މޯލްޑިވްސް މީޑިއާ ކައުންސިލުން މިއަހަރު ދިން ނޫސްވެރިކަމުގެ އިނާމުގެ އިންސާފުވެރިކަމާ ގުޅުވައި އެވޯޑުގެ ފަނޑިޔާރުންގެ ގޮތުގައި މަސައްކަތް ކުރެއްވި ބޭފުޅުން ނެރުއްވި ބަޔާނުގައި އެ ކައުންސިލަށް ކޮށްފައި ހުރި ތުހުމަތުތައް ދޮގުކުރުކޮށް ފަނޑިޔާރުންނަށް ވަރުގަދަ ރައްދެއް އެމްއެމްދީއިން ދީފިއެވެ.
އެމްއެމްސީއިން ފަނޑިޔާރުންގެ ބަޔާން ދޮގުކޮށް ވަނީ ބަޔާނެއް ނެރެފައެވެ.
އެ ބަޔާނުގައި އެމްއެމްސީއިން ބުނެފައިވަނީ އެފަދަ ބަޔާނެއް ނެރެން ޖެހުނީ ކަން ހިނގާފައިވާ ގޮތުގެ ހަގީގަތް އޮޅޭ ގޮތަށް ވާހަކަތަކެއް ހިމަނައި ނޫސްވެރިކަމުގެ އެވޯޑު އިންސާފު ކޮށްދިން ފަނޑިޔާރުން "ސޮއި ކުރި ކަމަށް ބުނާ" ލިޔުމެއް ނެރެފައި ވާތީ ކަމުގެ ހަގީގަތް ރައްޔިތުންނަށް ހާމަ ކޮށްދިނުމަށް ކަމަށެވެ.
އެގޮތުން ޖުމުލަ 11 ނުކުތާއެއް ފާހަގަކޮށް ނެރެފައިވާ އެ ބަޔާނުގައި މީޑިއާ ކައުންސިލުން ވަނީ ނޫސްވެރިކަމުގެ އެއްވެސް ދާއިރާއަކުން އެވޯޑު ދިނުމުގައި އިނާމު ދިނުމުގެ އުސޫލާ ހިލާފު އެއްވެސް ކަމެއް ކޮށްފައި ނުވާނެ ކަމުގެ ޔަގީންކަން ދީފައެވެ.
ރޭ ނެރުނު އެ ބަޔާނުގައި ބުނީ މިދިޔަ އަހަރުގެ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުމަށް އެންމެ ދުވަހަކަށްވެފައި އޮއްވައި އެ ކައުންސިލުން ނެރުނު ނޫސް ބަޔާނަކީ ވަކި މީޑިއާއަކަށް ނުވަތަ ވަކި ކޮންޓެންޓަކަށް އަމާޒުކޮށް ނެރުނު ބަޔާނެއް ނޫން ކަމަށެވެ.
ފަނޑިޔާރުން ނެރުނު ކަމަށް ބުނާ ލިޔުމުގައި އެ ބަޔާނަކީ "އަދަދު" ނޫހުން މިދިޔަ އަހަރު ގެނެސްދިން "ސްކީލާން" ޑޮކިއުމެންޓަރީ އާ ގުޅުވައި ނެރުނު ބަޔާނެއް ކަމަށް ބުނެ ހަދާފައި ވަނީ ދޮގެއް ކަމަށް ވެސް އެމްއެމްސީގެ ބަޔާނުގައި ވެއެވެ.
