އާބަން ސެންޓަރުތައް ކަނޑައެޅުމުގައި ބޮޑުތިލަދުންމަތިއާއި، ރާއްޖޭގެ ދެކުނު އުނިކުރި ސަބަބު ރައްޔިތުންނަށް ސާފުވާން ޖެހޭކަމަށް އެމްޑީޕީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
ހައުސިން މިނިސްޓްރީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ވަނީ، އާބަން ސެންޓަރުތަކުގެ ގޮތުގައި ތަރައްގީ ކުރަން ރައީސް ކަނޑައަޅުއްވާފައިވާ ހަތް ރަށުގެ ލިސްޓު އާންމުކޮށްފަ އެވެ.
އެ ރަށްތަކަކީ:
ރ. އުނގޫފާރު
ބ. އޭދަފުށި
ޅ. ނައިފަރު
އދ. މަހިބަދޫ
ފ. ނިލަންދޫ
ދ. ކުޑަހުވަދޫ
ލ. ފޮނަދޫ
ރައީސް މުއިއްޒު މީގެ ކުރިން ވިދާޅުވެފައިވަނީ، ހަތް އާބަން ސެންޓަރުގެ އިތުރުން ރާއްޖޭގެ އުތުރާއި ދެކުނުގައި، އިންޓަގްރޭޓެޑް ޑިވެލޮޕްމަންޓް ޒޯނުގެ ދެ ޒޯނެއް ތަރައްގީ ކުރައްވާނެ ކަމަށެވެ. އޭގެ ބެނުމަކީ ރާއްޖޭގެ އެކި ސަރަހައްދުތަަކށް ތަރައްގީ އާއި ރަށްވެހިކަމުގެ މަންދާ ބެހިފައިވާ ގޮތަކަށް ކުރިއަށް ދިޔުން ކަމަށް އެ މަނިކުފާނު ވިދާޅުވެފައިވެ އެވެ.
މި ރަށްތަކުގެ ތެރޭގައި އެންމެ އުތުރާއި އެންމެ ދެކުނުގެ ރަށެއް ހިމެނިފައި ނުވާތީ ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވީ އާބަން ސެންޓަރު ކަނޑައެޅުމުގައި ބޮޑުތިލަދުންމައްޗާއި ރާއްޖޭގެ ދެކުނުގެ ސަރަހައްދު އުނިވެފައި މިވާ ސަބަބު އެ ސަރަހައްދު ތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ސަރުކާރުން ސާފުކޮށްދޭން ޖެހޭ ކަމަށެވެ. އަދި މިފަދަ ކަންކަން ނިންމުމުގައި ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކުގެ މަޝްވަރާ ހޯދުމަކީ މުހިންމު ކަމެއް ކަމުގައި ދޭ ކަމަށް ވިދާޅުވި އެވެ.
އާބަން ސެންޓަރުގެ ގޮތުގައި ރަށްތަކެއް ކަނޑައެޅުމުގެ މަގްސަދަކީ ލާމަރުކަޒީ ނިޒާމުން ރަށް ރަށް ހިންގުމުގެ ނިޒާމުން އެރަށްތައް ވަކިކޮށް މާލޭން ހިންގަން ފެށުން ކަމުގައިވެގެން ނުވާނެ،
ޝާހިދު ވިދާޅުވީ އާބަން ސެންޓަރުގެ ގޮތުގައި ރަށްތައް ކަނޑައެޅުމުގެ މަގްސަދަކީ ލާމަރުކަޒީކޮށް ރަށްތަކުގެ ހިންގުމުގެ ނިޒާމު އެ ރަށެއް ވަކިކޮށް މާލެއިން ހިންގަން ފެށުންކަމަށް ވެގެން ނުވާނެކަމަށެވެ.
ރައީސް މުއިއްޒުގެ މެނިފެސްޓޯގައިވާ ގޮތުން ހއ. އަތޮޅާއި، ހދ. އަތޮޅު އަދި ށ. އަތޮޅު ހިމެނޭ އުތުރުގެ ތަރައްގީގެ ޒޯނުގައި، މައި ހަބަކީ ހދ. ކުޅުދުއްފުއްޓެވެ. އަދި ގއ. އަތޮޅާއި، ގދ. އަތޮޅާ، ފުވައްމުލަކު ސިޓީ އަދި އައްޑޫ ސިޓީ ހިމެނޭ ދެކުނުގެ ތަރައްގީގެ ޒޯނުގައި، މައި ހަބަކީ އައްޑޫ ސިޓީ އެވެ.