
ދިވެހިރާއްޖޭގައި މިއަދު ރައްޔިތުންގެ ވެރިކަމެއްގެ ކޮޅުމަތި ގެއްލެމުންދާ ކަމަށް ކުރިގެ ނައިބު ރައީސް، ޑރ މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ، ގައުމުގެ ކަންކަން ހިނގަމުންދާ އުސޫލަށް ނަޒަރު ހިންގަވާލައްވާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ޑރ ޖަމީލު ވަނީ ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ ބޭފުޅަކު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަދި އިލެކްޝަން ކޮމިޝަން (އީސީ)ގެ ރައީސްގެ މަގާމަށް އައްޔަންކުރަން ގާނޫނަށް ބަދަލު ގެންނަން ކުރަމުންދާ މަސައްކަތަށް އަލި އަޅުވާލައްވާފައެވެ.
އެމަަނިކުފާނު ވަނީ ގައުމުގެ ހުރިހާ ބާރުތަކެއް، ރައީސް މުއިއްޒުގެ އަތަށް އޭސީސީ އަދި އީސީ ފަދަ ތަންތަނުގެ ބާރުތައް ޖަމާކުރުމުން ދެން ވާނީ ކިހިނެތްތޯ ސުވާލު އުފައްދަވާފައެވެ. އަދި ރައްޔިތުންގެ ބާރު ކަށަވަރު ކުރާނީ ކާކުތޯ ކަމާ މެދުވެސް ސުވާލު އުފައްދަވާފައިވެއެވެ.
މީގެ އިތުރުން ރައްޔިތުންގެ ވެރިކަމެއްގެ ހުރިހާ ސިފަތަކެއް ދިވެހި ޖުމްހޫރިއްޔާގެ ތެރެއިން ގެއްލެމުންދާކަން ފާހަގަކުރައްވާ ޑރ ޖަމީލު ވިދާޅުވެފައިވަނީ ރައީސް މުއިއްޒު ފެންބޮވައިގެންފައި ހުންނެވީ ގަދަބާރުން ވެރިކަމެއްކުރަން ކަމަށެވެ.
ރައީސް މުއިއްޒަށް ކުރެވޭ އެކި އެކި ތުހުމަތުތަކަށް އިޝާރާތްކުރައްވާ ޑރ ޖަމީލު ވިދާޅުވީ، ނޫމަޑި އާ ދިމްޔާތުއާ ގުޅުން ހުރި ކޮރަޕްޝަންގެ ތުހުމަތުތަކުގެ އިތުރުން މިހާރު އެސްއޯއީތަކުން ނިޒާމުން ބޭރުން ކަލެކްޓުކޮށް ހިންގަމުންދާ ކޮރަޕްޝަންގެ ތުހުމަތު ބަލާނީ ކޮންތާކުންތޯ ކަމަށެވެ.
ހަމައެހެންމެ ޕީއެންސީއާ މުއިއްޒު އިންތިޚާބުތަކަށް ނުފޫޒު ފޯރުވުމުން ބަލާނީ ކޮންތާކުން ތޯ ސުވާލު އުފައްދަވާ ޑރ ޖަމީލު ވަނީ މަޖިލިސް ރައީސް އަބްދުއްރަހީމު އަބްދުﷲ އާ މަޖިލިސް ނައިބު ރައީސް އަހުމަދު ނާޒިމްއާ އަދި ޕީއެންސީގެ ބޮޑުންނަށް ކުރެވޭ ތުހުމަތުތައް ބަލާނީ ކޮންތާކުންތޯ ކަމާ މެދު ވެސް ސުވާލު އުފައްދަވާފައެވެ.