ހަމަ އެހެންމެ އެ ބަޔާން ނެރެން ޖެހުނު ސަބަބެއް ކަމުގައި އެމްއެމްސީ ހާމަކޮށްފައިވަނީ ރިޔާސީ އިންތިހާބުގެ ތެރޭގައި ކެންޑިޑޭޓުންނަށް އަމާޒު ކޮށްގެން ބައެއް މީޑިއާތަކުން ނޫސްވެރިކަމުގެ މިންގަނޑުތަކާ ހިލާފު ކޮންޓެންޓު ޝާއިއު ކުރާ ކަމަށް ތުހުމަތުކޮށް ލިބެމުންދިޔަ ޝަކުވާތަކާ ގުޅިގެން ކަމަށެވެ،. އަދި އެއީ ވަކި ނޫހަކުން އާންމުކުރި ވަކި ކޮންޓެންޓަކަށް އަމާޒު ކޮށްގެން ނެރުނު ބަޔާނެއް ނޫން ކަމަށާ އެއީ މައުލޫމާތު ފެތުރުމުގައި ޖުމުލަކޮށް ހުރިހާ މީޑިއާތަކުން ސަމާލުވުމަށް އިރުޝާދު ދީ ނެރުނު ބަޔާނެއް ކަން ވެސް މީޑިއާ ކައުންސިލުގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
މީޑިއާ ކައުންސިލުން ނެރުނު ބަޔާނުގައި އިތުރަށް ބުނީ މިނިވަންކަމާއެކު މަސައްކަތް ކުރުމުގެ ޖާގަ ފަނޑިޔާރުންނަށް ދިނުމުގެ ގޮތުން އެވޯޑަށް ހުށަހަޅާ ހުށަހެޅުންތަކުގެ ތެރެއިން ޝަރުތު ހަމަނުވާ ހުށަހެޅުންތައް ޑިސްކޮލިފައި ކުރުމުގެ ބާރު ވެސް ފަނޑިޔާރުންނަށް ދީފައި އޮތް ކަމަށެވެ.
އެގޮތުން މީޑިއާ ކައުންސިލުން ދޭ ނޫސްވެރިކަމުގެ އިނާމު ދިނުމުގެ އުސޫލުގެ 28 ވަނަ މާއްދާގެ (ށ) ގެ ދަށުން، އިނާމަށް ހުށަހަޅާ ހުށަހެޅިމަކީ ޝަރުތުހަމަ ނުވާ ހުށަހެޅުމެއް ކަމަށް ކަނޑައެޅުމާއި ހުށަހެޅުމެއް ޑިސްކޮލިފައި ކުރުމުގެ ފުރިހަމަ ބާރު ހަމައެކަނި ލިބިގެންވަނީ ފަނޑިޔާރުންގެ ޕެނަލަށް ކަމަށް އެމްއެމްސީއިން ނެރުނު ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
ހަމައެހެންމެ 11 ވަނަ ނޫސްވެރިކަމުގެ އިނާމުގެ އިޖުތިމާއީ ދާއިރާ އަދި ޝަރުއީ އަދި ގާނޫނީ ދާއިރާއަށް ހުށަހަޅާފައިވާ ބައެއް ހުށަހެޅުންތައް އެކަމާ ގުޅޭ ފަނޑިޔާރުންގެ ޕެނަލުން ޑިސްކޮލިފައި ކުރިކަން ރޭ ނެރުނު ބަޔާނުގައި ފާހަގަ ކޮށްފައިވެއެވެ.
އިނާމު ދިނުމުގެ ހަފުލާގައި އެވޯޑުތައް ހަވާލު ކުރުމާ ހަމައަށް ފަނޑިޔާރުންގެ ފަރާތުން އެއްވެސް ކަންބޮޑުވުމެއް އަދި ޝަކުވާއެއް އެ ކައުންސިލަށް ހުށަހަޅައިފައެއް ނުވާ ކަމަށާ އަދި ނޫސްވެރިކަމުގެ އިނާމު ދިނުމުގެ ހަފުލާގައި ފަނޑިޔާރުންގެ ފަރާރުން ވާހަކަފުޅު ދެއްކެވި ފަނޑިޔާރު، މުހައްމަދު ސަލީމްގެ ވާހަކަފުޅުގައި ވެސް މި އަހަރުގެ އެވޯޑުގެ މިނިވަންކަމާއި އިންސާފުވެރިކަމާއި ފުރިހަމަކަން ފާހަގަކުރައްވައި އެކަންކަމަށް ތައުރީފު ކުރެއްވިކަން މީޑިއާ ކައުންސިލުގެ ބަޔާނުގައިވެއެވެ.
