ރައީސް މުހައްމަދު މުއިއްޒު ގެ މައްޗަށް ކުރެވޭ ކަރަޕްޝަންގެ ތުހުމަތުތަކުން ނަން ކްލިއަރ ކުރައްވަން ރައީސް އަބްދުﷲ ޔާމީން ގޮވާލައްވައިފިއެވެ.
ރައީސް ޔާމީން ރައީސް މުއިއްޒަށް މިފަދައިން ގޮވާލެއްވީ ހޯމަ ދުވަހުގެރޭ ބޭއްވި ޕީއެންއެފް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ޔާމީން ވަނީ ރައީސް މުއިއްޒު ސިޓީ ކައުންސިލްގައި ހުންނެވިއިރުގެ ކޮރަޕްޝަން މައްސަލަތައް ހުރިކަމަށް ރައްޔިތުން ކުރާ ތުހުމަތުތައް އެބަހުރި ކަން ފާހަގަކުރައްވާފައެވެ. އަދި ރައީސް މުއިއްޒުގެ ވެރިކަމަށް އަހަރެއް ވެގެންދިޔައިރު، މުއައްސަސާތަކަށް "އަތް ނުބާނަމޭ ބުނާއިރު" އެ މައްސަލަތައް ނުހިނގަނީ ކީއްވެތޯ ވެސް ރައީސް ޔާމީން ސުވާލު އުފައްދަވާފައިވެއެވެ.
އެހެންކަމުން އެފަދަ ބޮޑެތި ކޮރަޕްޝަންގެ ތުހުމަތުތައް ހުރުމުން ވެރިޔަކަށް ހުންނަވާއިރު ނަން ކިލަނބުކަމުން ކަނޑުވަން ޖެހޭކަން ފާހަގަކުރައްވާ ރައީސް ޔާމީން ވިދާޅުވީ، އަމިއްލަފުޅަށް ނަން ކްލިއަރ ނުކުރާހާ ހިނދަކު އެ ތުހުމަތުތައް ދެމި އޮންނާނެ ކަމަށެވެ.
އަޅުގަނޑު އިލްތިމާސް ކުރަން މުއިއްޒު އަށް މުއިއްޒުގެ ހުށަހެޅިފައި އެހުރި ތުހުމަތު ތަކުން މުއިއްޒު ބަރީއަ ވެ ވަޑައިގަންނަވަން
މީގެ އިތުރުން ވެސް ރައީސް ޔާމީން ވަނީ ވެރިކަމަށް އިންތިހާބު ވެވަޑައިގެންނެވި ފަހުންވެސް ރައީސް މުއިއްޒު ހިންގެވިކަމަށްވާ ކޮރަޕްޝަންގެ މައްސލަަތއް ހުރިކަންވެސް ފާހަގަކުރައްވާފައެވެ.
އެގޮތުން މަޖިލީހުގައި އެމްޑީޕީގައި ތިއްބެވި ތޭރަ މެމްބަރުން، ރައީސް މުއިއްޒު އިންތިހާބުވެވަޑައިގެންނެވުމާ އެކު ކަނޑާލައިގެން ޕީއެންސީއަށް ގެންދިޔަ މައްސަލަ އަށް ޖަވާބުދާރީ އެއް ނުވެވޭކަމާ ރާޖޫ މާލެ (ރަސްމާލެ) ހިއްކަން ހިންގި ޖަރީމާ އަށް ޖަވާބުދާރީ އެއް ނުވެވޭ ކަމާ އެމްއެމްއޭ އިން ނެރަފައި ހުރި އެސްޑީއާރުތަކަށް ޖަވާބުދާރީ އެއް ނުވެވޭ ކަމާ، ރައީސް މުއިއްޒާ ދެކޮޅަށް ވައްދާފައި ހުރި ކަރަޕްޝަންގެ މައްސަލަތަކަށް ޖަވާބުދާރީ އެއް ނުވެވޭކަމުގެ އިތުރުން މިފަހަރުގެ ރައްޔިތުންގެ މަޖިލިސް މެމްބަރުން ޕީއެންސީ ޓިކެޓުގައި ހޮވި ގޮތާ މެދުވެސް ކުރެވުމުންދާ ތުހުމަތުތަކަށް ޖަވާބުދާރީ ރައީސް މުއިއްޒަށް ނުވެވޭކަން ރައީސް ޔާމީން ފާހަގަކުރައްވާފައިވެއެވެ.