މަސްވެރިން ބާނާ މަހަށް މަދުވެގެން 48 ގަޑިއިރު ތެރޭގައި ފައިސާ ދޫކުރުމަކީ މި ރައީސް މުއިއްޒުގެ ރިޔާސީ ވައުދެކެވެ. އެކަމަކު، އެކަން އެ ގޮތަށް ނުކުރެވެނީ މަސްވެރިންނަށް ދިއްކޮށްލާނެ ފައިސާ ސަރުކާރުގައި ނެތުމުން ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
މަސްވެރިންނަށް ދޭންޖެހޭ ފައިސާ ދިނުން ލަސްވެގެން، މަސްވެރިން އެތައް ފަހަރަކު އެ ކަމުގެ ކަންބޮޑުވުން ފާޅުކޮށް ސުލްހަވެރި އެއްވުންތައް ބާއްވައި މުޒާހަރާ ވެސް ކުރަމުން ދަނިކޮށް މިއަދު ނޫސްވެރިންނާއި ރައީސް އޮފީހުގައި ބައްދަލުކޮށް ޝިޔާމް ވިދާޅުވީ މަސްވެރިންނަށް ވީ ވައުދަކީ ނުފުއްދުނަސް މި ސަރުކާރުގެ ހަދާނުން ފިލާނެ ވައުދެއް ނޫން ކަމަށެވެ.
ސަރުކާރަށް އެ ވައުދު ނުފުއްދި އަހަރެއް ވާން އުޅޭކަން ގަބޫލުކުރައްވާކަން ފާހަގަކުރައްވައި ޝިޔާމް ވިދާޅުވީ ވައުދު ފުއްދުމަށްޓަކައި ކުރަންޖެހޭ މަސައްކަަތްތައް އެބަހުރި ކަމަށެވެ. މިސާލެއްގެ ގޮތުގައި ދެއްކެވީ މި ސަރުކާރުން މިހާރު ވެސް މަސްވެރިންނަށް ދައްކަންޖެހޭ ފައިސާގެ ބޮޑު ބެކްލޮގެއް އޮތް ވާހަކަ އެވެ.
48 ގަޑިއިރު ތެރޭގައި ފައިސާ ދިނުމުގެ މި ވައުދަކީ ލަސްތަކެއް ނުވެ ފުއްދާނެ ވައުދެއް. އެ އަމާޒަށް އެއް އަހަރު ތެރޭގައި މަސައްކަތް ކޮށްފިން. އެއް އަހަރު ތެރޭގައި އެކަން ނުކުރެވުނީ ފައިސާ ނެތުމުން
ފައިސާ ނުހުންނަ ސަބަބަކީ، މިފްކޯއިން ބުނާ ގޮތުގައި، މަސްވެރިކަން ދަށްވެ، ކުންފުނީގެ މާލީ ހާލަތު ހުރި ގޮތުންނެވެ. މަސްވެރިނަށް ދޭންޖެހޭ ފައިސާ ސަރުކާރުން ނުދޭތީ މަސްވެރިން މީގެ ކުރިން ބުނެފައިވަނީ ހަރަދު ފޫނުބެއްދޭތީ މަހަށް ނުގޮސް މަޑުކުރަން ޖެހޭ ފަދަ ހާލަތަކަށް ގޮސްފައިވާ ކަމަށެވެ.
މިފްކޯއިން ކުރިން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިދިޔަ މަހުގެ 28 އާއި މި މަހުގެ 14އާ ދެމެދު މަސްވެރިން ކިރާފައިވާ މަހަށް 9.1 މިލިއަން ރުފިޔާ އެ ކުންފުނިން ދޭން ޖެހެ އެވެ.