ގާޒާގެ ހަނގުރާމަ ހުއްޓާލުމާއި، ސަހްޔޫނީންގެ ރަހީނުން މިނިވަންކުރުމުގައި ހަމާސް އާއި އިޒްރޭލު އެއްބަސްވުމަކަށް ގެނެވޭތޯ ގަތަރުން އިސްވެ އަދާކުރަމުން ދިޔަ މެދުވެރިއެއްގެ ދައުރު އަދާކުރުން އެ ގައުމުން މެދުކަނޑާލައިފި ކަމަށް ޑިޕްލޮމެޓިކް ބައެއް ބޭފުޅުންނާ ހަވާލާދީ އޭއެފްޕީން ބުނެފި އެވެ.
އަދި އެމެރިކާގެ އެދުމުގެ މަތިން ހަމާސްގެ ސިޔާސީ ލީޑަރޝިޕް މަހެއްގެ ތެރޭގައި ގަތަރުން ފުރައިގެން ދިއުމަށް އަންގާފައިވާ ކަމަށްޔޫއޭއީގެ ނޫހެއްކަމުގައިވާ "ދަ ނޭޝަނަލް" އަށް ހޮނިހިރު ދުވަހު ރިޕޯޓް ކުރިއެވެ.
ހަމާސްގެ ސިޔާސީ ބިއުރޯގެ އިސް މެންބަރުންނަށް މި ހަފްތާގެ ކުރީކޮޅު މި ނިންމުން އަންގާފައިވާ ކަމަށް މަސްދަރުތަކުން ބުނެފައިވެ އެވެ. 2012 ވަނަ އަހަރު ސީރިއާއިން ދޯހާއަށް ހިޖުރަކުރި، ހަމާސްގެ 20 އަހަރަށްވުރެ ގިނަ ދުވަހު ލީޑަރުކަން ކުރި ޚާލިދު މަޝްއަލް (2017 ގެ ނިޔަލަށް) އިން ފެށިގެން، ގަތަރުން ވަނީ ހަމާސްގެ ލީޑަރޝިޕަށް މެހެމާންދާރީ އަދާކޮށްދީފަ އެވެ.
ނަމަވެސް މި ވާހަކަ ދޮގުކޮށް ގަތަރުގެ ހާރިޖީ ވުޒާރާގެ ތަރުޖަމާން މަޖީދު ބިން މުހައްމަދު އަލްއަންސާރީ ވިދާޅުވި ގޮތުގައި ގާޒާ ސުލްހައިގެ ވާހަކަތަކުގައި ގަތަރުން އަދާކުރި މެދުވެރިއެއްގެ ދައުރު ދޫކޮށްލައިފި ކަމަށް ބުނެ މީޑިއާތަކުން ދައްކާ ވާހަކަތައް މުޅިން ރަނގަޅެއް ނޫނެވެ.
ތަރުޖަމާން ވިދާޅުވި ގޮތުން ސުލްހައިގެ ވާހަކަތައް މިވަގުތަށް އޮތީ މެދުކެނޑިފަ އެވެ. ކުރިއަށް އޮތް މަޝްވަރާތަކުގައި ގަތަރު ބައިވެރިނުވާ ގޮތަށް އަދި ނިންމާފައި ނުވާނެ ކަމަަށް އޭނާ ވިދާޅުވި އެވެ.
ގަތަރުގައި ތިބި ހަމާސްގެ ލީޑަރުން އެ ގައުމުން ބޭރުކުރާ ކަމަށް ބުނެ ދައްކަނީވެސް ފުލެއް ބިތެއް ނެތް ވާހަކަތަކެއް ކަމަށް ތަރުޖަމާން ވިދާޅުވި އެވެ.
މައުލޫމާތުގެ ރަނގަޅު ގޮތަކީ ގާއްޒާ ހަނގުރާމަ ހުއްޓުވައި ސުލްހަވުމަށް ކުރާ މަސައްކަތްތަކުގައި ހަމާސް ބައިވެރިވާނެކަން ކަމެވެ. މި ސަބަބަށްޓަކައި ހަމާސްގެ ބައެއް ވެރިން ގަތަރުގައި އަދި ދެމިތިބޭނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ހަމަލާތައް ހުއްޓުވަން މަޝްވަރާކުރާތާ އަހަރެއް ވެގެން ދިޔައިރު އެ މުއްދަތުގައި ފަލަސްތީނުން ވަނީ 43652 މީހަކު ޝަހީދުވެފަ އެވެ. އދ. އިން ބުނި ގޮތުގައި މީގެ ތެރޭގައި އަންހެނުންނާ ކުޑަކުދިން ވަރަށް ގިނަ އެވެ. އަދި ސަހްޔޫނީން ލުބްނާނަށް ދެމުން ގެންދާ ހަމަލާތަކުގައި ވެސް މިހާތަނަށް 2،700 މީހަކު މަރުވެފައިވާ ކަމަށް އެ ގައުމުގެ އޮފިޝަލުން ވިދާޅުވެ އެވެ.