އައިޖީއެމްއެޗުގައި މަސައްކަތް ކުރި ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސް އޮނެޑް ޕިނެޑާގެ މަރުގެ މައްސަލާގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ ހަލީމަތު ލަމްހާ އަބްދުއްރަހްމާނު ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފިއެވެ.
އޮކްޓޫބަރު، 2021 ގައި މޭރީ މަރާލި ކަމަށް ބުނެ މޭރީގެ ފިރިމީހާ މާވިން އެސްވައިގެ މައްޗަށް ދައުވާ ކުރާއިރު، ލަމްހާގެ މައްޗަށް ކުރަނީ އެކަމުގައި ބައިވެރިވުމުގެ ދައުވާ އެވެ. އެ މައްސަލާގައި އޮކްޓޫބަރު، 2021 އިން ފެށިގެން މިހާތަނަށް ލަމްހާ ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރުމަށް ފަހު މިދިޔަ އަހަރު ވެސް ކްރިމިނަލް ކޯޓުން ލަމްހާ ބަންދުން ދޫކުރިއެވެ.
ޝަރުތުތަކާ އެކު ލަމްހާ ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުން މިއަދު ނިންމީ ޝަރީއަތް ނުނިމި ލަސްވެފައިވާތީ އޭނާގެ ފަރާތުން މިދިޔަ ހަފުތާގައި އެގޮތަށް އެދުމުންނެވެ.
ލަމްހާ ދޫކޮށްލީ މާލެ ސަރަހައްދުން ބޭރަށް ނުދިއުމަށާއި ވަކި ވަގުތުތަކެއްގައި ގެއިން ބޭރަށް ނުނިކުތުމުގެ އިތުރުން ކޯޓުން އަންގާ ގަޑިއަށް ކޯޓަށް ހާޒިރުވުމަށް ޝަރުތުކޮށެވެ.
ލަމްހާ ބަނދުން ދޫކޮށްލާފައި މިވަނީ އޭނާގެ ފުށުން މުޖުުތަމައުއަށް އޮތް ނުރައްކާ ކުޑަނުވާ ކަމަށް ބުނެ ބަންދުން ދޫކޮށްލަން ދައުލަތުން އިއުތިރާޒް ކޮށްފައި ވަނިކޮށެވެ.
19 އޮކްޓޫބަރު 2021ގައި މއ. އުދުހޭކޮކާގޭގެ ފުރަތަމަ ފަންގިފިލާގައި ދިރިއުޅެމުން އައި މޭރީ އޭނާގެ ފިރިމީހާ އާއި ފިރިމީހާގެ ލޯބިވެރިޔާ ކަމަށް ބުނާ ލަމްހާ ގުޅިގެން މަރާލި ކަމަށް ދައުލަތުން ތުހުމަތު ކުރަނީ މޭރީގެ ބޮލާއި ކަރަށް ހަމަލާދީގެންނާއި ނޭވާ ހާސްކޮށްލައިގެންނެވެ.
ލަމްހާ ދޫކޮށްލި ނަމަވެސް، އެ މައްސަލާގެ ތުހުމަތު ކުރެވޭ މާވިން އަދިވެސް ހުރީ ބަންދުގައެވެ.
ދަންޖެހިގެން ޚަބަރު ހުސްވެފައިވާކަމަށް ބުނެ މޭރީގެ ހަށިގަނޑު އައިޖީއެމްއެޗަށް ގެންދިޔައީ 2021 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގައެވެ. އޭނާގެ މަރުގައި ޝައްކު ކުރެވޭ ފަދަ ކަންތައްތަކެއް ހުރުމުން ފިރިމީހާ މާވިން އެސްވައި ވާގަސް ހައްޔަރު ކުރީ އެ މަހުގެ 27 ވަނަ ދުވަހުއެވެ. އަދި، މާވިންގެ ދިވެހި ލޯބިވެރިޔާ ލަމްހާ ހައްޔަރު ކޮށްފައިވަނީ އެ އަހަރުގެ ޑިސެމްބަރު މަހުގެ 16 ވަނަ ދުވަހުއެވެ.
އެ މައްސަލައާ ގުޅިގެން މާވިންއަށް ވަނީ ގަސްދުގައި މީހަކު މަރާލިކަމުގެ ދައުވާ ކޮށްފައެވެ. އަދި، ލަމްހާއަށް ވަނީ އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާގެ އިތުރުން ދެ ދައުވާއެއް އުފުލައިފަ އެވެ. އެއީ އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރުހިންގުމުގެ ކުށުގެ ދައުވާއާއި ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގައި ކުރުމުގެ ދައުވާއެވެ.