"ބުނި ބަސް" ސެގްމެންޓްގައި މިއަދު މިބަލާލަނީ 08 އޮގަސްޓް 2023 ވަނަ ދުވަހު ޕީޕީއެމް/ޕީއެންސީ ލީޑަޝިޕްގެ ހުރިހާ މެންބަރުން ރިޔާސީ ކެންޑިޑޭޓުގެ ގޮތުގައި މުއިއްޒު އެންޑޯޒް ކުރެއްވުމަށް ފަހު އެ ޕާޓީގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މުއިއްޒު ދެއްކެވި ވާހަކަފުޅަކަށެވެ.
ރިޔާސީ އިންތިހާބު ކާމިޔާބުވެއްޖެ ނަމަ ކުރިއަށް ގެންދަވާނީ ރައީސް އަބްދުﷲ ޔާމީންގެ ތަރައްގީގެ ލެގަސީ ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް އަދި މާލޭގެ މޭޔަރު އަދި މިއަދު ރައީސް ޑރ. މުހައްމަދު މުއިއްޒު އެދުވަހު ވިދާޅުވި އެވެ.
އިދިކޮޅު ޕީޕީއެމް/ޕީއެންސީ ލީޑަޝިޕްގެ ހުރިހާ މެންބަރުން ރިޔާސީ ކެންޑިޑޭޓުގެ ގޮތުގައި މުއިއްޒު އެންޑޯޒް ކުރެއްވުމަށް ފަހު އެ ޕާޓީގެ އޮފީހުގައި އެދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މުއިއްޒު ވިދާޅުވީ މި ގައުމަށް ތަރައްގީ އަކީ ކޯނޗެއް ކަން ދަސްކޮށްދެއްވީ ރައީސް ޔާމީން ކަމަށެވެ.
އެހެންވެ އޭނާގެ އެންމެ އިސްކަމެއް ދޭނެ ސިޔާސަތަކީ ޔާމީންގެ ތަރައްގީގެ ލެގަސީ ކުރިއަށް ގެންދެވުން ކަމަށާއި އެއީ އެއްވެސް މީހަކު ޝައްކު ކުރާނެ މަސައްކަތެއް ނޫން ކަމަށް މުއިއްޒު ވިދާޅުވިއެވެ.
ރައީސް ޔާމީން ތަރައްގީގެ ވައުދުތައް ވެފައި ވަނީ އެކަން ކުރާނެ ގޮތް އެނގިގެން ކަމަށާއި އިންތިހާބު ކާމިޔާބު ވެއްޖެ ނަމަ ކުރިޔަށް ގެންދަވާ މަޝްރޫއުތައް ހިންގަވާނީ އެކަން ރަނގަޅަށް ހާސިލް ކުރެވޭ ގޮތަށް ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.
ރައީސް ޔާމީންގެ އިރުޝާދާއި ލަފަޔާއި ފުރިހަމަ ދައުރާ އެކީ އިރާދަކުރެއްވިއްޔާ ފަސް އަހަރު ތަރައްގީ ގެނެސްދޭނީ. އިގްތިސާދު ކޮޅަށް ޖަހާނަން،
މުއިއްޒު ވެވަޑައިގެންފައިވާ ފުރަތަމަ ވައުދަކީ އޭނާގެ ވެރިކަމުގެ ފުރަތަމަ ދުވަހު ރައީސް ޔާމީން މިނިވަން ކުރުމެވެ. މުއިއްޒު އެދުވަހު ވިދާޅުވީ ބަދަލު ހިފުމުގެ ރޫހު ނިމުމަކަށް އަންނަން ޖެހޭ ކަމަށާއި މަސައްކަތް ކުރައްވާނީ ގައުމަށް ހަމަޖެހުން ގެނެސްދިނުމަށް ކަމަށެވެ.
ނަމަވެސް ރައީސް މުއިއްޒުގެ ވައުދާއި ހިލާފަށް އެމަނިކުފާނުގެ "ޗޯރު"ކަން ތިޔަބޭފުޅުން ތި ދަނީ ތަޖުރިބާ ކުރަމުން ނެވެ. ރައީސް މުއިއްޒުގެ ބަހާއި އަމަލު ދިމާނުވާކަން މިދަނީ ވަރަށް ރަނގަޅަށް ސާފުވަމުންނެވެ. އިރު އަރާ އޮއްސިގެންދަނީ އެމަނިކުފާނުގެ ދޮގުގެ ގުލްދަސްތާތަކުން ފުރެމުންނެވެ.