ވެރިކަމަށް އެއް އަހަރު ވެގެންދާއިރު ރައްޔިތުން ތިބީ ރައީސް މުހައްމަދު މުއިއްޒުގެ ފަޅީގައި ނޫން ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ، ހޯމަ ދުވަހުގެރޭ ބޭއްވި ޕީއެންއެފްގެ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
މިއަހަރުގެ ޖުމްހޫރީ ދުވަހުގެ މުނާސަބާގައި ބޭއްވި ޖަލްސާގައި ގައުމާ މުޚާތަބުކުރައްވާ ރައީސް މުއިއްޒު ވިދާޅުވީ އެމަނިކުފާނު ކުރައްވަމުން ގެންދަވަނީ ރައްޔިތުންގެ ވެރިކަމެއް ކަމަށާ އެމަނިކުފާނު ނިންމަވާ ކޮންމެ ނިންމެވުމެއް ނިންމަވަނީވެސް ރައްޔިތުންގެ ހައްގުގައި ކަމަށެވެ. އަދި އެމަނިކުފާނު ހުންނެވީ ރައްޔިތުންގެ ފަޅީގައި ކަމަށްވެސް ރައީސް މުއިއްޒު އެ ރޭ ވިދާޅުވިއެވެ.
އެ ވާހަކަފުޅުތަކަށް ނަޒަރު ހިންގަވާލައްވާ ރައީސް ޔާމީން ވިދާޅުވީ އެއް އަހަރު ފާއިތުވަމުންދާއިރު ވެރިން ދަނީ ރައްޔިތުންނަށް ގިނަ އޮޅުވާލުންތަކެއް އޮޅުވާލަމުން ކަމަށާ އެހެންކަމުން މިއަދު ވެރިކަމުގެ ސައްހަ ކަމާމެދު ވެސް ސުވާލު އުފެދޭ ކަމަށެވެ. އަދި ރައީސް މުއިއްޒު އަރިހުގައި މިއަދު ތިބި ބައެއް މީހުންވެސް ގެންދަނީ އެމަނިކުފާނަސް ތާއީދު ނެތްކަން ނުސީދާކޮށް ހާމަކުރަމުން ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ. އަދި ވިދާޅުވީ ރައީސް މުއިއްޒު ރައްޔިތުން ފަޅީގައި ހުންނެވިނަމަވެސް ރައްޔިތުން މިއަދު ތިބީ ރައީސް މުއިއްޒު ފަޅީގައި ނޫން ކަމަށެވެ.
އެހެންވެ އަބްދުއްރަހީމު މިހާރު އެ ގޮވާލަނީ ރައްޔިތުންގެ ތާއީދު ރައީސުލްޖުމްހޫރިއްޔާއަށް އޮތްތޯ ބަލަން ރިކޯލް ވޯޓަކަށް ދާން. ރައީސުލްޖުމްހޫރިއްޔާ ތިހާ ވަރަށް ބައްޕާފުޅުގެ ފޮތުން ކިޔވައިދެއްވަިއގެން ނަންގަވާ ދެއްވާ ފިލާވަޅަށް ވަންޏާ ރައީސުލްޖުމްހޫރިއްޔާ ފުރަތަމަ ކުރައްވަންވީ ކަމަކީ، ތިމަންނަގެ ވެރިކަމުގައި ސައްހަ ކަމެއް، ގާނޫނީ ޝަރުއީ ލެޖިޓަމެސީއެއް މީގައި އޮތްތޯ ބަލާލުމަށް މިހާރު ރައްޔިތުންނަށް އެއް އަހަރުގެ ތެރެޣައި ކުރެވިފައި ހުރި ތަޖުްރިބާތަކުގެ އަލީގައި އިޚްލާތެރިކަމުގައި ރައްޔިތުންނަށް ވެރިކަންކޮށް ދެއްވާކަމަށް ވިދާޅުވަންޏާ ބައްލަވާ ލައްވަންވީ ތިމަންނައަށް ރައްޔިތުންގެ ތާއީދު އޮތީ ކިހާ ވަރަކަށްތޯ
ރައީސް ޔާމީން ވިދާޅުވީ ރައްޔިތުންގެ ވެރިކަމެއް ކުރައްވާ ނަމަ ރައްޔިތުންގެ ބައިވެރިވުން އޮންނަން ވާނެ ކަމަށާ އެ މަންޒަރު މި ސަރުކާރުގެ ތެރެއިން ނުފެންނަ ކަމަށެވެ.