ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދޮންމަންމާފުޅު، ސްރީ ލަންކާގެ ރައްޔިތެއް ކަމުގައިވާ، ޖީ ސްކީލާންއާ ގުޅޭ ގޮތުން އޮންލައިން ނޫހަކުން ގެނެސްދިން ޑޮކިއުމަންޓްރީއެއްގެ އަޑު އަނެއްކާވެސް ގަދަވެފައިވުމުން ދިފާއުގައި ނުކުންނަވާ ރައީސް މުއިއްޒު ކުޅުއްވި ޑްރާމާ އަތަށް ގޮވައިފިއެވެ.
އެގޮތުން ރައީސް މުއިއްޒު ވަނީ ދައުލަތުގެ މީޑިޔާ ވެސް ހިމެނޭހެން މީޑިޔާތަކަކަށް "ސްކީލާން" ޑޮކިއުމަންޓްރީގައި ހުރި ވާހަކަތަކުގެ ބަދަލުގައި އަމިއްލަފުޅު ދިފާއުގައި ވާހަކަފުޅު ދައްކަވާފައެވެ.
ސަރުކާރުގެ 20 އަހަރުގެ މާސްޓާ ޕްލޭން އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް މުއިއްޒުވަނީ ދޮންމަންމާފުޅާ ގުޅޭ ސުވާލެއް ކުރެއްވުމުން، ބައްޕާފުޅު އަވަހާރަވުމުން ތަރިކަ ބެހި ގޮތުގެ ވާހަކައެ ދައްކަވާފައެވެ.
އެގޮތުން އެމަނިކުފާނު ވިދާޅުވީ، ލަންކާގައިހުރި ތިން ގޯއްޗާއި އިމާރާތްތަކާއި ވިޔަފާރި، އަދި ބައްޕާފުޅުގެ ސްރީލަންކާ އެކައުންޓުގައި ހުރި ހުރިހާ ފައިސާއެއް އެމަނިކުފާނު ދޮންމަންމާފުޅަށް ދެއްވާފައިވާނެ ކަމަށެވެ. އަދި ބަދަލުގައި ދޮންމަންމާފުޅު ވަނީ ހުވަފަތް އަނބީގެ ގޮތުން ދޮންމަންމާފުޅަށް ލިބޭ ބައިކުޅަ ބައި އެމަނިކުފާނަށް ދިނުމަށް ނިންމާފައި ކަމަށާއި ކޯޓުން ތަރިކަ ބަހައި ނިންމީ ވެސް އެގޮތަށް ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.
އޭގެ ފަހުން ދޮންމަންމާފުޅާ ގުޅުވައިގެން އެމަނިކުފާނާ ދެކޮޅަށް ކުރެވިފައިވާ އެންމެހައި ތުހުމަތުތަކަކީ ދޮގު ވާހަކަތަކެއްކަމަށް ރައީސް މުއިއްޒު ވަނީ ވިދާޅުވެފައެވެ.
ނަމަވެސް ދޮންމަންމާފުޅު ޑީޕޯޓުކޮށްލި ގޮތުގެ ވާހަކައާ ގުޅޭގޮތުން ނޫސްވެރިއަކު ސުވާލުކުރުމުން އެމަނިކުފާނު އެއްޗެއް ވިދާޅުނުވިކަން ފާހަގަކޮށްލެވެއެވެ. ގިނަ ބަޔަކު ބުނާ ގޮތުގައި ރައީސް މުއިއްޒު އެކަމުގައި ވާހަކަ ނުދެއްކެވީ އެކމުގެ ފަހަތުގައި ހަގީގަތެއް އޮތުމުން ކަމަށާ އެހެން ނޫންނަމަ ދިފާއުގައި އެއްޗެއް ވިދާޅުނުވެ ނުހުންނަވާނެ ކަމަށެވެ.
ރައީސް މުއިއްޒުގެ ދޮންމަންމަގެ ވާހަކައިގެ އަޑު އަނެއްކާވެސް ގަދަވެފައި މިވަނީ ރައީސް މުހައްމަދު މުއިއްޒުގެ ދޮންމަންމާފުޅާމެދު އަމަލު ކުރިގޮތުގެ މައްޗަށް ކަމަށް ބުނެ އޮންލައިން ނޫސް "އަދަދު" އިން ހެދި "ސްކީލާން" ޑޮކިއުމަންޓްރީއަށް މިއަހަރުގެ ނޫސްވެރިކަމުގެ އިނާމު ލިބުމާއި ގުޅިގެންނެވެ.