ރައީސް ޔާމީން / ފޭސްބުކް
ހަބަރު
އަންނަ އަހަރުގެ ބަޖެޓަކީ ބޮޑު އޮޅުވާލުމެއް: ރައީސް ޔާމީން
Qudhrathullah Ameen
ގުދުރަތުﷲ އަމީން
09 ނޮވެމްބަރު 2024
މާލެ ސިޓީ

‏އަންނަ އަހަރުގެ ބަޖެޓަކީ އޮޅުވާލުމެއް ކަމަށާއި ނޫނީ ބަޖެޓްގެ ތަފްސީލް ދޭން ނޭނގެނީ ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

ފިނޭންސް މިނިސްޓްރީން އަންނަ އަހަރަށް ލަފާކޮށް ހުށަހެޅީ 56.6 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ބަޖެޓުގެ ހަރަދު 49.2 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ލަފާކޮށްފައިވާއިރު އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 39.8 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.

މިފަހުން ރާއްޖެ ޓީވީއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ރައީސް ޔާމީން ވިދާޅުވީ ‏އަންނަ އަހަރުގެ ބަޖެޓުން ފެންނަނީ ހަމައެކަނި ޖަހާފައި ހުރި އަދަދުތަކެއް ކަމަށާއި އޭގައި ތަފްސީލެއް ނެތް ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ އިދކޮޅުގެ އެންމެން މި ބަޖެޓުގެ ތަފްސީލެއް ނެތްކަމަށާއި ބަޖެޓުން ފެންނަނީ މަކަރު ހެދުން ކަމަށް ބުނާއިރު ވެސް ސަރުކާރުން މި ކުރާ ކަމަކީ ބޮޓުން ލައްވާ މި ބުނަނީ މި ފާސްކުރާ ބަޖެޓަކީ ގެދޮރުވެރިކަމުގެ ބަޖެޓެއް ކަމަށެވެ.

ޕީއެސްއައިޕީގެ 12 ބިލިއަންގެ ތެރެއިން ގެދޮރުވެރިކަމަށް އޮތީ 1.8 ނުވަތަ 1.9، ބަޖެޓަކީ އޯވާ 50 ބިލިއަން، އޭގެތެރެއިން އެންމެ 2 ބިލިއަން ޖަހައިގެން މިބުނަނީ މީ ގެދޮރުވެރިކަމުގެ ބަޖެޓެކޭ، މިހިރީ ކަންކަން ސްޕިން ކުރަން ކުރާ މަސައްކަތް

- ރައީސް ޔާމީން

ރައީސް ޔާމީން މިހެން ވިދާޅުވިއިރު ބަޖެޓާމެދު ރާއްޖޭގެ ސިޓީތަކުގެ މޭޔަރުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. މޭޔަރުން މިފަދަ ކަންބޮޑުވުން ފާޅުކުރަނީ ކައުންސިލްތަކުގެ ބްލޮކް ގްރާންޓް ކުޑަކުރުމާ ގުޅިގެންނެވެ.

އެގޮތުން އައްޑޫގެ މޭޔަރު އަލީ ނިޒާރު ވިދާޅުވީ ހުށަހެޅިފައިވާ ބަޖެޓުން މުވައްޒަފުންގެ މުސާރަވެސް ދެވޭނެ ގޮތެއް ނުވިސްނޭ ކަމަށެވެ. އަދި ރާއްޖޭގެ މާލީ ހާލަތު ސަރުކާރުން ހާމަނުކުރާއިރު އަދި ހަރަދު ކުޑަކުރުމަށް އަމުދުން ފިޔަވަޅެއް ނާޅާއިރު މިޒާތުގެ މާލީ ސިޔާސަތަކީ ތަފާތުކުރުމާއި އޮޅުވާލުން ކަމަށް ގަބޫލުކުރެވޭ ކަމަށެވެ.

ފުވައްމުލަކުގެ މޭޔަރު އިސްމާއީލް ރަފީގު ވިދާޅުވީ ރަށްފުށުގެ ކުރިއެރުމާއި ތަރައްގީއަށް ކައުންސިލްތަކުން ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާ ދަނޑިވަޅެއްގައި ބަޖެޓް ކަނޑާލުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ. އަދި ކައުންސިލްތަކަށް ކަނޑައަޅާފައިވާ ބަޖެޓު އެކަށީގެންވާ ވަރަށް ބޮޑުކުރުމަށް އޭނާ ވަނީ ގޮވާލާފަ އެވެ.

ކުޅުދުއްފުށީގެ މޭޔަރު މުހައްމަދު އާތިފު ވިދާޅުވީ ސަރުކާރުން ހުށަހަޅާފައިއޮތް ބަޖެޓް އެގޮތަށް ފާސްކޮށްފިނަމަ، ކައުންސިލްތަކުގެ ރިކަރަންޓް ހަރަދު ފޫބައްދާންވެސް ގޮންޖެހުންތަކެއް ހުންނާނެ ކަމަށެވެ.

ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓް ހުޅައެޅިއިރު ޕީއެސްއައިޕީ މަޝްރޫއުތަކަށް ހޭދަވާނެ ސާފު ފައިސާގެ އަދަދުގެ ތަފްސީލު ނެތް ކަމަށް އެމްޑީޕީ ޕީޖީ ލީޑަރު އިބްރާހިމް ނާޒިލް ވެސް ވަނީ ވިދާޅުވެފަ އެވެ.

މި މަހުގެ 20 ވަނަ ދުވަހު ބަޖެޓުގެ މަސައްކަތް ނިންމަންޖެހޭކަން ފާހަަގަކުރައްވައި ބަޖެޓު ދިރާސާކުރަން މިހާރު އޮތީ 14 ވަރަކަށް ދުވަހުގެ މުހުލަތެއް ކަމަށާއި، އެފަދަ މުއްދަތެއްގަައި ބަޖެޓު ރަނގަޅަށް ދިރާސާކުރާނެ ގޮތާމެދު އެމްޑީޕީގެ މަޖިލިސް މެމްބަރުން މިއަދު ވަނީ ސުވާލު އުފައްދަވާފަ އެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved