ގައުމުގެ މިނިވަންކަން ގެއްލި އަޅުވެތިވެގެން ދަނީ ހަމައެކަނި ހަނގުރާމަކޮށް ބައެއްގެ އަތް ދަށުވެގެން ނޫން ކަމަށާއި ގައުމުގެ ބާރުތަކާއި ގާނޫނު އަސާސީން ބަޔާންކޮށްފައިވާ އިންތައް ގެއްލި، އެ އަނބުރާ ހޯދުމަށް މަސައްކަތް ނުކުރުމަކީވެސް އަޅުވެތިވުން ކަމަށް ޕީއެންއެފްގެ އިސް ސަފުގައި މަސައްކަތް ކުރައްވަމުން ގެންދަވާ އަހްމަދު ފަޔާޒް އަލީ (ޕާޕާ) ވިދާޅުވެއްޖެއެވެ.
ޕާޕާ މިފަދައިން ވިދާޅުވީ ޕީއެންއެފް އިން މިރޭ ކުރިއަށް ގެންދާ ފްރޮންޓް އޮފީސް ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
ނަސްރުގެ ދުވަހާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ޕާޕާ ވިދާޅުވީ އެ ދުވަހުގެ ހަމަލާގައި ގައުމަށް ޣައްދާރުވި ސިއްކަ އާއި މިއަދުގެ ރައީސް މުއިއްޒު އާއި އެއްވެސް ތަފާތެއް ނެތް ކަމަށެވެ.
މިދިޔަ ސަރުކާރުން ވިއްކާލި ރާއްޖޭގެ ގާނޫނު އަސާސީން ކަނޑައަޅާފައިވާ ގައުމުގެ އިން ނުވަތަ ކަނޑުގެ ސަރަހައްދު ހޯދުމަށް އެއްވެސް މަސައްކަތެއް މިހާތަނަށް ކޮށްފައިނުވުމުން ޕާޕާ ވަނީ އެކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
ކޮބާތޯ މިއަދު ސިއްކަ އާއި ޑރ މުއިއްޒު އާއި ހުރި ތަފާތަކީ؟ މިހެން ބުނަން މިޖެހޭ ސަބަބަކީ މިހާރުވެސް ރާއްޖޭގެ ގާނޫނު އަސާސީގައި ހިނެމޭ އިންތަކުގެ ތެރޭގައި ވިއްކާލި ކަނޑު ހިމެނޭ އިގޭތޯ. އެ ހޯދާކަށް މަސައްކަތެއް ނުކުރޭ. އެމީހުންނާއި ގުޅުނީ ނޫން ކަމެއް ނޭގެ.
މިއީ އާދައިގެ ކަންތައްތަކެއް ނޫން ކަމަށާއި މިއީ ދިވެހިން ވިސްނަން ޖެހޭ މުހިއްމު ކަންތައްތައް ކަމަށް ޕާޕާ ފާހަގަކުރެއްވިއެވެ.
ރާއްޖޭގެ ސިޔާދަތީ ސަރަހައްދުތައް ވިއްކާލުމުން އެންމެ ބޮޑަށް އެކަމަށް ކަންބޮޑުވުން ފާޅުކޮށް ފާޑުކިޔާފައިވާ އަދުގެ ސަރުކާރުގެ ފަރާތްތަކުން، އަނބުރާ އެ ސަރަހައްދު ހޯދުމުގެ ބާރު ލިބެމެ އެކަމަށް އެއްވެސް މަސައްކަތެއް ނުކުރުމަކީ އެ ދައްކަމުންދާ ގައުމިއްޔަތުގެ އެއްވެސް މާނައެއް ނެތް ކަން ހާމަވާ ކަމެއްގެ ގޮތުގައި ޕާޕާ ސިފަކުރެއްވިއެވެ.