ދިވެހިރާއްޖޭގެ މުއްސަނދި ތާރީޚާއި ގައުމިއްޔަތުކަން ބަޔަކު އަންނަނީ ގަސްތުގައި ސިސްޓެމެޓިކްކޮށް ނައްތާލަމުން ކަމަށް ކާނަލް ރިޓަޔާޑް އަހުމަދު ފަޔާޒު އަލީ (ޕާޕާ) ވިދާޅުވެއްޖެއެވެ.
ޕީއެންއެފްގެ ފްރޮންޓް އޮފީސްގައި ރޭ ކުރިއަށްދިޔަ ޖަލްސާގާއި ވާހަކަ ދައްކަވަމުން ޕާޕާ ވިދާޅުވީ ސްކޫލްތަކުގެ މަންހަޖުގައި ހިސްޓްރީގެ ގޮތުގައި ދަރިވަރުންނަށް އުނގަންނައިދެނީ އިންޑިޔާގެ ކޮންމެވެސް ހަނގުރާމައެއްގެ ނުވަތަ ކޮންމެވެސް ރަސްކަލެއްގެ ވާހަކަ ކަމަށެވެ.
މީގެ އިތުރުން ޕާޕާ ވަނީ ދިވެހި ތާރީޚު ކިޔަވައި ދިނުމުގެ މުހިއްމުކަމުގެ މައްޗަށްވެސް އަލި އަޅުވާލައްވާފައެވެ.
އިންޝާﷲ ޕީއެންއެފް ވެރިކަމެއްގައި 3 ނޮވެމްބަރުގެ ހާދިސާ ދިރާސާކޮށް ގައުމީ މަންހަޖުގައި ހިމަނާނަން އަޅުގަނޑުމެން.
03 ނޮވެމްބަރުގެ ހާދިސާއަކީ ގައުމު ދެމިއޮތްހާ ހިނދަކު ދިރުވާ އާލާކުރަން ޖެހޭ ފިލާވަޅުތަކެއް ކަމަށާއި ޕީއެންއެފްގެ ވެރިކަމެއްގައި ގައުމީ މަންހަޖުގައި މި ހާދިސާ ހިމަނައި މިފަދަ ކަންތައްތަކަށް މިހާރަށްވުރެ ބޮޑަށް އާ ޖީލު އަހުލުވެރިކޮށް ތާރީޚް ރަނގަޅަށް ބަލަހައްޓާނެ ކަމަށް ޕާޕާ ފާހަގަކުރެއްވިއެވެ.
މީގެ އިތުުރުން ރާއްޖޭގެ ގައުމިއްޔަތު އުވާލުމަށް ބަޔަކު މަސައްކަތް ކުރަމުންދާ ކަމަށް ފާހަގަކުރައްވާ ޕާޕާ ވިދާޅުވީ މަޖުބޫރު މާއްދާއެއްގެ ގޮތުގައި އޮތް ދިވެހި އިސްލާމް އޮޕްޝަނަލްކޮށް، ރަނގަޅަށް ދިވެހިން ސިޓީއެއް ލިޔެލަން ވެސް މިހާރުގެ ޖީލުގެ ކުދިންނަށް އުނދަގޫވެގެން އަންނަ ކަމަށެވެ.
ތާރީޚާއި ގުޅުން ހުރި މިފަދަ މުހިއްމު ދުވަސްތަކުގެ ސައްހަ މައުލޫމާތު ފޯރުކޮށްދިނުމަކީ ގައުމީ ވާޖިބެއްގެ ގޮތުގައި ޕާޕާ ވަނީ ސިފަކުރައްވާފައެވެ.