"ސްކީލާން" ގެ ނަމުގައި "އަދަދު" ނޫހުން ގެނެސްދިން ޑޮކިއުމެންޓަރީއަށް ވީޑިއޯ އޯޑިއޯ ކެޓެގަރީން ތަހުގީގީ ނޫސްވެރިކަމުގެ ދާއިރާގެ އެވޯޑު ލިބުނީ އެ ކެޓެގަރީއަށް އިންސާފު ކުރި ޕެނަލުގައި ހިމެނުނު ހުރިހާ ފަނޑިޔާރުން ސޮއިކޮށް ކައުންސިލަށް ފޮނުވި މާކުސް ޝީޓުގައި އެވޯޑު ލިބޭ ވަރަށް މާކުސް ލިބިފައި އޮތުމުން ކަމަން ފާހަގަކޮށް އެމްއެމްސީގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، "ޖީ ސްކީލާން" ތަހުގީގީ ވީޑިއޯ އުފެއްދުމަށް އެވޯޑު ލިބިފައި ވަނީ ފަނޑިޔާރުންނަށް ނޭނގި ކަމަށް ދޭހަވާ ގޮތަށް ފަނޑިޔާރުން ނެރެފައިވާ ކަމަށް ބުނާ ލިޔުމުގައި ފާހަގަކޮށްފައި އޮތްއިރު، "ޖީ ސްކީލާން" ތަހުގީގީ ވީޑިއޯ ރިޕޯޓަށް އެވޯޑު ދީފައި ވަނީ އެކަމާ ގުޅޭ ޕެނަލުގައި ހިމެނޭ ހުރިހާ ފަނޑިޔާރުން ސޮއިކޮށް ކައުންސިލަށް ހުށަހެޅި މާކުސް ޝީޓުތަކުން އެވޯޑު ލިބޭ މިންވަރަށް މާކުސް ލިބިފައި ވާތީ ކަމަށެވެ.
އޭގެ އިތުރުން އެ ބަޔާނުގައި ބުނީ އިނާމަށް ހުށަހެޅި އުފެއްދުންތައް އެވޯޑުގެ ޖުމުލަ ފަނޑިޔާރުންގެ ޕެނަލަށް ކައުންސިލުން ހުށަހަޅާފައި ނުވާ ކަމަށް ބުނާއިރު، އެވޯޑުގެ އުސޫލުގައި އޮންނަ ގޮތުން އެއީ އެކަން ކުރަންޖެހޭ ގޮތް ނޫން ކަމަށެވެ.
އެގޮތުން މޯލްޑިވްސް މީޑިއާ ކައުންސިލުން ދޭ ނޫސްވެރިކަމުގެ އިނާމު ދިނުމުގެ އުސޫލުގެ 27 ވަނަ މާއްދާގެ (ހ) ގައި ބަޔާން ކޮށްފައި ވާގޮތުން އިނާމަށް ހުށަހަޅާ ހުށަހެޅުންތައް ފޮނުވަންޖެހެނީ އެ ހުށަހެޅުމަކާ ގުޅޭ ފަނޑިޔާރުންގެ ޕެނަލަށް ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.
އެމްއެމްސީއިން މިފަދަ ބަޔާނެއް ނެރެފައިވާއިރު އެ ވޯޑުގެ މައްސަލަ ބެލުމަށް ސަރުކާރުން ޕްރެޝަރކޮށް އޭސީސީއިން ވަނީ އިއްޔެގެ ވަގުތެއްގައި އެ ކައުންސިލަށް ވަދެ އެވޯޑު ސެރެމަނީގެ މާކްސް ޝީޓު ގެންގޮސްފައިކަން ފާހަގަކޮށްލެވެއެވެ.