ޝަކުވާތަކާއި ތުހުމަތުތައް ބޮޑުވަމުންދާތީ 4000 ފްލެޓް ލިބޭ މީހުންގެ ލިސްޓް އަންނަ ހަފްތާގައި އިއުލާން ކުރާނެ ކަމަށް ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. އަލީ ހައިދަރު ވިދާޅުވެއްޖެއެވެ.
މިދިޔަ ސަރުކާރުގެ ދައުރުނިމެން ކުޑަދުވަސްކޮޅަކަށް ވެފައިވަނިކޮށް ވަނީ ފްލެޓް ލިބޭ މީހުންގެ ލިސްޓު އާންމު ކޮށްފައެވެ.
ނަމަވެސް މި ސަރުކާރު މަސްެއޫލިއްޔަތުތަކާއި ހަވާލުވިފަހުން ވަނީ އެ ލިސްޓް އިވޭލުއޭޓް ކުރުމުގެ ނަމުގައި ލިޔުން ހަވާލުކޮށްފައިވާ އިރުވެސް ފްލެޓްތައް ނުދީ ހިފަހައްޓާފައެވެ.
މި މައްސަލައާއި ގުޅިގެން ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވަނީ މިނިސްޓަރ ހައިދަރަށާއި މުއިއްޒުއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
މިގޮތުން، އެއް ސަރުކާރަކުން ހަވާލުކޮށްފައިވާ ފްލެޓްތައް ‘އިވޭލުއޭޓް’ ކުރުމަކީ ސީދާ ކޮރަޕްޝަން ކަމަށާއި އެއީ މި ސަރުކާރުގެ ފައިދާ ފްލެޓްތައް އަރިސް މީހުންނަށް ބެހުމަށް ކުރަމުންދާ ކަމެއްގެ ގޮތުގައި ވަނީ ސިފަކުރައްވާފައެވެ.
ސަރުކާރަކާއި ރައްޔިތުންނާއި ދެމެދު ވެފައިވާ އަހުދެއް އާ ސަރުކާރަކުން އައިސް އުވާލުމަކީ ރައްޔިތުންގެ އިތުބާރު ގެއްލިދާނެ ކަމެއް ކަމުގައިވެސް އެމަނިކުފާނު ވަނީ އެކި ފަހަރު މަތިން ވިދާޅުވެފައެވެ.
މިނިސްޓަރ ހައިދަރު އެ ވިދާޅުވާ އިވޭލުއޭޓް އަށް ފަހު ނެރޭ ފްލެޓް ލިސްޓްގެ އިންތިޒާރުގައި ވެރިކަން ފެށުނީއްސުރެ ތިބި ދިވެހިން މަދެއް ނޫނެވެ.