މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަންގެ ބިލު އޮތީ ސަރުކާރުގެ ނުފޫޒު މީޑިއާ ތެރެއަށް ވަދެ، މިނިވަން ނޫސްވެރިކަމުގެ ހައްގު ގެއްލޭ ގޮތަށް ކަމަށް ސިފަކޮށް، މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ)އިން އެ ބިލާ މެދު މިއަދު ކަންބޮޑުވުން ފާޅުކޮށްފިއެވެ.
މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެމްބަރު އަބްދުލް ހަންނާން އަބޫބަކުރު ހުށަހެޅުއްވި މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަންގެ ބިލާ މެދު ކަންބޮޑުވުން ފާޅުކޮށް އެމްޖޭއޭއިން ނެރުނު ބަޔާނުގައިވަނީ އެ ބިލުގެ ސަބަބުން ނޫސްވެރިކަމުގެ މިނިވަންކަމުގެ ހައްގު ވަރަށް ބޮޑަށް ހަނިވެގެން ދާނެ ކަމަށެވެ.
އެ ޖަމިއްޔާއިން އަބަދުވެސް ގަބޫލުކުރާ އުސޫލަކީ މީޑިއާ ރެގިއުލޭޓް ކުރުމުގެ އިހްތިޔާރު އޮންނަން ވާނީ ސެލްފް ރެގިއުލޭޓްރީ ނިޒާމަކަށް ބުރަވާ ގޮތަށް ކަމަށް އެ ބަޔާނުގައިވެއެވެ.
ހަންނާން އަބޫބަކުރު ހުށަހެޅުއްވި މި ބިލަކީ މި ހުރިހާ އުސޫލުތައް މުގުރިގެންދާނޭ ފަދަ މިނިވަން ނޫސްވެރިކަމާއި މީޑިއާއަށް އޮތް ނުރައްކަލެކެވެ، އެހެންކަމުން ސަރުކާރަށް ފާރަވެރިވާން ތިބޭ ބައެއްގެ ކަންކަން ބެލެހެއްޓުމާ ސަރުކާރުން ހަވާލުވުމަކީ ވަރަށް ދެކޮޅު ނުޖެހޭ ނިޒާމެކެވެ. އަދި މީޑިއާތައް ބެލެހެއްޓުމަށް މީގެ ކުރިން ސަރުކާރުގެ ނުފޫޒު ވަން ކޮންމެ ފަހަރަކު ވެސް މީޑިއާތަކާ ބޮޑެތި ޖޫރިމަނާތަކާ ކުރިމަތިވެ ބައެއް ތަންތަން ބަންދުކުރާ ހިސާބަށް ގޮސްފައިވެއެވެ.
އޭގެއިތުރުން އެމްޖޭއޭއިން ބުނީ ސެލްފް ރެގިއުޅޭޓަރީ އުސޫލަކީ ދުނިޔޭގެ ކުރިއަރާފައިވާ ޑިމޮކްރަޓިކް އުސޫލުތައް އޮންނަ އެހެން ގިނަ ގަުއމުތަކުގައި ވެސް އަމަލު ކުރަމުން އަންނަ ކާމިޔާބު ނިޒާމެއް ކަމަށެވެ. މިފަހުން އުފެއްދި ބާ ކައުންސިލަކީ ވެސް ކާމިޔާބު ކަމާ އެކު ހިނގަމުން އަންނަ އެފަދަ މިސާލެއް ކަމަށް އެ ޖަމިއްޔާއިން ފާހަގަކުރި އެވެ.
އަދި ބިލު ހުށަހެޅުއްވި މެންބަރު ވެސް އަދި ސަރުކާރުގެ ފަރާތުން ވެސް އެ ބިލު އެކުލަވާލުމުގައި އެމްޖޭއޭ އަދި މީޑިއާގެ އިސް ފަރާތްތަކުގެ ލަފާ އެއްވެސް ވަރަކަށް ނުހޯދާކަން ވެސް އެ ޖަމިއްޔާއިން ފާހަގަކުރިއެވެ.
އެމްޖޭއޭއިން ބުނީ ސެލްފް ރެގިއުލޭޓްރީ ނިޒާމަކީ ދުނިޔޭގެ ކުރިއަރާފައިވާ ޑިމޮކްރަޓިކް އުސޫލުތައް އޮންނަ އެހެން ގިނަ ގައުމުތަކުގައި ވެސް އަމަލު ކުރަމުންދާ ކާމިޔާބު ނިޒާމެއް ކަމަށެވެ. އަދި ރާއްޖޭގެ ބާ ކައުންސިލަކީ ކާމިޔާބުކަމާ އެކު ހިނގަމުން އަންނަ މުއައްސަސާއެއް ކަމަށް އެ ޖަމްއިއްޔާއިން ބުންޏެވެ.
އެމްޖޭއޭއިން ބުނީ މީޑިއާތައް ރެގިއުލޭޓް ކުރަން އުފައްދާ އާ ކޮމިޝަންގެ ތިންބައިކުޅަ ދެ ބައި އޮންނަންވާނީ މީޑިއާތަކުގެ އެޑިޓަރުންނާއި ސީނިއާ އަދި ޖޫނިއާ ނޫސްވެރިންނާއި މީޑިއާތައް އަދި މަދަނީ ޖަމިއްޔާތައް ތަމްސީލުވާ ގޮތެއްގެ މަތިން ކަމަށެވެ.