ރާއްޖޭގައި މިއަދު އޮތް ދަތި ހާލުގެ ފުރިހަމަ ޒިންމާ އެމްޑީޕީ ސަރުކާރުން ވެސް ނަގަން ޖެހޭ ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ ރާއްޖެ ޓީވީގެ "ފަށާއިރު" ޕްރޮގްރާމަށް ދެއްވި ބަސްދީ ގަތުމުގައެވެ. އެގޮތުން އެމްޑީޕީއާ އެކު ސިޔާސީ މަސައްކަތްކުރަން ކޯލީޝަންއެއް ހަދާފާނެ ތޯ ސުވާލުކުރުމުން އެކަމުގެ ޖަވާބުގައި ރައީސް ޔާމީން ވިދާޅުވީ، އެމްޑީޕީ އަކީ ގައުމަށާ ރައްޔިތުންނަށް ހެޔޮ އެދޭ ބައެއްކަމަށް އެމަނިކުފާނަށް ގަބޫލުނުކުރެވޭ ކަމަށާ އަދި އެމްޑީޕީއިން ގައުމުގެ ހައްގުގައި ރަގަޅު މަސައްކަތެއް ކުރާނެ ކަމަށްވެސް އެމަނިކުފާނަށް ގަބޫލުނުކުރެއްވޭ ކަމަށެވެ.
މީގެ އިތުރުން އެމަނިކުފާނު ވިދާޅުވީ އެމަނިކުފާނަށް 2018 އިން 2023އަށް ލިބުނު ހުރިހާ ނުހައްގު އަނިޔާގެ ފަހަތުގައި އިސްވެ އޮތީ އެމްޑީޕީ ކަމަށާ އަދި އެމްޑީޕީއާ އެމަނިކުފާނުގެ އައިޑިޔޮލޮޖީއަކީ ތަފާތު ދެ އެއްޗެއް ކަމަށްވުމުން އެމްޑީޕީއާ އެކު މަސައްކަތްކުރުމުގެ ބޭނުމެއް އެމަނިކުފާނަށް ވިސްނިވަޑައިނުގަންނަވާ ކަމަށެވެ. ރައީސް ޔާމީން ވިދާޅުވި އެމަނިކުފާނު އެމްޑީޕީއަށް އިތުބާރުވެސް ނުކުރައްވާ ކަމަށެވެ.
އެހެންވީމަ ދެން ކީއްކުރަންތޯ އަޅުގަޑު އެމީހުންނާއެކު ކުރިއަށް ދާންވީ. އަޅުގަޑު އެއްވެސް އިރަކު ޚިޔާލެއް ނެތް. އަޅުގަޑުމެންނާ އެމްޑީޕީއާ ދޭތެރޭ ވާހަކަތަކެއް ދެއްކިދާނެ. އެކަމަކު އެމީހުންނާއެކި އެގްރިމަންޓް ހަދާ ސިޔާސީ މަސައްކަތްކޮށް މި ސަރުކާރު ވައްޓާލަން ސަރުކާރަށް ދެރަދޭން މިކަންކަން ކުރާކަށް ކޮންމެހެން އަޅުގަޑު ނެތިން އެމްޑީޕީއާ އެކީ. އެއީ އަޅުގަޑު އިތުބާރު ނުކުރަން އެމްޑީޕީއަށް. އަޅުގަޑު ގަބޫލެއް ނުކުރަން އެމްޑީޕީއިން މަސައްކަތްކުރަނީ ދިވެހި ރައްޔިތުންގެ ވެލްބީންއަށް ކަމަށް.
ރައީސް ޔާމީން ވިދާޅުވީ، އިންޑިއާގެ އަޅުވެތިކަމަށް ގައުމު މިއަދު ގޮސްފައި އޮތީވެސް އެމްޑީޕީގެ އިހުމާލުން ކަމަށާ އެހެންކަމުން އެމަނިކުފާނަށް އެމްޑީޕީއާއެކު މަސައްކަތްކުރުމަށް ޟަމީރު ތަންނުދޭ ކަމަށެވެ.