އާސަންދައިގެ ހިދުމަތް މެދުނުކެނޑޭނެކަން ކަށަވަރު ކުރުމަށް ސަރުކާރަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލައަށް ފުރުސަތު ނުދޭން ރައީސް މުއިއްޒު ކޮންޓްރޯލް ކުރާ މަޖިލީހުގެ ރިޔާސަތުން ނިންމައިފިއެވެ.
ސަރުކާރުން ހަރަދު ކުޑަކުރުމުގެ ގޮތުން އާސަންދަ ސްކީމަށް ގެނައި ބަދަލުގެ ތެރޭގައި ޕްރައިވެޓް އިންޝުއަރެންސެއް އޮތް ނަމަ އޭގެ ލިމިޓް ހަމަވުމުން ނޫން ގޮތަކަށް އާސަންދަ ދޫނުކުރަން ސިއްހީ ހިދުމަތްދޭ ތަންތަނަށް އޮތީ އަންގައިފައެވެ.
ނަމަވެސް ސަރުކާރުގެ އެ ނިންމުމާ އެކު، ޕްރައިވެޓް އިންޝުއަރެންސްގެ ހިދުމަތްދޭ ތަންތަނުން ވަނީ ކޭޝްލެސް ހިދުމަތް މެދުކަނޑާލައިފަ އެވެ. އޭގެ ސަބަބުން ރައްޔިތުންނަށް މިހާރު ޖެހެނީ އަމިއްލަ އަތުން ފައިސާ ދައްކާށެވެ.
މިކަމުގެ ކަންބޮޑުވުން ރައްޔިތުން ކުރަމުން އަންނަނިކޮށް އާސަންދައާ ގުޅޭ ކުއްލި މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމެވެ.
އެ ކުއްލި މައްސަލާގައި ވަނީ ރައްޔިތުންނާ ސީދާ ގުޅުންހުރި އެފަދަ މުހިންމު ކަމެއްގައި އަދި ދައުލަތުން ފައިސާ ދީގެން ހިންގަމުން އައިސްފައިވާ ހިދުމަތެއް، ދައުލަތުން ފައިސާ ނުދިނުމުގެ ސަބަބުން ހުއްޓައިލަން ޖެހޭ ހިސާބަށް ދިޔަނުދިނުމަށް އަޅަން ޖެހޭ ފިޔަވަޅުތައް ލަސްނުކޮށް އެޅުމަށް ގޮވާލާ ކަމަށެވެ.
އެޑިއުކޭޝަން މިނިސްޓަރާ ސުވާލު ކުރުމުގެ ވަގުތު ނިމުމަށް ފަހު ރިޔާސަތުން ވަނީ އެ މައްސަލައިގެ ބަހުސް ތަޅުމުގައި ކުރުމާ މެދު ވޯޓަކަށް ދެވެން ނެތް ކަން އިއުލާނު ކުރައްވާފައެވެ.
"އެއީ އެ މާއްދާގެ ހ. ގައި ބުނަނީ ކުއްލި މައްސަލައެއްގެ ގޮތުގައި ހުށަހަޅާ މައްސަލައިގައި ބަޔާންކުރާ ކަންކަން ވާން ޖެހޭނީ ކުއްލިއަކަށް ހިނގައިގެން އުޅޭ ކަމަކަށޭ. އަދި އެއީ ވޭތުވެދިޔަ ހަތް ދުވަހު ހިނގައިގެން އުޅޭ ކަމަކަށޭ ވާން ޖެހޭނީ
މަޖިލީހުގެ މިއަދުގެ ޖަލްސާގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ކުއްލި މައްސަލައިގައި ތަޅުމުގައި ބަހުސް ކުރުމާމެދު ވޯޓަކަށް ދެވެން ނެތް ކަމަށެވެ.
އެ ގޮތުން އެއީ ކުއްލިއަކަށް ހިނގައިގެން އުޅޭ ކަމަށް ވާންޖެހޭނެ ކަމަށް މަޖިލީހުގެ ގަވާއިދުގައި ބުނާ ކަމަށާއި އަދި އެއީ ފާއިތުވި ހަތް ދުވަހު ހިނގައިގެން އުޅޭ ކަމަކަށް ވާންޖެހޭނެ ކަމަށްވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މިއީ މި ގޮތަށް ވޯޓަށް ނާހައި ބޭރުކޮށްލި ދެވަނަ ކުއްލި މައްސަލައެވެ. އިޒްރޭލު ޕާސްޕޯޓު މަނާކުރުން ލަސްވާތީ، މެންބަރު މުހައްމަދު އިބްރާހިމް ކުރިން ހުށަހެޅުއްވި ކުއްލި މައްސަލަ ވެސް ވަނީ ބޭރުކޮށްލައިފައެވެ.
މުއިއްޒުއާއި އަބްދުއްރަހީމް އިސްވެ ރައްޔިތުންގެ މަޖިލީސް ހައިޖެކް ކޮށްގެން ކުރަމުން އަންނަ ޣައިރު ދުސްރޫރީ ނިންމުތަކަށް މިނިވަން ޖަމިއްޔާތަނާއި އިދިކޮޅު ސިޔާސީ ޕާޓީތަކުން އަންނަީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.