން ބަލާ ތަހުގީގުނުކުރެވޭ ކަމަށާ އެހެން އެކަން ނުކުރެވެނީ މި ސަރުކާރުގައި ތިއްބެވީ ރައީސް މުއިއްޒަށް ފައިސާ ދީގެން މަގާމުތައް ގަނެ އެ މަގާމުތައް ކަށަވަރުކޮށްގެން ތިއްބެވި ބޭފުޅުން ކަމަށް ވުމުން ކަމަށެވެ.
ރައީސް ޔާމީން ވިދާޅުވީ މި ސަރުކާރުގެ ތެރޭގައި ކޮރަޕްޝަން އިންތިހާ ކަމަށާ އެގޮތުން މި ސަރުކާރުގައި ފެނިގެން ދަނީ ކޮރަޕްޝަން އަކީ ގައިން ގަޔަށް އަރާ ނުރައްކާތެރި ބައްޔެއްގެ ގޮތުގައި ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީން ވަނީ ބެލްކަނީއިން ވެއްޓި ނިޔާވި ޒުވާނާގެ މައްސަލަ ފުލުހުން ނުބަލާތީ ވެސް ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
ފެނިގެން މިދަނީ ފުލުހުން، ތަހުގީގޫކުރާ އިދާރާ. ފުލުހުން އެނބުރޭނީ ރައީސްގެ އަމުރަށް. ދެން ވަޒީރު އިހުސާން. އޭނާއަށް ކުށެއް ނުކުރެވޭނެ. އެއީ އިހަކަށް ދުވަހުވެސް ދައުލަތަށް 10 މިލިއަން ޑޮލަރުގެ ބޮންޑެއް ވެސް ހޯދާދީފައި ވަނީ. ވަޒީރުންނާ އެމްބަސެޑަރުންވެސް މިތިބެނީ މަގާމުތައް ގަނެފަ. މިއީ ގަނެ ވިއްކާ ސަރުކާރެއް
ރައީސް ޔާމީން ވިދާޅުވީ، ނަޒާހަތްތެރިކަމާ އެކު މައްސަލަތައް ތަހުގީގުކޮށް ވަކި ވަކި ފަރުދުން ތަފާތުކުރުމެއް ނެތި އިންސާފު ހޯދައިދިނުމަކީ ވެރިންގެ ޒިންމާއެއް ކަމަށެވެ.